ބޭނުންނަމަ ރާއްޖެއަށް އިތުރު ސިއްޙީ ޚިދުމަތްތެރިން ފޮނުވާނަން: ޕާކިސްތާނުގެ ބޮޑުވަޒީރު
ރާއްޖެއިން ބޭނުންވެއްޖެނަމަ ސިއްޙީ ދާއިރާއަށް އިތުރު ޑޮކްޓަރުންނާއި ޚިދުމަތްތެރިން ފޮނުވުމަށް ތައްޔާރަށް ތިބި ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައީސް ޑރ މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ދެ ލީޑަރުން ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.
އެގޮތުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، މިވަގުތު ވެސް ޕާކިސްތާނުގެ 250 އަށްވުރެ ގިނަ ޑޮކްޓަރުން މާލެއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބަލިމީހުންނަށް ފަރުވާދެމުން އަންނަ ކަމަށެވެ.
އަދި ރާއްޖޭގެ ގިނަ ދަރިވަރުން ތަޢުލީމު ޙާޞިލުކުރަމުން އަންނަ ޤައުމެއްގެ ގޮތުގައި ޕާކިސްތާނު ފާހަގަކުރެވޭ ކަމަށާއި، ޚާއްޞަކޮށް އެ ޤައުމުގެ މެޑިކަލް ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި ދިވެހި ދަރިވަރުން ކިޔަވަމުން އަންނަ ކަމަށް ވެސް ޝެހްބާޒް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ތަނުގައި ވެސް ޕާކިސްތާނު ޑޮކްޓަރުންގެ ހިދުމަތް ރާއްޖެއަށް ލިބޭނެ. އަދި ރާއްޖޭން ބޭނުންވާ ނަމަ، ރާއްޖޭގެ އަހުވަންތަ ގައުމެއްގެ ހައިސިއްޔަތުން އިތުރު ސިއްހީ ހިދުމަތްތެރިން، ހިދުމަތަށް ފޮނުވުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" ޝެހްބާޒް ބުންޏެވެ.

މީގެ އިތުރުން ބޮޑުވަޒީރު ވަނީ، ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް އިޤްތިޞާދީ ގުޅުމަކީ ދެ ޤައުމުގެ ޤާބިލިއްޔަތުކަން ހުރި މިންވަރު ނޫން ކަމަން ފާހަގަކުރައްވައި މިވަގުތު ވިޔަފާރީގެ މުޢާމަލާތްތައް 13.9 މިލިއަން ޑޮލަރުގައި ހުރިނަމަވެސް، ރައީސް ޑރ. މުޢިއްޒުގެ އެއްބާރުލުމާއެކު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި އަދަދު 200 މިލިއަން ޑޮލަރަށް އިތުރުކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން، 100،000 ޒައިތޫނި ގަހާއި، އެކި ބާވަތްތަކުގެ 100،000 ގަސްއޮށް ފޯރުކޮށްދިނުމަށް ޕާކިސްތާނުން ވަނީ ނިންމާފައެވެ. އަދި ރާއްޖޭގައި ޑޭޓާ ސެންޓަރުތައް ޤާއިމުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ބަޔާން ނިންމަވާލައްވަމުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ، މަޡްލޫމް ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ވަކާލާތުކޮށް، ސާބިތުކަމާއެކު ދެމިއޮތް އޮތުމަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވާފައެވެ. އަދި ފަލަސްޠީނުގެ މައްސަލައިގައި ރައީސް ޑރ. މުޢިއްޒުގެ އަޑުފުޅާއެކު އެއްއަޑަކުން ވަކާލާތުކުރުމުގައި ޕާކިސްތާނު އަބަދުވެސް ފުރިހަމައަށް ސާބިތުވެ އޮންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް