އިންތިޚާބީ ކޮމެޓީގެ މެމްބަރުން ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ތިއްބެވުމުން ފާޑުކިޔައިފި
އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީ ބާއްވާނެކަން އިއުލާނުކޮށްފައިވާއިރު، އެ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ ކަން ވަނީ އިއުލާނު ކުރައްވާފައެވެ.
އެކަން ރަސްމީކޮށް އިއުލާނުކުރައްވާ ޕްރައިމަރީ ކާމިޔާބުކުރުމުގެ މަސައްކަތް ފެއްޓެވުމަށް ސޯލްޓު ކެފޭގައި އެމަނިކުފާނު ވަނީ ޖަލްސާއެއް ބާއްވާފައެވެ.
އެއާއެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބީ ކޮމެޓީގެ މެމްބަރުން އެ ޖަލްސާގައި ބައިވެރިވެވަޑައިގެން ތިއްބެވިތަން ފެންނަ ފޮޓޯތަކެއް ވަނީ ސޯޝަލް މީިޑިއާގައި ދައުރުވާން ފަށާފައެވެ.

އެ ފޮޓޯތައް ހިއްސާކުރައްވާ ކުރެއްވި ޓްވީޓެއްގައި ޕްރައިމަރީގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވަނީ ފާޑުވިދާޅުވެފައެވެ.
އެގޮތުން ވައްޑެ ވަނީ އެމްޑީީޕީގެ އިންތިޚާބު ކޮމެޓީގެ މެމްބަރުންނަށްވެސް ރައީސް ސޯލިހު އަންގަވާ އަމުރުކޮށްގެން ކެމްޕޭނު ބައްދަލުވުމަށް ނެރުނީތޯ އައްސަވާ ސުވާލުކުރައްވާފަ އެވެ.

އެމްޑީީޕީގެ ޕްރައިމަރީ އިއުލާނު ކުރުމާއި ގުޅިގެން ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދުގެ ފެކްޝަނުން ގެންދަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވަމުންނެވެ.
އެގޮތުން ޕާޓީގެ ދަފްތަރު ގަޑުބަޑުކޮށްފައިވާ ކަމަށާއި، ޕްރައިމަރީ އިންސާފިވެރިވާނެކަމަށް ގަބޫލު ނުކުރައްވާކަމަށް ރައީސް ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް