ފުނަދޫ އަލިފާނުގެ ހާދިސާ: އެއް ގެއެއް ވަރަށް ބޮޑަށް އަނދައި ބޮޑެތި ގެއްލުންތަކެއް؛ ދުމުގެ އަސަރު ކުރި މީހުންނަށް ފަރުވާދެނީ
ށ. ފުނަދޫގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެއް ގެއެއް އެއްކޮށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. އަދި މި ހާދިސާގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ކުރި ބައެއް މީހުންނަށް މިހާރު ދަނީ އެ ރަށު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން 'އެކްސް' ގައި ޕޯސްޓެއްގައި ބުނެފައިވާގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 8:00 ހާއިރު އެވެ. މި ހާދިސާ ހިނގި ސަރަޙައްދުގައި ރޯވި އަލިފާންގަނޑު، އެމްއެންޑީއެފްގެ ކުޅުދުއްފުށީ ފަޔަރ ޓީމާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން މިހާރު ވަނީ އެއްކޮށް ކޮންޓްރޯލް ކުރެވިފައެވެ.
އަލިފާން ރޯވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައި ނުވި ނަމަވެސް، މި ހާދިސާގެ ސަބަބުން މުޅި ރަށު ތެރެއަށް ބޯ ދުންގަނޑު ވަނީ ފެތުރިގެން ގޮސްފައެވެ.
އެންޑީއެމްއޭއިން ހާމަކުރި އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މި އަލިފާނުގެ ހާދިސާގައި އެއް ގެ ވަރަށް ބޮޑަށް އަނދާފައިވާއިރު، ކައިރީގައި ހުރި އިތުރު ތިން ގެއަކަށް ވެސް ވަނީ އެކިވަރުގެ ބޮޑެތި ގެއްލުންތައް ލިބިފައެވެ. މީގެއިތުރުން، އެ ސަރަޙައްދުގައި ހުރި ބައެއް ވޯކްޝޮޕްތަކާއި ގަރާޖުތަކަށް ވެސް އަލިފާނުގެ އަސަރު ވަނީ ފޯރާފައެވެ.
އެންޑީއެމްއޭއިން އިތުރަށް ބުނީ ހާދިސާ ހިނގި ސަރަޙައްދުން އަދިވެސް އެއްޗެހި ގޮވާ އަޑު އިވެމުންދާތީ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގައި ހުރި ގޭގޭގެ މީހުން މިހާރު ވަނީ ރައްކާތެރި އެހެން ގެތަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައި ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަލިފާނުގެ ސަބަބުން ސީދާ ޖިސްމާނީ އަނިޔާއެއް ލިބުނު ކަމުގެ މަޢުލޫމާތެއް ލިބިފައި ނުވި ނަމަވެސް، ފެތުރުނު ބޯ ދުމުގެ އަސަރު ކުރި ބައެއް ފަރާތްތަކަށް ފުނަދޫ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް