ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ޕާކިސްތާނުގެ ބޮޑުވަޒީރު ދެއްވައިފި
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ރާއްޖެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދައުވަތު ދެއްވައިފި އެވެ.
ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި މިއަދު މެންދުރުފަހު ދެއްވި ބަޔާނުގައި ރައީސް ވަނީ ފަސޭހަފުޅު ވަގުތެއްގައި ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ޕާކިސްތާނުގެ ބޮޑު ވަޒީރަށް ދެއްވާފަ އެވެ. ޕާކިސްތާނުން އެމަނިކުފާނަށް ދެއްވީ ވަރަށް ފުރިހަމަ މެހެމާންދާރީއެއް ކަމުގައި ވިދާޅުވެ ރާއްޖެ އޮތީ ޕާކިސްތާނުގެ ބޮޑުވަޒީރަށް މަރުހަބާ ދެންނެވުމަށް އިންތިޒާރުގައި ކަމުގައި ވިދާޅުވި އެވެ.
ރައީސް ޑރ. މުޢިއްޒު ޕާކިސްތާނަށް މި ކުރައްވާ ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ވޭތުވެދިޔަ 60 އަހަރުގެ އެކުވެރިކަން ފާހަގަކުރުން އެކަނި ނޫން ކަމަށާއި، މުސްތަގުބަލުގައި އިތުރަށް ވަރުގަދަ ގުޅުމެއް ބިނާކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ބޮޑުވަޒީރާއެކު ބެއްވި ބައްދަލުވުމުގައި ވިޔަފާރި، އިންވެސްޓްމަންޓް، ފަތުރުވެރިކަން، ސިއްހަތު، ތައުލީމު، މަސްވެރިކަން، ދަނޑުވެރިކަން އަދި ދިފާއީ ދާއިރާ ހިމެނޭހެން އެކި ދާއިރާތަކުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށާއި، އެކި ދާއިރާތަކުން 20 ފަހުމުނާމާއެއް ބަދަލުކުރެވިފައިވާ ކަމަށެވެ.
އެއްބަސްވުންތައް އަމަލީ ގޮތުން ތަންފީޒުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއްބަސްވުންތަކުގެ ފައިދާ ސީދާ ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް