ދައުލަތުގެ އިމާރަތްތަކުގައި ހުޅުޖަހަން ގޮވާލި ޒިހާން 15 ދުވަހަށް ބަންދުކޮށްފި
ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލާގައި އެމްއެންޑީއެފްގެ ކުރީގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނެންޓް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވާ ޙަސަން ޒިހާން 15 ދުވަހަށް ބަންދުކޮށްފި އެވެ.
މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި، އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ނިންމާފައިވަނީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުންނެވެ.
އޭނާގެ ފޭސްބުކް އެކައުންޓުން ކުރި ޕޯސްޓެއްގައި އިނގިރޭސި ބަހުން ވަނީ، ދައުލަތުގެ ތިން އިމާރާތެއްގައި ހުޅުޖެހުމުގެ ފުރުސަތު ދިވެހިންނަށް ނުލިބެނީ ކީއްވެތޯ ސުވާލުކޮށްފައެވެ. އެ ތިން އިމާރާތަކީ، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދި ރައްޔިތުންގެ މަޖިލީހެވެ. މީގެ އިތުރުން، ދައުލަތުގެ އެންމެ މަތީ ތިން ބާރު ހިންގާ މައި އިދާރާތަކުގައި އަލިފާން ރޯކޮށްލުމަކީ މަޖާ ކަމަކަށް ވާނެ ކަމަށް ބުނެ އޭނާ ވަނީ ހިތްވަރު ދީފައެވެ.
އޭނާ އިޝާރަތްކޮށްފައިވަނީ މިވަގުތު ފަރަންސޭސިވިލާތް ފަދަ ގައުމުތަކުގައި ހިންގަމުންދާ ސިޔާސީ ހަލަބޮލިތަކަށް ކަމަށް ބެލެވެއެވެ. އެ ގައުމުތަކުގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިތަކުގައި އެތައް ބަޔަކުގެ ފުރާނަ ގެއްލި، ގިނަ ވިޔަފާރިތަކަށް ގެއްލުން ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.
މި އަމަލަކީ ރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު: 32/2015) ގެ ދަށުން ވަރަށް ސީރިއަސް ބޮޑު ޖިނާއީ ކުށެކެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި "ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުން" މާނަކޮށްފައިވާ ގޮތުން، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް އެފަދަ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ކުށެކެވެ. އަދި މިފަދަ ކަމަކަށް ހިތްވަރު ދިނުން ކަމަށް ބެލެވެނީ މީހަކު ބުނާ ބުނުމަކުން ނުވަތަ ދޭ ބަޔާނަކުން، އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް ނުވަތަ މަގުފަހިކުރުމަށް ދެވޭ ހިތްވަރެއް ކަމަށް އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ފެންނަ ފެނުމަށެވެ.
މީގެއިތުރުން، އެއީ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުން ކަމަށް ކަނޑައެޅުމުގައި އެމީހަކު ދެއްކި ވާހަކައެއްގައި ހިމެނޭ ކަންކަމާއި، އެ ވާހަކައެއް ބުނި މަހައްލާއި ހާލަތުގެ އިތުރުން މުއާމަލާތް ކުރަން ބޭނުންކުރި ވަސީލަތްތަކަށް ކޯޓުން ރިއާޔަތް ކުރަންޖެހެއެވެ.
ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށް ސާބިތުވެއްޖެ މީހެއްގެ މައްޗަށް އަންނާނީ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް