ޗައިނާގެ މޫނުމަތީގައި ތަފާލެއް އެޅުމަށްފަހު އިންޑިޔާގާތު ރޭކުރީ!!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގެ ހަނީމޫން ދުވަސްކޮޅު މިހޭދަކުރެއްވީ އިންޑިޔާގެ ހަރުކަށި ބޮޑުވަޒީރު ނަރެންދުރަމޯދީގެ ގަނޑުވަރު ރާސްތުރަޕަތީ ބަވަންގައެވެ. ގިނަ ދިވެހިން ޚިޔާލުފާޅުކޮށްހަދާ ސޯޝަލް މީޑިއާގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ހަނީމޫން ދަތުރުފުޅާއިމެދު ވާހަކަދައްކައިހެދި ވަރަށް ގިނަ މީހުން މިދަތުރުފުޅުގައި ހިގައިދިޔަ ކަންކަން ވަރަށް ގޮތްގޮތަށް ސިފަކުރެއެވެ.
އޭގެތެރެއިން އަޅުގަނޑު އަޅައިގަތީ އެމްޑީޕީގެ ހާޑުކޯރ އެކްޓިވިސްޓެއްކަމަށްވާ ލޫކަސް ޖަލީލް ކިޔާ މީހަކު ދެއްކި ވާހަކައެކެވެ. އޭނާގެ ވާހައަކައިގައި ރައީސް ސާލިހް މިކުރެއްވި ކަމަކީ ޗައިނާގެ މޫނުމަތީގައި ތަފާލެއް އެޅުމަށްފަހު އިންޑިޔާގާތު ރޭކުރުމެވެ. އޭނާ އެހެން އެބުނީ ޗައިނާއަށް ދިވެހިންގެ ދަރިންގެ ދަރިންނަށްދާންދެން ދަރުވާލާފައިވާކަމަށް އިންޑިޔާގެ މީޑިއާއިން ރައީސް މުހައްމަދު ނަޝީދު ކުރިއަށް ނެރެ މުޅި ގައުމަށް ނަޝީދުގެ ވާހަކަފުޅުތަކުން ފަތުރައިލި އެންޓި ޗައިނާގެ ސިޔާސީ ގޭމަށްފަހު މަސްދުވަސްވެސް ނުވަނީސް އެއަށްވުރެ ބޮޑު ލޯނެއް އިންޑިޔާއިން ނެގުމަށް އެއްބަސްވުމުންނެވެ.
އިންޑިޔާއަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ފޮނުއްވައިގެން ޗައިނާއިން ނެގިވަރަށްވުރެ މާބޮޑު ލޯނެއްގެ ގެރެންޓީ ހޯދައިގެން ދަރިންގެ ދަރިންނާ ދެން އަންނަންތިބި ދަރިންގެ ދަރިންނަށްދާންދެން ދަރުވައިލެވެނީއެވެ. ޗައިނާގެ ކުންފުނިތަކަށް 1.4 ބިލިޔަން ޑޮލަރުގެ ދަރަންޏަކުން ދިވެހި ރާއްޖެ ދަރާފައިވަނިކޮށް ހަމަ އެވަރަށް އަނެއްކާ އިންޑިޔާއަށް ދަރުވާލުމުން ރިހޭފައިގެ މައްޗަށް ފޮއި ވެށްޓި އިންޑިޔާއަށް ދާދި ފަސޭހައިން މުޅި ދިވެހި ރާއްޖެ ރޭޕްކޮށްލެވިދާނެކަމަށް ބައެއް މީހުން ދެކެއެވެ.
ލޫކަސް ޖަލީލާއި ޚިޔާލުބަދަލުކުރި އެކަކު ބުނެފައިވެއެވެ. ޗައިނާއިން އަހަރެމެންނަށް ހަދިޔާކުރި ބްރިޖަކީ ވަރަށް ބޮޑު ހަދިޔާއެކެވެ. އެމީހުން އަހަރެމެންގެ ކޮމިއުނިޓީތައް ( ހުޅުމާލޭ-މާލޭ ރައްޔިތުން) ގުޅުވައިދޭން ބިންގަލެއް އަޅައިދީފިއެވެ. އިންޑިޔާ ފެންނަނީ ޕަވަރހަންގްރީ ފިރިއެއް ހެންނެވެ.
މީގެކުރިން މިމައްސަލަ ހިލުވައިލީ ބޭރުގެ ނޫސްތަކުންނެވެ. އިންޑިޔާއިން ދިވެހި ރާއްޖެއަށް ބޮޑު ލޯނެއް މިދެނީ ޗައިނާގެ ދަރަނި އަދާކޮށް ދެން ޗައިނާ ދިވެހިރާއްޖެއަށް ކައިރިވިޔަ ނުދޭގޮތަށް ޝަރުތުކޮށްގެންނެވެ. ދެގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުންތަކަށްފަހު އިންޑިޔާގެ ނޫހެއްކަމުގައިވާ ޓައިމްސް އޮފް އިންޑިޔާގައި ލިޔެފައިވަނީ އިންޑިޔާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދިވެހި ރާއްޖޭގައި ޗައިނާގެ އައުޓްޕޯސްޓެއް ގާއިމުކޮށްފާނެތީއެވެ.
ދިވެހި ރާއްޖެ މިނިވަންވީއްސުރެ އިންޑިޔާ އަބަދުމެ އޮންނަނީ މިބިރެއްގައެވެ. މޯދީއާއި ސާލިހްވަނީ ސަރައްދުގެ ސެކިއުރިޓީއާއިމެދު އެއްބަސްވުމަކަށް އައިސްފައިކަމަށާއި ދެގައުމުންކުރެ ގައުމެއްގެ ސަރަހައްދު އަނެއް ގައުމާއި ދެކޮޅަށް ބޭނުންކުރުމުގެ ފުރުސަތު ނުދޭން އެއްބަސްވެފައިވާކަމަށްވެސް ޓައިމްސް އޮފް އިންޑިޔާގައި ބުނެފައިވެއެވެ. މިއީ ދުނިޔޭގެ ސުޕަރޕަވަރަށްވުމަށް އެމެރިކާއާއި ވާދަކުރަމުންދާ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދުކަމުގައިވާ ޗައިނާއަށް ނިސްބަތްކުރި ބަހެއްކަމަށް ބެލެވެއެވެ.
ރައީސް ސޯލިހް އިންޑިޔާއަށް ފުރާވަޑައިގަތުމުގެ ދަތުރުފުޅުގެމަތީގައި ހުންނަވަނިކޮށްވެސް ރައީސް ނަޝީދު ރައީސް ސާލިހްގެ ކަންފަތްދޮށުގައި އެވާހަކަ ހަނދާންކޮށްދެއްވިއެވެ. އިންޑިޔާއާއި ނުލައި ދިވެހި ރާއްޖެއަށް ނޯވެވޭނެކަމަށާއި އިންޑިޔާގެ މަސްލަހަތު ހިފެހެއްޓުމަށެވެ. އެމަނިކުފާނުގެ ޓުވީޓާގައިވެސް އެވާހަކަ ފާޅުކުރިއެވެ.
އިންޑިޔާގެ ނޫސްތަކުން ބުނަނީ އިންޑިޔާއާއި ޗައިނާއިންވެސް މަސައްކަތްކުރަނީ ދިވެހި ރާއްޖެއަށް ނުފޫޒު ފޯރުވުމުގައި އެއްގައުމަށްވުރެ އަނެއް ގައުމު ކުރި ހޯދުމަށެވެ. ދުނިޔޭގެ މުހިއްމު ޝިޕިންލައިނެއްގެ އަނގަމަތީގައި ދިވެހި ރާއްޖެ އޮތުމުންނެވެ. މިނޫސްތައް ސިފަކުރާގޮތުން އިންޑިޔާގެ އެނޫން މަސްލަހަތެއް ދިވެހި ރާއްޖެއަކަށް ނެތެވެ.
ދިވެހި ރާއްޖެ އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރަކަށްވުމަށް ކުރިމަތިލައިގެން އެތައް އަހަރެއް ވަންދެން ކުރި މަސައްކަތުގައި އެންމެ ފަހު ވަގުތު އިންޑިޔާއިން ސިއްރިޔާތުގައި އެންޓި ކެމްޕެއިންކޮށްފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައިވެއެވެ. އެކަމަކު އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރަކަށްވާން އިންޑިޔާއިން ކުރާ މަސައްކަތުގައި ދިވެހި ރާއްޖެއިން ތާއީދުދޭނެއެވެ.
ރައީސް ސާލިހްގެ މިދަތުރުފުޅުގައި ވެފައިވާ ދިފާއީ އެއްބަސްވުމުގެދަށުން ދިވެހި ރާއްޖޭގެ ކަނޑުތަކުގައި ދެގައުމުގެ ގުޅިގެން ޕެޓްރޯލްކޮށް ސާވައިލަންސް އެއަރކްރާފްޓް ބޭނުންކޮށްގެން ބަލަހައްޓަމުންދާނެއެވެ. މާނައަކީ އޭރިއަލް ސާވައިލެންސްކުރެވޭނެ ގޮތްތަކެއް ރާއްޖޭގައި ހަމަޖައްސާނެއެވެ.
މިއީ ހިލޭ އެހީގެ ނަމުގައި އިންޑިޔާއިން ރާއްޖޭގައި ބާއްވަމުން އަންނަ ދެ ހެލިކޮޕްޓަރު ބޭނުންކޮށްގެން އޭރިއަލް ސާވައިލެންސް ބެލެހެއްޓުންކަމެއް ނުވަތަ އެއަކްރާފްޓް ބޭނުންކޮށްގެން ބަލަހައްޓަމުންދިޔުންކަމެއް ސާފެއްނުވެއެވެ. ދިވެހި ރާއްޖެއަށް ހިލޭ އިންޑިޔާއިން ސާރވައިލެންސް އެއަރކްރާފްޓެއް ދޭ ގޮތަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިންޑިޔާއިން އެއްބަސްވެފައިވެއެވެ. ހަތް އަހަރުވަންދެން އިންޑިޔާއިން ދީފައި އޮންނަ ހެލިކޮޕްޓަރެއް ދުއްވަން ސިފައިންގެ ބޭކަލުން އުޅެއުޅެ ދަސްނުވުމުން އެއަރކްރާފްޓެއް އަމުދުން ދުއްވަން ދަސްނުވާނެއެވެ.
އެހެންވީމާ އެހެލިކޮޕްޓަރުތަކާއި އެއަރކްރާފްޓް ދުއްވާނެ އިންޑިޔާ ސިފައިންގެ ފައުޖެއް ދިވެހި ޜާއްޖޭގައި ބާއްވަންޖެހޭ ހާލަތު އޮންނާނީ އަބަދުވެސް ކުރިމަތިވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް