ފަރުމަސްވެރިކަން ކުރާ ރަށްރަށަށް ޚާއްޞަކޮށް އައިސްޕްލާންޓުތަކެއް
ދިވެހިރާއްޖޭގައި ފަރުމަސްވެރިކަން ކުރާ ރަށްރަށަށް އަމާޒުކޮށްގެން ކުދި އައިސްޕްލާންޓުތަކެއް ޤާއިމުކުރުމުގެ މަޝްރޫޢެއް ސަރުކާރުން ފަށައިފިއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބު ވިދާޅުވީ، ޒަމާނުއްސުރެ ރާއްޖޭގައި އައިސްޕްލާންޓުތައް ޤާއިމުކުރެވެމުން އައީ މައިގަނޑު ގޮތެއްގައި ކަޅުބިލަމަހުގެ މަސްވެރިކަމަށް އިސްކަންދީގެން ކަމަށެވެ. ނަމަވެސް، މަސްވެރިކަމުގެ އެހެނިހެން ދާއިރާތައް ފުޅާވަމުން އަންނައިރު، ޤައުމީ އިޤްތިޞާދުގައި ފަރުމަސްވެރިން އަދާކުރާ މުހިންމު ދައުރު ބަލައިގަނެ، އެ ފަރާތްތަކަށް ކުރިމަތިވެފައިވާ އައިހުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސްޓޭޓް މިނިސްޓަރ އިތުރަށް ވިދާޅުވީ، މިނިސްޓްރީގެ މިހާރުގެ އަމާޒަކީ ފަރުމަސްވެރިންނަށް ބޭނުންވާ އައިސް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، އެފަދަ މަސްވެރިކަން ކުރާ ރަށްރަށުގައި ކުދި އައިސްޕްލާންޓުތައް ބެހެއްޓުން ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ދުވާލަކު 5 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓުތަކެކެވެ. މުއްޠަލިބު ވިދާޅުވި ގޮތުގައި މި ޕްލާންޓުތަކުގެ ޑިޒައިނިންގ މަރުޙަލާ މިހާރު ކުރިއަށްދާއިރު، މިތަންތަނުން އުފައްދާނީ ރަށު ފެންވަރުގައި ކެފޭ އަދި ރެސްޓޯރެންޓުތަކުގައިވެސް ބޭނުންކުރެވޭނެ ފަދަ ރައްކާތެރި، ސާފު ބޯފެނުން އުފައްދާ 'ޓިއުބް އައިސް' އެވެ. އަދި މި މަޝްރޫޢަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށްދާ މިދަނޑިވަޅުގައި، ކުންފުނިތަކުގެ އިޖުތިމާޢީ ޒިންމާ (ސީއެސްއާރު) ގެ ދަށުން ފުރަތަމަ 5 އައިސްޕްލާންޓުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، އައިސްޕްލާންޓުތަކާއެކު ހިލޭ އެހީގެ ދަށުން ކުދި ކޯލްޑް ސްޓޯރޭޖްތަކެއް އެޅުމަށް ރޭވިފައިވާކަން ހާމަކުރައްވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، މީގެ ސަބަބުން ފަރުމަސްވެރިން ބާނާ މަސް ތާޒާކަންމަތީ ރައްކާކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މުޅި ރާއްޖޭގައި ދުވާލަކު 1,700 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން މިވަގުތު ހުރި ނަމަވެސް، މަސްވެރިކަން ރަނގަޅުވާ މޫސުންތަކުގައި އައިސް ހޯދުމުގައި މަސްވެރިންނަށް އަދިވެސް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހެއެވެ. މަސްވެރިންގެ މި ޝަކުވާތަކަށް ދާއިމީ ހައްލެއް ގެނެސްދީ، މަސްވެރިކަމުގެ ޢުމްރާނީ ވަސީލަތްތައް ހަރުދަނާކުރުމަށްޓަކައި، ރާއްޖޭގެ 11 ރަށެއްގައި އައިސްޕްލާންޓު ޤާއިމުކުރުމުގެ މަސައްކަތް މިނިސްޓްރީން ވަނީ ދާދިފަހުން މެލޭޝިއާގެ ކުންފުންޏަކާ ޙަވާލުކޮށްފައެވެ.
އެ އެއްބަސްވުމުގެ ދަށުން، ދުވާލަކު 30 ޓަނުގެ އައިސް އުފައްދައި، 50 ޓަނު ރައްކާކުރެވޭ ފެންވަރުގެ ސްޓޯރޭޖްތަކާއެކު، ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި އެ 11 ރަށުގެ މަސައްކަތް މުޅިން ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ. ސަރުކާރުން އަންނަނީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށް، މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް