މިނިސްޓަރު ޖޭޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ... ފޮޓޯ:އައްޑޫ ލައިން
މިނިސްޓަރު ޖޭޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ... ފޮޓޯ:އައްޑޫ ލައިން
ހަބަރު 29 Aug 2022 | 05:35

ހޮރައިޒަން ދިފާއުކައްވާ ޖޭޕީގެ ވަޒީރު މަޖިލީހުގައި އިތުރުފުޅު ހެއްދެވިކަމަށް ތުހުމަތުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ދަށުން ހިންގާ ހޮރައިޒަން ފިޝަރީސްގެ ދިފާއުގައި ޖޭޕީގެ ސްލޮޓެއްގައި ފިޝަރީސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވާ ޑރ. ހުސެއިން ރަޝީދު މަޖިލީހުގައި އިތުރުފުޅުހެއްދެވިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާނު ތުހުމަތުކުރައްވައިފިއެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ފަސް ވަނަ ޖަލްސާގައި މަޑަވެލި ދާއިރާގެ މެމްބަރު ފިރުޝާން ވަނީ ހޯޑެއްދޫގައި ހޮރައިޒަން ފިޝަރީސްއިން ހަދަން ފައްޓާފައިވާ މަސްފެކްޓްރީ ނިންމަން ދެވިފައިވާ މުހުލަތަކީ ކޮބައިތޯއާއި، އެކި ފަހަރުމަތިން ދެވިފައިވާ މުހުލަތުތަކަށް ނުނިމި 17 އަހަރު ވެގެން ދިޔައިރު، މިނިސްޓްރީއިން އެކަމާއި ގުޅޭގޮތުން އެޅި ފިޔަވަޅަކީ ކޮބައިތޯ އައްސަވާ ފިޝަރީސް މިނިސްޓަރާއި ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ގދ ހޯޑެއްދޫގައި ކޯލްޑް ސްޓޯރޭޖަކާއި މަސް ގަންގަން ފެސެލިޓީއެއް ހެދުމަށް ހޮރައިޒަން ފިޝަރީސްއާއި ހަވާލުކޮށްފައިވަނީ 7 އޯގަސްޓު 2005ގައި ކަމަށެވެ.

އެ އެއްބަސްވުމުގައި ވާގޮތުން ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރުމަށް ބިން ދޫކުރި ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އެކުންފުނިން ހަދަން ޖެހޭކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި އޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެކަމަށްޓަކައި ބިން ދޫކޮށްފައި އޮތްކަން ފިޝަރީސް މިނިސްޓްރީގެ ލިޔެކިޔުންތަކުން ފެންނަން އޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ފުރަތަމަ ވޯކް ޕްލޭނުގައިވާ ގޮތުން 7 ސެޕްޓެމްބަރު 2006 ގެ ނިޔަލަށް އެ ކުންފުނިން މަސައްކަތް ނިންމަން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް އެ މުއްދަތު ހަމަވިފަހުން ހޮރައިޒަން ފިޝަރީސްއިން މަސައްކަތް ނިންމުމަށް އިތުރު 358 ދުވަސް ދިނުމަށް މިނިސްޓްރީގައި އެދިފައިވާ ކަމަށާއި، އެ އެދުމާއި އެއްގޮތަށް އެ ކުންފުންޏަށް އިތުރު މުއްދަތުދީ އެއްބަސްވުމަށް ބަދަލު ގެނެސްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޯލްޑް ސްޓޯރޭޖު އެޅުމަށް ގާއިމުކޮށްފައިވާ ބިމުގެ އެއްބަޔަކީ ފަޅު ހިއްކައިގެން އުފައްދާފައިވާ ބިމެއް ކަމަށެވެ.

މަސައްކަތް ފުރިހަމަކުރުމަށް ހޮރައިޒަންއަށް އިތުރުކޮށްދިން މުއްދަތު ހަމަވުމާއެކު، އެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ ކުންފުންޏަށް ބޮޑެތި ހުރަސްތަކެއް ހުރިކަން ފާހަގަކޮށް މިނިސްޓްރީއަށް ސިޓީ އެއް ފޮނުވާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ކޯލްޑް ސްޓޯރޭޖު ހެދުމަށް ބޭނުންވާ މުދާ އަގު ބޮޑުވުމާއި، އެތަކެތި ވިއްކާ ފަރާތްތަކުގެ ކޮމިޓްމަންޓު ނުލިބުމާއި، ބޭރުން ގެންނަ ހިލައާއި ހިލަވެލި ގެނައުމުގައި ކޯޓާ ނުލިބުންފަދަ ކަންކަމާއި ކުރިމަތިވެފައިވާތީ، އިތުރު އެއް އަހަރަށް އަނެއްކާވެސް މުއްދަތު އިތުރުކުރުމަށް ހޮރައިޒަންއިން އެދިފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ.

އެކަންކަމުގެ އިތުރުން އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ހޯޑެއްދޫގެ ބަނދަރު ފުންކުރުމަށް ނަގާފައިވާ ވެލީގެ ތެރެއިން ހޯޑެއްދޫއާއި މަޑަވެލި ދެމެދުގައި ހިއްކުމަށް ބޭނުންކުރުމަށް ހުރި ވެލި ކޯލްޑް ސްޓޯރޭޖް ހެދުމަށް ކަނޑައަޅާފައިވާ ސައިޓުގައި ވަގުތީގޮތުން ބަހައްޓާފައި ހުރުމާއި، އެ ވެލި އެތަނުން ނުގަލާ ލަސްވަަމުންކަން ކުންފުނިން ބުނާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް ލަސްވަނީ އެ ވެލިފުނިތައް އެތަނުގައި ހުރުމުންކަން ހޮރައިޒަނުން ފާހަގަކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ހަމައެއާއެކު އެ ވެލިފުނި ނަގާ އަޅާނެ ތަނެއް ހަމަޖައްސާ ނުދެނިސް ޕްރޮޖެކްޓު ނިމޭނެ ތާރީހެއް ދަންނަވަން ނޭނގޭކަމަށް ހޮރައިޒަނުން ބުނެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ލިޔެކިޔުން ދައްކާގޮތުގައި ޕްލޭނިން މިނިސްޓްރީއިން އެ ވެލިތައް އެޅުމަށް އެންމެ ފުރަތަމަ ނިންމާފައިވަނީ ހޯޑެއްދޫއާއި މަޑަވެއްޔާއި ދެމެދު ހިއްކުމަށް އެޅުމަށްކަމަށެވެ.

"ކޮންމެއަކަސް އެ ވެލި ބަހައްޓާފައ ހުރީ ކޯލްޑް ސްޓޯރޭޖު އެޅުމަށް ކަނޑައަޅާފައިވާ ބިމުގައި. އެހެންކަމުން އެ ވެލިތައް އެތަނުން ނުނަގަނިސް ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ހެދުމަށް ކުރަން ޖެހޭ އިމާރާތްތަކާއި ކަންކަން އޮތީ ނުކުރެވިފައި" މިނިސްޓަރު ވިދާޅުވިއެވެ.

އެއާއެކު މިނިސްޓަރު ވިދާޅުވީ އެމްޑީޕީގެ ފުރަތަަމަ ވެރިކަމުގައިވެސް ހޮރައިޒަންއަށް މަސައްކަތް ނިންމުމަށް އިތުރު މުއްދަތު ދީފައިވާކަމަށެވެ. އެގޮތުން ސަރުކާރާއި ހޮރައިޒަންއާއި ދެމެދު ހެދިފައިވާ އެއްބަސްވުމުގައި ކޯލްޑް ސްޓޯރޭޖު ހެދުމަށް ކަނޑައަޅާފައިވާ ސައިޓުގައި ހުރި ވެލިފުނި ހުސްކުރާތާ 24 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ފުރިހަމަކުރުމަށް އެއްބަސްވުން އިސްލާހުކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް އެ ފަހުންވެސް އެ ވެލިތައް އަޅާނެ ތަނެއް ސަރުކާރުން ހޮރައިޒަންއަށް ދައްކާފައިވާކަން ލިޔެކިޔުމުން ފެންނަން ނެތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި ހޮރައިޒަންއަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ދަތިވެގެން އުޅޭ ވެލިފުނީގެ މައްސަލަ ހައްލުކޮށްދެވުނީ 2019 ވަނަ އަހަރުގައިކަމަށެވެ.

"28 އޭޕްރިލް 2019ގައި މިނިސްޓްރީ އޮފް ފިޝަރީސްގެ ޓީމެއް، ގދ ހޯޑެއްދޫއަށް ކުރި ދަތުރުގައި ކޯލްޑް ސްޓޯރޭޖު ހެދުމަށް ހުރި ހަރަހައްދުގައި ހުރި ވެލި ފުނި އެ ސަރަހައްދުން ނަގާ ހުސްކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައި، އޭގެ ކުރިން ހޯޑެއްދޫއަށް ކުރި ދަތުރުތަކުގައި އެ ވެލި ފުނި ނަގާފައިވާކަން ފާހަގައެއް ނުވޭ" މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެފަހުން ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނިންމަން ރާވާފައިވާ ގޮތުގެ އާ ވޯކް ޕްލޭނެއް މިނިސްޓްރީއަށް ހުށއެޅުމަށް ހޮރައިޒަންއަށް އަންގާފައިވާނެކަމަށާއި، އަދި އެ އެންގުމުގެ ޖަވާބުގައި ކުންފުނިން މަސައްކަތް ނިންމުމަށް ފައިސާ ހޯދަމުންދާ ކަމަށާއި، ފައިސާ ހަމަޖެހޭތާ ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާނެކަން އަންގާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ އެ ޖަވާބާއި ގުޅިގެން ފިރުޝާން އިތުރު ފުރުސަތެއް ހޯއްދަވާ ވިދާޅުވީ މިނިސްޓަރު ދެއްވި ޖަވާބުގައި ހަގީގަތާއި ޚިލާފު ކަންކަން ހުރިކަމަށެވެ.

ހޮރައިޒަން ފިޝަރީސްއަށް ދޫކޮށްފައިވާ ސައިޓުގައި ވެލިފުނިތަކެއް ހުރިކަމަށާއި، މަސައްކަތް ނުކުރެވި ދިގުލައިގެން ދިޔައީ ސައިޓުގައި ހުރި ވެލިފުނިތަކުގެ ސަބަބުންކަމަށް ވިދާޅުވެ މިނިސްޓަރު ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއްކަމަށް ފިރުޝާން ވިދާޅުވިއެވެ.

"ވެލިފުންޏެއްގެ ވާހަކަ ވިދާޅުވެއްޖެ. އެ ވިދާޅުވާ ވެލިފުނިތައް ހުރީ ހޮރައިޒަން ފިޝަރީސްއަށް ދޫކޮށްފައިވާ ސައިޓުން ބޭރުގައިކަން ފާހަގަކޮށްލަން." ފިރުޝާން ވިދާޅުވިއެވެ.

ހޮރައިޒަނުން މަސައްކަތް ލަސްކުރުމަށް އެކިފަހަރުމަތިން ދެއްކި ބަހަނާތަކުގެ ތެރޭގައި 2012 ވަނަ އަހަރު އެމްޑީޕީއިން ތަންތަން ރޯކޮށްލުމާއި ގުޅިގެން އެ ކުންފުނީގެ ސައިޓަށްވެސް ގެއްލުންދިންކަމަށް އަންގާފައިވާކަން މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ. އަދި އިންޝިއުރަންސް ފައިސާ ނުލިބި އޮތުމުން ފައިސާގެ ދަތިކަން ދިމާވެފައިވުންވެސް ކުންފުނިން ފާހަގަކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މެމްބަރު ވަނީ މިނިސްޓަރުގެ އެ ވާހަކަތަކަކީވެސް އިތުރުުފުޅުތަކެއްކަމަށާއި، މިނިސްޓަރު މަޖިލީހުގައި ތަމްސީލުކުރައްވަނީ ހޮރައިޒަން ފިޝަރީސް ކުންފުނިކަމަށް ވިދާޅުވެފައެވެ.

"ރޯކޮށްލުން، 2012ގެ އަލިފާނުގެ ހާދިސާއާއި ގުޅިގެން އަޅުގަނޑަށް މައުލޫމާތު ލިބިފއިވާ ގޮތުގައި އެ ކުންފުނިން ވަނީ އިންޝިއުރަންސްއިން ހަމަ އެ އަދަދަށް ފައިސާ ހޯދާފަ" މެމްބަރު ވިދާޅުވިއެވެ.

ފިރުޝާން އިތުރަށް ވިދާޅުވީ، މިނިސްޓްރީއިން މޮނިޓަރިން ދަތުރުތަކެއް ކުރިކަމަށް ވިދާޅުވިއިރު އެ ދަތުރުތަކުން ހާސިލުކުރި އެއްވެސް ނަތީޖާއެއް ނުފެންނަކަމަށެވެ. އަދި ހޮރައިޒަނުން އެއްބަސްވުމާއި ޚިލާފުވެފައިވާ އެއްވެސް ކަމެއް މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެދެއްވާފައި ނުވާކަންވެސް މެމްބަރު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން މިނިސްޓަރު ކުންފުނި ތަމްސީލުކުރައްވާ ގޮތަށް، މަޖިލީހަށް ވަޑައިގެން ވާހަކަފުޅުދެއްކެވުމަކީ ސުވާލު އުފެދޭ ކަމެއްކަމަށް މެމްބަރު ވިދާޅުވިއެވެ.

ހޯޑެއްދޫގައި ކޯލްޑް ސްޓޯރޭޖަކާއި ފިޝިން ކޮމްޕްލެކްސްއެއް ގާއިމުކުރުމަށް ހަވާލުކުރިތާ 17 އަހަރުވެގެން ދިޔައިރު، އެކަން ނުކުރެވި އޮތް ސަބަބާއި ގުޅިގެން ފިޝަރީސް މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް މީގެ ކުރިންވެސް ވަނީ ސުވާލުކޮށްފައެވެ.

އެހެން ނަމަވެސް، އެ ދުވަހުވެސް މިނިސްޓަރުގެ ވާހަކަފުޅު ބިނާކޮށްފައި ހުރީ ކުންފުނި ދިފާއުކުރުމަށްކަން ފާހަގަކޮށްލެވެއެވެ. އަދި މަސައްކަތް ނުނިންމާ ދުވަސްތައް ފާއިތުވާއިރު، އެ ކުންފުންޏަށް ބޮޑެތި ލުއިތަކެއް އެކި ފަހަރުމަތިން ސަރުކާރުތަކުން ދީފައިވާކަންވެސް ފާހަގަކޮށްލެވއެވެ.

ހޯޑެއްދޫގައި ގާއިމުކުރުމަށް ހޮރައިޒަންއާއި ހަވާލުކުރި ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް ނުނިމި ލަސްވަމުންދާތީ، އެ ސަރަހައްދުގެ މަސްވެރިން ގެންދަނީ ބޮޑެތި ކަންބޮޑުވުންތަކެއްވެސް ފާޅުކުރަމުންނެވެ.

މަޝްވެރިންގެ ޝަކުވާތަކާއެކު ޕެޓިޝަނެއްގައި ސޮއިކޮށް ރައީސް އޮފީހަށް ހުށައަޅާފައި ވީނަމަވެސް މިހާތަނަށް އެ މައްސަލައަށް އެއްވެސް ހައްލެއް ހޯދާދެވިފައެއް ނެތެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.