ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް ފަށަނީ؛ ފަތުރުވެރިކަމަށް އައު ދޮރުތަކެއް ހުޅުވޭނެ: ރައީސް މުޢިއްޒު
ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމަށް ކުރެވެމުންދާ މަޝްވަރާތަކާ މެދު ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށާއި، އޭގެ ސަބަބުން ފަތުރުވެރިކަމަށް އައު ދޮރުތަކެއް ހުޅުވި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފާ އެކު މިއަދު އިސްލާމްއާބާދުގައި ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.
އެ ބަޔާނުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ފުޅާކުރުމަށްޓަކައި ދަތުރުފަތުރުގެ ނިޒާމު ރަނގަޅުކުރުމުގެ މުހިންމުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
"ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ސީދާ ދަތުރުތައް ގާއިމުކުރުމަށް މިހާރު ކުރިއަށްދާ މަޝްވަރާތަކުން އަޅުގަނޑަށް ވަރަށް ބޮޑު އުއްމީދެއް ލިބިގެންދޭ. ސީދާ ދަތުރުތަކުގެ ސަބަބުން ޝައްކެއްވެސްނެތް ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާއަށް އައު ފުރުސަތުތައް ހުޅުވިގެންދާނެ،" ކަމަށެވެ.
ދެ ގައުމުގެ ދެމެދުގައި ހިއްސާކުރާ އިސްލާމީ އުސޫލުތަކާއި ސަގާފީ ގުޅުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސީދާ ދަތުރުތައް ފެށުމުން ހަލާލް އަދި ”މުސްލިމް-ފްރެންޑްލީ“ ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ ބޮޑު ފުރުސަތެއް އެބައޮތް ކަމަށެވެ.
"ހަލާލް އަދި މުސްލިމް-ފްރެންޑްލީ ޓޫރިޒަމްގެ ދާއިރާއިން ވެސް ގިނަ ފުރުސަތުތަކެއްވެސް ފަހިވެގެންދާނެ. އަޅުގަނޑުމެން ހިއްސާކުރާ އުސޫލުތަކާއި ތަޖުރިބާތަކަކީ މި ގުޅުމަށް ލިބޭ ވަރަށް ވަރުގަދަ ބިންގަލެއް،" ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު ޕާކިސްތާނަށް މި ކުރައްވާ ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ވޭތުވެދިޔަ 60 އަހަރުގެ އެކުވެރިކަން ފާހަގަކުރުން އެކަނި ނޫން ކަމަށާއި، މުސްތަގުބަލުގައި އިތުރަށް ވަރުގަދަ ގުޅުމެއް ބިނާކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ބޮޑުވަޒީރާއެކު ބެއްވި ބައްދަލުވުމުގައި ވިޔަފާރި، އިންވެސްޓްމަންޓް، ފަތުރުވެރިކަން، ސިއްހަތު، ތައުލީމު، މަސްވެރިކަން، ދަނޑުވެރިކަން އަދި ދިފާއީ ދާއިރާ ހިމެނޭހެން އެކި ދާއިރާތަކުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށާއި، އެކި ދާއިރާތަކުން 20 ފަހުމުނާމާއެއް ބަދަލުކުރެވިފައިވާ ކަމަށެވެ.
އެއްބަސްވުންތައް އަމަލީ ގޮތުން ތަންފީޒުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއްބަސްވުންތަކުގެ ފައިދާ ސީދާ ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށެވެ.
"އެއްބަސްވުންތަކުގެ މާނައެއް އޮންނާނީ އެއިން ނަތީޖާއެއް ނެރެދެވުނީމާ. އަޅުގަނޑުމެންގެ ދެން އޮތް ފިޔަވަޅަކީ، މި ވިސްނުންތައް އަމަލީ ފުރުސަތުތަކަކަށް ބަދަލުކޮށް، ދެ ގައުމުގެ ރައްޔިތުންނަށް އޭގެ ހަގީގީ މަންފާ ހޯދައިދިނުން،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 13 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް އިތުރުކުރުމުގެ އަމާޒު ޕާކިސްތާނުން އިފާފައިވާއިރު އެކަމަށް ރައީސް ތާއީދުކުރެއްވިއެވެ.
"ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރި 13 މިލިއަނުން 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އަޅުގަނޑު ފުރިހަމައަށް ތާއީދުކޮށް އެއްބަސްވަން،" ރައީސް ވިދާޅުވިއެވެ.
މިއާއެކު ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ގުޅުން ބަދަހިކުރެވިދާނެ އަދި ބޭނުންނުކުރެވި ހުރި ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށާއި، މި އައު ގުޅުމުގެ ސަބަބުން ދެ ގައުމަށްވެސް ބޮޑެތި މަންފާތަކެއް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
މީގެ އިތުރުން ދެ ގައުމުގެ ވިޔަފާރިވެރިންނަށް އިންވެސްޓްމަންޓްގެ އައު ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ބުރާސްފަތި ދުވަހު "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް" ބޭއްވުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވައި އޭގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކުރާނެކަން ފާހަގަކުރެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް