އަމާޒަކީ ރާއްޖެއާއެކު އޮތް އިގްތިސާދީ މުއާމަލާތް، ދެ އަހަރުތެރޭ 200 މިލިއަން ޑޮލަރަށް އިތުރުކުރުން
ކުރިއަށްއޮތް ދެ އަހަރުދުވަހުގެ ތެރޭގައި ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް އިޤްތިޞާދީ މުޢާމަލާތްތައް 200 މިލިއަން ޑޮލަރަށް އިތުރުކުރުމަކީ ޕާކިސްތާނުގެ އަމާޒުކަމަށް އެޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އިސްލާމްއާބާދުގައި ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.
ބޮޑުވަޒީރު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް އިޤްތިޞާދީ ގުޅުމަކީ ދެ ޤައުމުގެ ޤާބިލިއްޔަތުކަން ހުރި މިންވަރު ނޫން ކަމަށެވެ. އެގޮތުން މިވަގުތު ވިޔަފާރީގެ މުޢާމަލާތްތައް 13.9 މިލިއަން ޑޮލަރުގައި ހުރިނަމަވެސް، ރައީސް ޑރ. މުޢިއްޒުގެ އެއްބާރުލުމާއެކު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި އަދަދު 200 މިލިއަން ޑޮލަރަށް އިތުރުކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެއްބަސްވުންތަކަށް ޢަމަލީ ސިފަ ގެނައުމަށްޓަކައި، އަވަސް ނިންމުންތަކާއެކު މަނިކުފާނާ ގުޅިގެން މަސައްކަތްކުރުމަށް އަޅުގަނޑު ހުރީ ތައްޔާރަށް އަޅުގަނޑުގެ ލޮބުވެތި އަޚު، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ރުހުމާއެކު މިއަދު އިޢުލާނުކުރަން ބޭނުންވަނީ، އަޅުގަނޑުމެންގެ ދެމެދުގައި އޮތީ ތާރީޚީ އަދި ނުހަނު ވަރުގަދަ އަޚުވަންތަ ގުޅުމެއްކަން
މީގެ އިތުރުން، ރައީސް ޑރ. މުޢިއްޒުގެ ޙިކުމަތްތެރި ޒަޢާމަތާއި، ދިވެހި ރައްޔިތުންނަށް ކޮށްދެއްވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އިސްލާމްއާބާދުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓް އެވޯޑެއް އެރުވުމަށް ހަމަޖެހިފައިވާކަން ބޮޑުވަޒީރު އިޢުލާނުކުރައްވައި، މަރުޙަބާ ދެންނެވިއެވެ.
ދިވެހިރާއްޖޭގެ ތަޢުލީމީ އަދި ޞިއްޙީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ބޮޑުވަޒީރު ވިދާޅުވީ، ރާއްޖޭގެ ގިނަ އަދަދެއްގެ ދަރިވަރުން ޕާކިސްތާނުން މަތީ ތަޢުލީމު ޙާޞިލުކޮށްފައިވާ ކަމަށެވެ. އަދި މިހާރުވެސް ޕާކިސްތާނުގެ 250 އެއްހާ ޑޮކްޓަރުންނާއި ޞިއްޙީ އެހީތެރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތްކުރަމުންދާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް އެ އަދަދު އިތުރުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ފުލުހުންގެ ޚިދުމަތާއި ދިފާޢީ ދާއިރާއިންވެސް ގުޅުން ވަރުގަދަ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން، 100،000 ޒައިތޫނި ގަހާއި، އެކި ބާވަތްތަކުގެ 100،000 ގަސްއޮށް ފޯރުކޮށްދިނުމަށް ޕާކިސްތާނުން ވަނީ ނިންމާފައެވެ. އަދި ރާއްޖޭގައި ޑޭޓާ ސެންޓަރުތައް ޤާއިމުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ބަޔާން ނިންމަވާލައްވަމުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ، މަޡްލޫމް ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ވަކާލާތުކޮށް، ސާބިތުކަމާއެކު ދެމިއޮތް އޮތުމަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވާފައެވެ. އަދި ފަލަސްޠީނުގެ މައްސަލައިގައި ރައީސް ޑރ. މުޢިއްޒުގެ އަޑުފުޅާއެކު އެއްއަޑަކުން ވަކާލާތުކުރުމުގައި ޕާކިސްތާނު އަބަދުވެސް ފުރިހަމައަށް ސާބިތުވެ އޮންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް