އިޓަލީ ފަތުރުވެރިން ހޯދުމުގެ ތެރޭގައި ނިޔާވި މަހުދީއަށް އިޓަލީގެ އެންމެ މަތީ ޝަރަފު އަރުވަނީ
ވ. އަތޮޅުގައި ޑައިވިންގ އަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަންގައި އުޅެނިކޮށް ނިޔާވި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) ގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ޚިދުމަތުގެ އަގުވަޒަންކޮށް، އިޓަލީވިލާތުގެ އެންމެ މަތީ ޝަރަފު 'ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ' އެރުވުމަށް އެ ޤައުމުން ނިންމައިފިއެވެ.
ސްރީލަންކާގައި ހުންނަ އިޓަލީގެ އެމްބަސީން ސޯޝަލް މީޑިއާ މެދުވެރިކޮށް މިކަން ހާމަކޮށްފައިވެއެވެ. އެމްބަސީން ބުނެފައިވަނީ، މި ޝަރަފު މަހުދީއަށް އަރުވަނީ ގެއްލުނު ޑައިވަރުން ހޯދުމަށް ހިންގި އޮޕަރޭޝަންގައި އޭނާ ދެއްކެވި ހިތްވަރާއި، އިންސާނިއްޔަތުކަމުގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ. އަދި މި އެވޯޑަކީ މީހުން ސަލާމަތްކުރުމުގެ މިޝަންގައި އޭނާ އަދާކުރެއްވި ދައުރާއި، އެހެން މީހުންނަށް އެހީތެރިވުމަށް އޭނާ ބެހެއްޓެވި ސާބިތުކަމުގެ އަގުވަޒަންކުރުން ކަމަށްވެސް އެމްބަސީން ފާހަގަކުރިއެވެ.
މި ޝަރަފު އެރުވުމުގެ އިތުރުން، ލަންކާ އިޓަލީ އެމްބަސީ އާއި މާލޭގައި ހުންނަ އިޓަލީގެ އޮނަރަރީ ކޮންސިއުލަރ އެޖެންސީ ގުޅިގެން ވަނީ މަހުދީގެ ޢާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑު ހޯދުމުގެ ޙަރަކާތެއްވެސް ފަށާފައެވެ.
އެމްބަސީން މަޢުލޫމާތު ދޭ ގޮތުގައި، މި އެހީ ޖަމާކުރުމަށްޓަކައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި "ސާޖަންޓް މަހުދީ މެމޯރިއަލް ފަންޑު" ގެ ނަމުގައި ވަނީ ޚާއްޞަ އެކައުންޓެއް ހުޅުވާފައެވެ. މި ފަންޑަށް ލިބޭ އެންމެހައި ފައިސާ ޙަވާލުކުރެވޭނީ މަހުދީގެ ޝަރުޢީ ވާރިސުންނާއެވެ. މި ފަންޑު ހޯދުމުގެ ކެމްޕޭން 2026 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އިޓަލީ އެމްބަސީން މަޢުލޫމާތު ދެއެވެ.
އިޓަލީ އެމްބަސީން ވަނީ މި ޙަރަކާތަށް އެހީތެރިކަން ފޯރުކޮށްދެމުންދާ އެންމެހައި ފަރާތްތަކަށާއި ޖަމުޢިއްޔާ ޖަމާޢަތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި މިއީ މަހުދީގެ ޢާއިލާއަށް އޮތް އެއްބާރުލުމާއި ހަމްދަރުދީ ދެއްކުމުގެ ގޮތުން ކުރެވޭ މުހިންމު މަސައްކަތެއް ކަމަށްވެސް އެ ފަރާތުން ބަޔާންކޮށްފައިވެއެވެ.
މަހުދީ ނިޔާވެފައިވަނީ ވ. އަތޮޅުގައި ޑައިވިންގ އަށް ފޭބި އިޓަލީވިލާތުގެ ބަޔަކު ގެއްލިގެން އެމީހުން ހޯދުމަށް ކަނޑުއަޑީގައި ކުރިއަށްގެންދިޔަ ނުރައްކާތެރި، ކޭވް އޮޕަރޭޝަންގެ ތެރޭގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް