ފުނަދޫގެ ބޮޑު އަލިފާނުގެ ހާދިސާ: ތަހުގީގަށް ފުލުހުންގެ ހާއްސަ ޓީމެއް
ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި އިއްޔެ ހެނދުނު ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ހާދިސާ ތަހުގީގު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ޚާއްސަ ޓީމެއް މިއަދު ހެދުނު ފުނަދޫއަށް ފޮނުވަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުނަދޫގެ ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު ފެތުރި، އެ ސަރަހައްދުގައި ހުރި ސައިކަލާއި އިންޖީނު މަރާމާތުކުރާ ގަރާޖަކަށާއި، ގުދަނެއްގެ އިތުރުން ވެހިކަލް ޕާކްކުރާ ކުޑަ ގަރާޖަކަށާއި މީހުން ދިރިއުޅެމުންދިޔަ ގެއަކަށް ވަނީ ފެތުރިފައެވެ.
މި ހާދިސާގައި އެތަންތަން ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާ ހުލިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ޖުމްލަ 18 މީހަކަށް އަނިޔާވެގެންނާއި ސިއްހީ ފަރުވާ ބޭނުންވެގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭގެ ތެރޭގައި ދުމުގެ އަސަރުކުރުމުގެ ސަބަބުން ފަރުވާދިން ފަޔަރފައިޓަރަކާއި ހޮސްޕިޓަލުގެ މުވައްޒަފެއް ހިމެނެއެވެ.
އަދި އަނެއް 16 މީހުންނަކީ، ހާދިސާގެ ތެރެއިން އެއްޗެއް ގޮވުމާ ގުޅިގެން ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނާއި، ކަންބޮޑުވެ ހާސްވުމުގެ ސަބަބުން ސިއްހީ ފަރުވާ ބޭނުންވި މީހުންކަން ފުލުހުން ފާހަގަކުރިއެވެ.
ހާދިސާ ހިނގި ސަރަހައްދު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޯޑަންކޮށް ބަންދުކޮށްފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، ހާދިސާ ހިނގި ސީން ޕްރޮސެސްކޮށް ތަޙުޤީގުގައި އެހީތެރިވުމަށް ފުލުހުންގެ ޚާއްސަ ޓީމު ފުނަދޫއަށް މިއަދު ހެނދުނު ދާނޭ ކަމަށް އެ އިދާރާއިން ބުނެއެވެ:
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް