މަޖިލިސް ރައީސްގެ މުސާރަ 95,000 ރުފިޔާއަށް ބޮޑުކޮށް، ކައުންސިލަރުންގެ މުސާރައަށް ބަދަލު ގެންނަން ކޮމިޓީން ފާސްކޮށްފި
މަޖިލިސް ރައީސްގެ މުސާރަ 95,000 ރުފިޔާއަށް ބޮޑުކޮށް، ވަޒީރުންގެ ކާރު އެލަވަންސް އާއި ރަށު ކައުންސިލަރުންގެ މުސާރަ ވެސް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އިދާރީ މޭޒުން މަޢުލޫމާތު ދެމުން ބުނީ މިހާރު މަޖިލިސް ރައީސްއަށް މަހަކު ލިބިވަޑައިގަންނަވަނީ 73,125 ރުފިޔާ ކަމަށެވެ. މި އަދަދަކީ މަޖިލީހުގެ ނައިބު ރައީސަށާއި މެންބަރުންނަށް ލިބޭ އަދަދަށްވުރެ ދަށް އަދަދެއް ކަމަށާ، ނައިބު ރައީސަށް 91,000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، މެންބަރުންނަށް ކޮމިޓީ އެލަވަންސް ހިމަނައިގެން 82,500 ރުފިޔާ ލިބިވަޑައިގަންނަވާ ކަމަށެވެ.
މި ތަފާތު އުފެދިފައިވަނީ މަޖިލިސް ރައީސް ކޮމިޓީތަކުގެ މަސައްކަތުގައި ބައިވެރިވެވަޑައިނުގަންނަވާތީ ކަމަށް ވެސް ބުނެފައިވެއެވެ.
މެންބަރުންނަށް ކޮމިޓީ އެލަވަންސް ދެވެނީ ބައްދަލުވުންތަކަށް ހާޒިރުވާ މިންވަރަށް ބަލައިގެންނެވެ. ކޮމިޓީ ބައްދަލުވުންތަކުގެ 50 އިންސައްތައާއި 75 އިންސައްތައާ ދެމެދަށް ހާޒިރުވާ މެންބަރުންނަށް 10,000 ރުފިޔާ ލިބޭއިރު، 75 އިންސައްތައަށްވުރެ ގިނައިން ހާޒިރުވާ މެންބަރުންނަށް 20,000 ރުފިޔާ ލިބެއެވެ.
”އެހެންވީމާ މަޖިލިސް ރައީސްގެ މުސާރަ ކުޑަވީމާ މި ޕްރޮޕޯސްކުރަނީ މަޖިލީހުގެ ރައީސްއަށް 22،000 ރުފިޔާގެ އެލަވަންސްއެއް ކަނޑައަޅަން. ކަނޑައަޅާފައި. ކަނޑައަޅާފައި މުސާރައިގެ ފަރަގުތައް ނައްތާލަން އެ ގެނެވުނު ބަދަލާއެކު މަޖިލީހުގެ ރައީސްއަށް ލިބިވަޑައިގަންނަވަނީ 95،125 ރުފިޔާ. މަޖިލީހުގެ ނާއިބު ރައީސްއަށް 91،000 މަޖިލީހުގެ މެންބަރުންނަށް 82،500ރުފިޔާ.“
މިހާރު ކައުންސިލްތަކުގެ ރައީސުންނަށް 25،500 ރުފިޔާ، ނާއިބު ރައީސުންނަށް 20،000 ރުފިޔާ އަދި މެންބަރުންނަށް 18،000 ރުފިޔާ ލިބެއެވެ.
”މިހާރު މި ޕްރޮޕޯސްކުރަނީ ރަށު ކައުންސިލްތަކުގެ ރައީސްއާ، ނާއިބު ރައީސުންނާ، މެންބަރުންނަށް 5000 ރުފިޔާގެ ސާވިސް އެލަވަންސްއެއް ލާފައި މުސާރަތައް އެޑްޖަސްޓް ކުރަން. މިއީ ތަންކޮޅެއް ފަރަގު ބޮޑުވީމާ އެ ކުޑަކުރަން. އެހެން ހެދީމާ ކައުންސިލް ތަކުގެ ރައީސުންނަށް 30،500، ނާއިބު ރައީސުންނަށް 25،000 އަދި މެންބަރުންނަށް 23،000 ރުފިޔާ ލިބޭނެ “
މީގެ އިތުރުން މިހާރު ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް މުސާރައިގެ ގޮތުގައި ލިބެނީ 59،500 ރުފިޔާ ކަމަށާ، މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާއެކު، އިންޑެޕެންޑެންޓް ކޮމިޝަންތަކުގެ މުސްތަގިއްލު މަގާމުތަކުގައި ތިބޭ މީހުންނަށް 74،000 ލިބޭ ކަމަށާ، މިނިވަން މުވައްސަސާތަކުގެ ރައީސުންނަށް 59،000 ލިބޭ ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި އުއްތަމަ ފަނޑިޔާރަށް 91،000 ލިބޭއިރު ދަށު ކޯޓުތަކުގެ ގާޒީންގެ މުސާރަވެސް 60،000 އަށް އަރާކަމަށް ބުންޏެވެ.
”އެހެންކަމުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އެ އެންމެނަށްވުރެވެސް ކުޑަކަމަށް ފާހަގަކުރެވެނީ. އެހެންވީމާ މުސާރައާ ނުކުޅެ، އެބޭފުޅުންނަށް މިހާރު ލިބެމުންދާ ޑްރައިވަރުންގެ އެލަވަންސް ޕެކޭޖަށް ބަދަލެއް ގެންނަން. ކުރީގެ ޕެކޭޖްގައި ހިމެނެނީ ޕްޓްރޯލްއަށް އެލަވަންސްގެ ގޮތުގައި 1000ރުފިޔާ، ޑްރައިވިން އެލަވަންސްގެ ގޮތުގައި 6500، ދެން ޖުމްލަ 7500 ރުފިޔާ. މިހާރު ބަދަލު މި ގެންނަނީ ޕެޓްރޯލް އެލަވަންސްއަށް 2000، ޑަރައިވަރުންގެ އެލަވަންސްއަށް 12،000، އަދި ޑްރައިވަރުންގެ ލިވިން އެލަވަންސްއަށް 3000 ހިމެނޭހެން 17،000 ރުފިޔާގެ އެލަވަންސްއެއް ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ދޭގޮތަށް“
މި ހުށަހެޅުން ކޮމިޓީގެ އަގުލަބިއްޔަތުން ވަނީ ފާސްވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް