ނަތަންޔާހޫ އާއި އޭނާގެ ވާދަވެރިޔާ-
ނަތަންޔާހޫ އާއި އޭނާގެ ވާދަވެރިޔާ-
ދުނިޔެ 28 Oct 2026 | 03:30

އިސްރާއިލް އިންތިޚާބު: އެއްވެސް ފަރާތަކަށް އަޣުލަބިއްޔަތު ނުލިބި ވާނުވާ ނޭނގިފައި

އިސްރާއިލްގައި އަންގާރަ ދުވަހު ބޭއްވުނު އާންމު އިންތިޚާބުގައި އެއްވެސް ސިޔާސީ ފަރާތަކަށް ނުވަތަ ކޯލިޝަނަކަށް ސާފު އަޣުލަބިއްޔަތެއް ނުލިބި، ސިޔާސީ ހާލަތު އޮޅުންބޮޅުންވެއްޖެއެވެ. ޕްރޮޖެކްޝަންތަކުން ދައްކާ ގޮތުގައި މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޯލިޝަނާއި އިދިކޮޅު މައި ކޯލިޝަން ވަނީ ގާތްގަނޑަކަށް އެއްވަރުވެފައެވެ.

އިންތިޚާބުގެ ނަތީޖާ އިއުލާން ކުރުމުގެ ކުރިން، ނަތަންޔާހޫ ބުނީ އަންގާރަ ދުވަހު ބޭއްވުނު އިންތިޚާބުން ރައިޓް ވިންގް ޕާޓީތަކަށް "ގަދަ އަޣުލަބިއްޔަތެއް" ލިބި، "ގައުމީ ރައިޓް ވިންގް ސަރުކާރެއް" އުފައްދާނެ ކަމަށެވެ. ނަމަވެސް، އެކްޒިޓް ޕޯލްތަކުން ދައްކާފައިވަނީ އެއްވެސް ފަރާތަކަށް ސާފު ކާމިޔާބީއެއް ލިބިފައިނުވާ ކަމަށެވެ. ޕްރޮޖެކްޝަންތަކަށް ބަލާއިރު، ނަތަންޔާހޫގެ ކޯލިޝަނަށް 51 ގޮނޑި ލިބޭނެ ކަމަށް ލަފާކުރެވޭއިރު، އިދިކޮޅަށްވެސް 51 ގޮނޑި ލިބޭނެ ކަމަށް ލަފާކުރެވޭއެވެ.

އެގޮތުން، 120 ގޮނޑީގެ މަޖިލީހުގައި ސަރުކާރެއް އެކުލަވާލެވޭ ވަރަށް 61 ގޮނޑި ކަށަވަރު ކުރެވޭނެ އެއްވެސް ފަރާތެއް ނުވާ ކަމަށް އެކްޒިޓް ޕޯލްތަކުން ދައްކައެވެ.

މި އިންތިޚާބުގައި އަރަބި ޕާޓީތަކުން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. ޕްރޮޖެކްޝަންތަކަށް ބަލާއިރު، އަރަބި ޕާޓީތަކަށް ޖުމްލަ 18 ގޮނޑި ލިބިފައިވާކަމަށް ބެލެވެއެވެ. މިއީ މީގެ ހަތަރު އަހަރު ކުރީގެ އިންތިޚާބާ އަޅާ ބަލާއިރު ލިބިފައިވާ ބޮޑު ކުރިއެރުމެކެވެ. ރައަމް އަދި ޖޮއިންޓް ލިސްޓް އޭގެ ތެރެއިން 17 ނުވަތަ 18 ގޮނޑި ހޯދާނެ ކަމަށް ލަފާކުރެވެއެވެ. އަރަބި ދާއިރާތަކުން ވޯޓުލީ މީހުންގެ އަދަދު ގިނަވުމަކީ މި ކުރިއެރުމުގެ މައިގަނޑު ސަބަބު ކަމަށް ބެލެވެއެވެ.

މި އިންތިޚާބުގައި ވޯޓުލީ މީހުންގެ ނިސްބަތް 77.7 އިންސައްތައަށް އަރައިފައިވާއިރު، މިއީ ފާއިތުވި ގާތްގަނޑަކަށް 30 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ވޯޓުލި އިންތިޚާބު ކަމަށް ސެންޓްރަލް އިލެކްޝަންސް ކޮމިޓީން ބުނެއެވެ. ވޯޓުލީ ގިނަ ބަޔަކު ބުނެފައިވަނީ، މިއީ މުސްތަގުބަލަށް ވަރަށް މުހިންމު އިންތިޚާބެއް ކަމަށެވެ.

އިންތިޚާބުގެ ދާއިމީ ނަތީޖާ ކަށަވަރުވުމުން، ސިޔާސީ ހުރިހާ ޕާޓީތަކަކާއެކު މަޝްވަރާކުރުމަށްފަހު، އިސްރާއީލުގެ ރައީސް، ސަރުކާރެއް އެކުލަވައިލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތް ކަމަށް ގަބޫލުކުރެވޭ ޕާޓީގެ ލީޑަރަކަށް ކޯލިޝަން ސަރުކާރެއް އުފެއްދުމަށް ދައުވަތު އަރުވާނެއެވެ. މިއީ ހަފުތާތަކަކަށް ދެމިގެން ހިނގައިދާނެ މަރުހަލާއެކެވެ. އަދި ސަރުކާރެއް އެކުލަވައިލުމުގައި ނާކާމިޔާބުވެއްޖެ ނަމަ، އަލުން އިންތިޚާބެއް ބާއްވަންޖެހޭނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް