އޭޑީކޭ ނާޝިދް ޑރ.އިޔާޒްއަށް: ދެން މަޖިލީހަށް ވަންނަންވީ ކޮންބައެއް؟
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މަޖިލީހަށް ވަންނަންވީ ކޮންބައެއްތޯ އޭޑީކޭ ނާޝިދް ދީނީ އިލްމުވެރިޔާ ޑރ އިޔާޒް އަރިހުން އައްސަވައިފިއެވެ.
އޭޑީކޭ ނާޝިދް ސުވާލު އުފައްދާފައި މިވަނީ ޑރ އިޔާޒް މިއަދު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.
ޑރ އިޔާޒް ކުރެއްވި ޓުވީޓުގައި ވިޔަފާރިވެރިން ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމުގެ ބަދަލުގައި ވިޔަފާރިވެރީން އެބޭފުޅުންގެ ވިޔަފާރިއާއިގެން ކުރިއަށް ވަޑައިގަތުމަށް ގޮވާލައްވާފައިވެއެވެ.
މީގެ ރައްދުގައި ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލްގެ ވެރިޔާ އަދި ކޮމަންޑޫ ދާއިރާގެ މެންބަރު ނާޝިދް ވިދާޅުވެފައިވަނީ މަޖިލިސް މަޖިލީހަކަށް ވަނީ ހުރިހާ ފިކުރެއް އެތާ އެކުލެވިގެންކަމަށެވެ.

"ވިޔަފާރި ވެރިޔާ ވިޔަފާރިކުރަން އިންނަވާފަ، ޝެއިހް ޝެއިހުންކަމުގައި ހުންނަވާފައި، އަދި ލޯޔަރުން، ޑޮކްޓަރުން، އިންޖިނިއަރުން، ޓީޗަރުން، އެކްޓަރުން މިއެންމެން ތިއްބަވާފަ ދެން މަޖިލީހަށް ވަންނަން ވީ ކޮންބައެއްތޯ؟ މަޖިލިސް މަޖިލީހަކަށް ވާނީ ހުރިހާ ފިކުރެއް އެތާ އެކުލެވިގެން ނޫންތޯ؟" ނާޝިދް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ޑރ މުހައްމަދު އިޔާޒް ވިޔަފާރިވެރިން ވިޔަފާރިކުރުމަށް ތިއްބެވުމަށް ގޮވާލާފައިވާއިރު އެބޭފުޅާއަކީ ދީނީ އިލްމުވެރިއެކެވެ. ނަމަވެސް މިހާރު ޑރ. އިޔާޒް ފާހަގަކުރެވެނީ ސިޔާސީ މައިދާނުގައި ފުންނާބު އުސް ފަރާތެއްކަމުގައިކަން ފާހަގަކޮށްލަންޖެހެއެވެ.
ރައްޔިތުންގެ މަޖިލީހަށް ބަލާލާއިރު ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން އަންނަނީ މަޖިލީހުގައި އެކި ދާއިރާތައް ތަމްސީލް ކުރަމުންކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް، މީދޫ ދާއިރާގެ މެންބަރު ސިޔާމް، އޭދަފުށި ދާއިރާގެ މެންބަރު ސަލީމް އަދި ކޮމަންޑޫ ދާއިރާގެ މެންބަރު އޭޑީކޭ ނާޝިދު ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް