ކްރިމިނަލް ކޯޓުގެ މަސައްކަތް އޮންލައިންކޮށް ވަގުތީ އޮފީސް ހުޅުމާލޭ ކޯވިޑް ފެސިލިޓީއަށް
ކްރިމިނަލް ކޯޓުގެ އިމާރާތް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާތީ މެއިންޓަނެންސްއަށް ބަންދުކޮށް، ވަގުތީގޮތުން އެ ކޯޓުގެ އޮފީސް ހުޅުމާލޭގައި ޤާއިމްކުރި ކޯވިޑް ފެސިލިޓީއަށް ބަދަލުކޮށްފި އެވެ.
އެކަން އެންގުމަށް ކްރިމިނަލް ކޯޓުން އާންމު ކުރި އިއުލާނުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓު މިހާރު ހިންގަމުންދާ ހަތަރު ބުރީގެ ބައު އިމާރާތް ބޭނުންކުރުން ވަގުތުން ހުއްޓާލާ ޝަރީއަތްތަކާއި ކޯޓުގެ މަސައްކަތްތައް އޮންލައިންކޮށާއި، ވޯކް ފްރޮމް ހޯމްގެ އުސޫލުގެ ދަށުންނާއި، ޝިފްޓް ޑިއުޓީގެ އުސޫލުން ކުރާ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އެގޮތަށް އެ ކޮމިޝަނުން ނިންމާފައިވަނީ ކްރިމިނަލް ކޯޓު މިހާރު ހިންގަމުންދާ ހަތަރު ބުރީގެ އިމާރާތަކީ ވަރަށް ބޮޑަށް ބާއުވެ ހަލާކުވެފައިވާ އިމާރާތަކަށްވެފައި، އެ އިމާރާތް ބޭނުންކުރުމަކީ ފަނޑިޔާރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާއިރު ރައްކާތެރިގޮތަކަށް ނުވާތީކަމަށް ކްރިމިނަލް ކޯޓުގެ އިއުލާނުގައި ބުނެފައިވެއެވެ.
އެ ކޯޓުން ބުނީ އިމާރާތުގެ މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގައި ހުންނަ ކުރީގެ ކޯވިޑް ފެސިލިޓީއަށް ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީގޮތުން ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެ އިމާރާތައް ބަދަލުވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

މުވައްޒަފުންނާއި ފަނޑިޔާރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކޯޓުގެ ހިންގުން ވަގުތީ އޮފީހަށް ބަދަލުކޮށް، ކޯޓުގެ އިމާރާތް މަރާމާތުކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ކްރިމިނަލް ކޯޓުން ޝުކުރުއަދާކުރާކަމަށް އެ ބާޔާނުގައި ވަނީ ބުނެފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް