މިއަދުން ފެށިގެން މަޖީދީމަގު، ސޯސަންމަގު އަމީނީމަގުގައި ޕާކުކުރުން މަނާ، ފިޔަވަޅު އަޅާނެ
މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުފަހަރާމެދު މިއަދުން ފެށިގެން ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ހާމަކުރައްވައިފިއެވެ.
އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ޤާނޫނާއި ޤަވާއިދުތައް ތަންފީޒުކުރުމުގެ މަޤްޞަދުގައި، ޕާކުކުރުން މަނާ ސަރަޙައްދުތައް ކަނޑައަޅައި އެ މިނިސްޓްރީން އިޢުލާނުކުރެއްވީ މި ހިނގާ މަހުގެ 14 ވަނަ ދުވަހުއެވެ. އަދި އެ އިޢުލާނާއެކު ދެއްވި 7 ދުވަހުގެ މުހުލަތު އިއްޔެގެ ނިޔަލަށް ހަމަވުމާ ގުޅިގެން، ޤަވާއިދާ ޚިލާފަށް ޕާކުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފަށާނެކަން ކުރިންވެސް ވަނީ އިޢުލާނުކުރައްވާފައެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަގުތަކުގެ ތެރެއިން ބައެއް މަގުމަގުގެ އެއްފަރާތުގައި ޕާކިންގ ޒޯންތައް ޤާއިމުކޮށް، ޕާކުކުރުމުގެ ހުއްދަ ވަނީ ދީފައެވެ. ނަމަވެސް، މަޖީދީމަގާއި އަމީނީމަގުގައި އެއްވެސް ޕާކިންގ ޒޯނެއް ކަނޑައަޅާފައި ނުވާތީ، އެ ދެ މަގުގައި އެއްވެސް ވަރަކަށް އުޅަނދު ޕާކުކުރުމަކީ މަނާކަމެކެވެ. މީގެއިތުރުން، ސޯސަންމަގާއި ބޮޑުތަކުރުފާނުމަގުގައި ޕާކުކުރުމަށް ކަނޑައަޅައި ފާހަގަކޮށްފައިވާ ޚާއްޞަ ޒޯންތަކުގައި ޕާކުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.
މާލެއާއި ހުޅުމާލޭގައި ޕާކުކުރުން މަނާކުރެވިފައިވާ މައިގަނޑު ސަރަޙައްދުތަކަކީ:
މާލެ:
މަޖީދީމަގު
ސޯސަންމަގު
އަމީނީމަގު
ބޮޑުތަކުރުފާނުމަގު
ހުޅުމާލެ ފިޔަވަހި 1:
ބޯށިމާ ހިނގުން
ސައިމާ ހިނގުން
ނިރޮޅު މަގު
ހަނދުވަރީ ހިނގުން
ހިތިގަސް މަގު
ބަގީޗާ ހިނގުން
ރީތިގަސް މަގު
ހުޅުމާލެ ފިޔަވަހި 2:
ގުލްއަލާމާ ހިނގުން
ނިރޮޅު މަގު
ބެރެބެދިމާ ހިނގުން
ހިތިގަސް މަގު
މީގެ އިތުރުން މަގުމަތީގައި އުޅަނދުފަހަރު ޕާކުކުރުމުގައި، ޕާކުކުރުން މަނާކޮށްފައިވާ ތަންތަނަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
މިގޮތުން ޕާކުކުރުން މަނާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ:
މިސްކިތްތަކުގެ ކައިރި
ކަފިހިހުރަސްތަކާއި ދުވާރުމަތި
މަގުތަކުގެ ކަންމަތިތައް
ސްކޫލްތައް ހިމެނޭ ސަރަހައްދުތައް
ހޮސްޕިޓަލްތަކުގެ ވަށައިގެންވާ ސަރަހައްދުތައް
ބޭންކުތައް ކައިރި
ބޮޑުތަކުރުފާނު މަގުގެ ތާރުއަޅާފައިވާ ސަރަހައްދު
ޓްރެފިކް ކޯނާއި ބެރިކޭޑް ޖަހައި ބަންދުކޮށްފައިވާ ސަރަހައްދުތައް
މަގުމަތީގައި ދެ ރޮނގު (ޑަބަލް ލައިން) ދަމާފައިވާ ސަރަހައްދުތައް
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވި ގޮތުގައި، ޤަވާއިދާ ޚިލާފުވާ ފަރާތްތަކަށް އަޅާ ފިޔަވަޅުތަކުގެ މަޢުލޫމާތު ފޮނުވަމުންދާނީ އެސް.އެމް.އެސް (SMS) އަދި އީމެއިލް މެދުވެރިކޮށެވެ. އެހެންކަމުން، މިފަދަ އެންގުންތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މިހާރު ބޭނުންކުރައްވާ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް އެ މިނިސްޓްރީގެ ސިމްސް (SIMS) ޕޯޓަލް މެދުވެރިކޮށް އަދާހަމަކުރެއްވުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް