ރާއްޖެގެ ތިން ސަރަހައްދެއް ހިމާޔަތްކުރަން ރައީސް ނިންމަވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ތިލަދުންމަތީ ދެކުނުބުރީ ކޭލަކުނާއި އެރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަޙައްދާއި، އެއަތޮޅުގެ ނޭކުރެންދޫގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދާއި އަދި ތިލަދުންމަތީ އުތުރުބުރީ ބާރަށުގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދަކީ، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމަވައިފިއެވެ.
ޤާނޫނު ނަންބަރު 4/93 "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު" ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ހދ. ކޭލަކުނާއި، ހދ. ނޭކުރެންދޫގެ ކުޅި ހިމެނޭ ސަރަހައްދާއި، ހއ. ބާރަށުގެ ކުޅި ހިމެނޭ ސަރަހައްދަކީ ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކެއް ކަމުގައި ކަނޑައެޅުމަށް ނިންމެވީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ތަންފީޛުކުރާ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި، 1 ފަރާއި، 1 ކަނޑޫފާ ރައްކާތެރިކުރުމަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް