އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ކުންފުންޏަށް މިދިޔަ، ދެ އަހަރުވެސް ގެއްލުން
އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުންޏަށް މިދިޔަ ދެއަހަރުވެސް ގެއްލުންވެފައިވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ 2025 ވަނަ އަހަރުގެ މާލީ ބަޔާނާ ގުޅޭގޮތުން ނެރެފައިވާ ރިޕޯޓްގައި ވާގޮތުން މިދިޔަ އަހަރު އެކުންފުންޏަށް ވަނީ 68.7 މިލިއަން ރުފިޔާ ގެއްލުން ވެފައެވެ. އަދި އޭގެ ކުރީ އަހަރު ވަނީ 78.7 މިލިއަން ރުފިޔާ ގެއްލުންވެފައެވެ. އާމްދަނީއަށް ބަލާއިރު މިދިޔަ އަހަރު 94.3 މިލިއަން ރުފިޔާ އަދި އޭގެ ކުރީ އަހަރު 33 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ވޭތުވެދިޔަ އަހަރުތަކެއްގައި ކުންފުންޏަށް ގެއްލުންވަމުން ގޮސްފައިވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް ޖުމްލަ ގެއްލުމުގެ ގޮތުގައި 817.5 މިލިއަން ދިވެހި ރުފިޔާގައި ހުރިއިރު، ކުންފުނީގެ ސާފު މުދަލުގެ އަގު ހުރީ ނެގެޓިވް 58 މިލިއަން ރުފިޔާގައެވެ.
އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ހާލަތްތަކަކީ އެއާޕޯޓް ހިންގުމާ ގުޅުންހުރި މުދަލުގެ އަގު ދަށްވެފައިވާކަން ދޭހަކޮށްދޭ ކަންތައްތަކެއް ކަމަށްވާތީ، އެ މުދަލުގެ އަގު ދަށްވެފައިވޭތޯ ބެލުމުގައި މިކަންކަމަށް ރިއާޔަތްކުރަން ޖެހެއެވެ. ނަމަވެސް، 31 ޑިސެމްބަރު 2025 އާ ހަމައަށް އެއާޕޯޓް ހިންގުމާ ގުޅުންހުރި މުދަލުން އަނބުރާ ހޯދޭނެ މިންވަރު ދެނެގަތުމަށް ކުންފުނިން އެސެސްމަންޓެއް ހަދާފައެއް ނުވެއެވެ. އެހެންކަމުން، މި މުދަލުގެ އަގުން އުނިކުރަންޖެހޭ އެއްވެސް މިންވަރެއް އޮތްތޯ ބެލުމަށް ބޭނުންވާ އެކަށީގެންވާ އޮޑިޓް ހެކި އޮޑިޓަރުންނަށް ލިބިފައެއް ނުވެއެވެ. އަދި މީގެ ސަބަބުން، މާލީ ބަޔާންތަކުގައި ހިމެނޭ މި މުދަލުގެ އަގަށް ގެންނަންޖެހޭ ބަދަލެއް އޮތްތޯ އަދި އޭގެ ސަބަބުން މާލީ ބަޔާންތަކަށް ކުރާނެ އަސަރު ދެނެގަނެވިފައެއް ނުވާކަން އޮޑިޓްގައި ވަނީ ފާހަގަކޮށްފައެވެ.
މާލީ ހާލަތު ދަށްވެފައިވާއިރުވެސް، 2025 ވަނަ އަހަރުގެ ތެރޭގައި، ކުންފުނީގެ ހިއްސާގެ ރައުސްމާލުގެ ގޮތުގައި ދިވެހި ސަރުކާރުން 34.6 މިލިއަން އަދި އޭގެ ކުރީ އަހަރު 35.6 މިލިއަން ރުފިޔާ އެޑްވާންސްގެ ގޮތުގައި ދީފައި ވެއެވެ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ހަމަޖެއްސުމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް