ފުނަދޫ ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވުން: އަލިފާންގަނޑު ކޮންޓްރޯލް ނުވެ، 4 ގެއަކާއި 5 ގަރާޖަކަށް އަސަރުކޮށްފި
ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، އަލިފާންގަނޑު ކޮންޓްރޯލް ނުވެ އަލިފާނުގެ އަސަރު 4 ގެއަކަށްކޮށްފިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 8:00 ހާއިރު އެވެ. އަދި މިހާތަނަށް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ނުވާއިރު، އެ ސަރަޙައްދުގައި ހުރި 4 ގެއަކަށާއި 5 ވޯކްޝޮޕް/ގަރާޖަކަށް ވަނީ އަލިފާނުގެ އަސަރު ފޯރާފައެވެ.
އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގެ ގެތަކުގައި ދިރިއުޅޭ މީހުން މިހާރު ވަނީ އެ ސަރަޙައްދުން ހުސްކޮށްފައެވެ.
އެންޑީއެމްއޭ އިން ބުނީ، މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.
އަލިފާން ރޯވި ސަބަބު އަދި ދެނެގަނެވިފައި ނުވާއިރު، މުޅި ރަށު ތެރެއަށް ވަނީ ބޯ ދުންގަނޑު ފެތުރިފައެވެ.
މި ހާދިސާއާ ގުޅިގެން ފުނަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޢާދިލް ވިދާޅުވީ، އަލިފާންގަނޑު ކޮންޓްރޯލް ނުވެ އަދިވެސް އިތުރަށް ބޮޑުވަމުންދާ ކަމަށެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތުގައި ކައުންސިލާއި، ފުލުހުންގެ އިތުރުން ފުނަދޫ އެއާޕޯޓްގެ ފަޔަރ ޓީމާއި ރަށުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ގުޅިގެން މިހާރުވެސް ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.
މީގެއިތުރުން، ހާދިސާ ހިނގި ސަރަޙައްދުގައި އަލިފާން ނިއްވުމުގެ މަސައްކަތް ކުރުމަށްއި، ހދ. ކުޅުދުއްފުށިން އެމްއެންޑީއެފްގެ ފަޔަރ ޓީމެއް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް