އައްޑޫއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާއާ އެމްޑަބްލިއުއެސްސީއިން ހަވާލުވެ، ބިލިން ސައިކަލް މާދަމާ ފަށަނީ
އައްޑޫ ސިޓީއާއި، އައްޑޫ ހުޅުދޫ، އައްޑޫ މީދޫ އަދި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތާ ރަސްމީކޮށް ހަވާލުވެ، ފުރަތަމަ ބިލިންގ ސައިކަލް ފަށާނެ ދުވަސް އެމްޑަބްލިއުއެސްސީއިން ކަނޑައަޅައިފިއެވެ.
އެ ކުންފުނިން ބުނީ، ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް މި ސަރަހައްދުތަކުގެ ޚިދުމަތާ ހަވާލުވިކަމަށާއި، ކުންފުނީގެ ފުރަތަމަ ބިލިންގ ސައިކަލް 22 އޮކްޓޫބަރު 2026 ގައި ފަށާނެ ކަމަށެވެ.
އެމްޑަބްލިއުއެސްސީއިން ބުނެފައިވާ ގޮތުގައި، މީޓަރު ރީޑިންގ ނެގުމަށް ރަސްމީ ޔުނިފޯމުގައި ކުންފުނީގެ މުވައްޒަފުން ގޭބިސީތަކަށާއި ޚިދުމަތް ދޭ އެކި ޢިމާރާތްތަކަށް ދާނެއެވެ. މީޓަރު ހަރުކޮށްފައިވާ ތަންތަނަށް އެ މުވައްޒަފުންނަށް ފަސޭހައިން ވަދެވޭނެ އިންތިޒާމު ހަމަޖައްސައިދީ، އެއްބާރުލުން ދިނުމަށް ކަސްޓަމަރުންނަށް އެ ކުންފުނިން އެދިފައިވެއެވެ.
ޚިދުމަތް ބަދަލުވަމުންދާ މި މަރުޙަލާގައި އެއްވެސް ކަސްޓަމަރަކަށް ދެމުންދާ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އެ ކުންފުނިން ދީފައިވެއެވެ. ބިލުތަކަށް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްކުރުމަށް ވެސް އެމްޑަބްލިއުއެސްސީއިން އެދިފައިވެއެވެ. އަދި ޚިދުމަތްތައް ފަސޭހައިން ހޯދުމަށް އެ ކުންފުނީގެ މޯބައިލް އެޕް ޑައުންލޯޑްކޮށް އެކައުންޓް ރަޖިސްޓްރީކުރުމަށް ވެސް ކަސްޓަމަރުންނަށް ގޮވާލާފައިވެއެވެ.
ކަސްޓަމަރުންނަށް ގާތުން ޚިދުމަތް ދިނުމަށް ވަގުތީ ކަސްޓަމަރ ސަރވިސް ކައުންޓަރު ދެކެއް ވެސް ޤާއިމުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އައްޑޫ ސިޓީ ބްރާންޗް ހުންނަނީ ފޭދޫ ހިރިޔާ މަގުގައި ކަމަށާއި، ފުވައްމުލައް ސިޓީ ބްރާންޗް ހުންނަނީ ނައިބުތުއްތު ހިނގުން، މިސްކިތް މަގުގައި ކަމަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް ކަސްޓަމަރ ކެއަރ ހޮޓްލައިން 1575 އަށް ގުޅުމުން ނުވަތަ ކުންފުނީގެ އީމެއިލަށް މެއިލް ކުރުމުން އެހީތެރިކަން ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް