އިސްލާމީ އުންމަތަށް ކޮށްދެއްވާ ހިދުމަތުގެ އަގުވަޒަންކޮށް ޕާކިސްތާނުން ރައީސަށް ޝަރަފުވެރި ޕީއެޗްޑީއެއް
އިސްލާމީ އުންމަތަށް ފޯރުކޮށްދެއްވަމުން ގެންދަވާ އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް އިސްލާމްއާބާދުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޮނަރަރީ ޑޮކްޓަރޭޓަރުގެ ޝަރަފު އަރުވައިފި އެވެ.
އައިއައިޔޫއައިގެ ޗާންސެލަރ އަދި ބޯޑް އޮފް ޓްރަސްޓީސްގެ ޗެއާމަން، ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީގެ ފަރާތްޕުޅުން ރައީސަށް މި ޝަރަފުއެރުވީ ގައުމީ ހިދުމަތުގައި ރައީސް މުޢިއްޒު ދައްކަވަމުން ގެންދަވާ ލާމަސީލު ލީޑާޝިޕާއި، ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ކުރައްވާ މުހިންމު މަސައްކަތްޕުޅުތަކާއި އިސްލާމީ އުންމަތަށް ފޯރުކޮށްދެއްވަމުން ގެންދަވާ އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމުގައި ބުނެފައިވެ އެވެ.

އެ ޝަރަފާއި ހަވާލުވެވަޑައިގަތުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެއީ ވަރަށް ފަހުރުވެރި ވަގުތުކޮޅެއްކަން ފާހަގަ ކުރައްވާފަ އެވެ. އަދި އެމަނިކުފާނުގެ ހަނދާނަށް އަންނަނީ މީގެ 17 އަހަރު ކުރީން ޕީއެޗްޑީ ހާސިލުކުރެއްވި ފޮނި ހަނދާންތައްކަމުގައި ވިދާޅުވި އެވެ. އެ ދުވަހު ޝަރަފުވެރި ޕީއެޗްޑީއެއް ލިބިވަޑައިގަންނަވާނެ ކަމަށް ހިތްޕުޅަށް އަރާވަޑައިނުގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ޝަރަފަކީ ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް އެ ގައުމުގެ ރައްޔިތުންގެ ފަރާތުން އެރުވި މަތިވެރި އިއްޒަތެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް