ބުރަ މަސައްކަތަކާނުލައި ކަސްރަތުކުރާނެ ގޮތްތައް
ޒަމާނީ ދިރިއުޅުމުގެ ކޮންމެ ދުވަހެއްގައިވެސް ގިނަ ވަގުތު ހޭދަވަނީ ގޮނޑިއެއްގައި ނުވަތަ ސޯފާގައި އިނދެއެވެ. އޮފީހުގައި މޭޒުދޮށުގައި އިނުމަށްފަހު، ކާރުގައި ދަތުރުކޮށް، ގޭގައި ސޯފާގައި ދެތިން ގަޑިއިރު ހޭދަކުރެވެއެވެ. މިގޮތަށް ދުވަސް ނިމިގެންދާއިރު، އެއްވެސް ވަރަކަށް ހަރަކާތްތެރިއެއް ނުވެވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުރެވިފައިވާ ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި، ހަރަކާތްތެރިކަން ކުޑަ ދިރިއުޅުމަކީ ސިއްހީ ގިނަ ނުރައްކާތަކަށް މަގުފަހިވާ ކަމެކެވެ. މިގޮތުން، ހިތާއި ލޭހޮޅިތަކުގެ ބަލިތަކާއި، ބަރުދަން އިތުރުވުންފަދަ ކަންކަން ފާހަގަކުރެވެއެވެ.
ކަންކަމުގައި މަޝްޣޫލުވެ ތިބޭއިރު، ހަރަކާތްތެރިވުމަށް ވަގުތު ހޯދުމަކީ ބައެއް ފަހަރު ދަތިކަމަކަށް ވެދާނެއެވެ. މިކަމަށް ހައްލެއްގެ ގޮތުގައި އޮތީ "އިންސިޑެންޓަލް އެކްޓިވިޓީ" ނުވަތަ ބުރަ މަސައްކަތަކަށް ނުހަދައި ދުވަހުގެ ތެރޭގައި ކުރެވޭ ކުދިކުދި ހަރަކާތްތަކެވެ. އޭގެ ތެރެއިން ބައެއް ކަންކަން ތިރީގައި މިވަނީއެވެ.
1. އިނގިލިތައް ހެލުވުމާއި، ފައި ތެޅުވުން
ކުޑައިރުއްސުރެ އަހަރެމެންނަށް ބުނެދީފައި އޮންނަނީ އިނގިލިތައް ހެލުވުމާއި، ފައި ތަޅުވުންފަދަ ކަންކަމަކީ ކެތްމަދުކަމުގެ ނިޝާނެއް ކަމަށެވެ. ނަމަވެސް ގިނަ އިރު އިށީނދެ އިނުމަކީ ފައިގެ މަސްތައް ހަރަކާތްތެރިކަން ކުޑަވާ ކަަމެކެވެ. މިކަމުގެ ސަބަބުން ލޭގެ ގުލޫކޯސް ސާފުކޮށް، ލޭ ދައުރުކުރުމަށް އެހީތެރިވެދޭ މަސްތަކުގެ ހަރަކާތް ކުޑަވެއެވެ. ނަމަވެސް، އިނގިލިތައް ހެލުވުމާއި ފައި ތަޅުވުމުގެ ސަބަބުން މަސްތަކުގެ ހަރަކާތް އިތުރުވެ، ހަމަޖެހިލައިގެން އިންނަ ވަގުތަށްވުރެ އިތުރަށް ހަކަތަ ބޭނުންކުރެވޭކަން ދިރާސާތަކުން ދައްކައެވެ. މީގެ އިތުރުން ލޭހޮޅިތަކުގެ މަސައްކަތް ރަނގަޅުކޮށް، ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށްވެސް އެހީވެދެއެވެ.
2. ދުވަހުން ދުވަހަށް ކުރެވޭ ގޭތެރޭގެ މަސައްކަތްތައް
ކަސްރަތު ކުރަން ޖިމަކަށް ދާކަށް ނުވަތަ ވަކި ވަގުތެއް ހުސްކުރާކަށް ނުޖެހެއެވެ. ގޭތެރޭގެ މަސައްކަތްތަކަކީވެސް ހަރަކާތްތެރިކަން އިތުރުކޮށްދޭ ކަންކަމެވެ. ކައްކާއިރު ނުވަތަ ގޯތިތެރޭގެ ކޮންމެވެސް ކަމެއް ކުރާއިރު، ވެކިއުމްކުރާއިރުވެސް އެ ކުރެވެނީ ހަރަކާތްތަކެކެވެ.
3. ކުދިކުދި ވަގުތުކޮޅުތަކުގެ ބޭނުން ހިފުން
2024 ވަނަ އަހަރު ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި، ދުވާލަކު ކުރެވާެ އެންމެ ހަތަރު މިނެޓުގެ ކުދިކުދި ހަރަކާތްތަކުންވެސް (އެއް މިނެޓަށްވުރެ ކުރު ހަރަކާތްތައް) ގިނަ އިރު އިށީނދެ އިންނަ ސަބަބުން ހިތާއި ލޭހޮޅިތަކުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. މި ދިރާސާގައި އިނގިރޭސިވިލާތުގެ 22،000 އަށްވުރެ ގިނަ މީހުން ބައިވެރިކޮށްފައި ވެއެވެ. އެ މީހުންގެ ހަރަކާތްތައް ޓްރެކިންގ ޑިވައިސްއަކުން ބެލިއިރު، ދުވާލަކު 11 ގަޑިއިރަށްވުރެ ގިނަ ވަގުތު އިށީނދެ ތިބޭ މީހުންނަށްވެސް ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ސިއްހީ ނުރައްކާތައް ކުޑައެވެ.
މި ދިރާސާގެ އިސްވެރިޔާ، އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަރސިޓީގެ ސީނިއާ ރިސާޗް ފެލޯ ނިކޮލަސް ކޯމެލް ވިދާޅުވަނީ، ސިޑިން އަރައިފޭބުމާއި، ބަރު ތަކެތި އުފުލުމާއި، ކުޑަކުދިންނާއެކު ކުޅުމަކީވެސް މިފަދަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.
ދުވާލު އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތުތަކަށް ސަމާލުކަން ދިނުމުން، މިފަދަ ހަރަކާތްތަކުގެ ބާރުގަދަކަން އިތުރުކުރެވިދާނެ ކަމަށް ކޯމެލް ވިދާޅުވެއެވެ. މިސާލަކަށް، މަންޒިލަކަށް ދިއުމަށް އާދައިގެ ހިނގުމަށްވުރެ އަވަހަށް ހިނގުން ނުވަތަ ފިހާރައަށް ދާއިރު ކާރު ޕާކުކުރަން ތަންކޮޅެއް ދުރު ހިސާބެއް ހިޔާރުކުރުން ހިމެނެއެވެ. ފިހާރައިގައި ޓްރޮލީ ބޭނުންކުރުމުގެ ބަދަލުގައި ބާސްކެޓެއް ނެގުމަކީވެސް ރަނގަޅު ކަމެކެވެ. މިގޮތަށް ބަރު ތަކެތި އުފުލައިގެން ހިނގާލުމުން، ބޮޑު މަސައްކަތަކާ ނުލައި މަސްތަކަށް ވަރު ޖެހި، ގަދަވާނެއެވެ.
4. ކުރިންވެސް ކުރާ ކަންކަމާ ގުޅުވައިގެން ހަރަކާތްތެރިވުން
ބޮޑެތި ކަސްރަތު ޕްރޮގްރާމްތަކަކީ ބައެއް ފަހަރު ބުރަކަމެއް ކަމަށް ހީވެދާނެއެވެ. އެހެންކަމުން ދުވާލުގެ ތެރޭގައި ހަރަކާތްތެރިވުމަށް އިތުރު އެހީއެއްގެ ގޮތުގައި "ޕިގީބެކިންގ" ބޭނުންކުރެވިދާނެ ކަމަށް އިނގިރޭސިވިލާތުގެ ލަފްބަރޯ ޔުނިވަރސިޓީގެ ބިހޭވިއަރަލް މެޑިސިންގެ ޕްރޮފެސަރ އަމަންޑާ ޑެއިލީ ވިދާޅުވެއެވެ. މިއީ ކުރިންވެސް ކުރަމުންދާ ކަމަކާ އެކު ކުޑަ ހަރަކާތެއް އިތުރުކުރުމެވެ. މިސާލަކަށް، ދަތް އުނގުޅާ އިރު ފައިގެ މަސްތައް ދަމާލުން، މޭޒުދޮށުގައި އިނދެ ފައި ދަމާލުން ނުވަތަ ފޯނު ކޯލެއްގައި ހުންނަ އިރު އިށީނދެ ނުއިނދެ ހިނގާލުންފަދަ ކަންކަން ކުރެވިދާނެއެވެ.
"އިންސިޑެންޓަލް ހަރަކާތްތަކަކީ ވަގުތުގެ ގޮތުންވެސް ފައިދާހުރި ކަމެކެވެ. ސަބަބަކީ މިކަމަށް ގިނަ ވަގުތެއް ހުސްކުރާކަށް ނުޖެހޭނެތީއެވެ." ޑެއިލީ ވިދާޅުވެއެވެ. "މާ ބޮޑު ކަމަކަށް ނުހަދައި ފަސޭހައިން ކުރެވޭނެ ގޮތްތައް ހޯދުމަކީ މުހިންމު ކަމެކެވެ."
މިފަދަ ހަރަކާތްތައް ގިނައިން ކުރާ ވަރަކަށް، އެކަން ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހިމެނިގެންދާނެއެވެ.
މިކަންކަމަށް ވިސްނާލުމަށްފަހު، މިހާރުން މިހާރަށްވެސް ކުރަންވީ ކަމަކީ އިށީނދެ އިންނައިރު ފައި ތަޅުވައި، އިނގިލިތައް ތެޅުވުން ފަދަ ކަންކަން ކުރުމެވެ. މީހަކަށް ގުޅައިގެންވެސް ދެކޮޅަށް ދެކޮޅަށް ހިނގާލާހިނގާލާ ހުރުމެވެ. މިފަދައިން އުޅެން ފެށުމުން ބައެއް މީހުންނަށް ކޮންމެވެސް ގޮތަކަށް ހީވެދާނެއެވެ. ނަމަވެސް، އެކަމުން އެމީހެއްގެ ސިއްހަތަށް ފައިދާ ކުރާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް