ރައީސުލްޖުމްހޫރިއްޔާ ދޫނިދޫ ޖަލަށް ޒިޔާރަތްކުރައްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މިއަދު މެންދުރުފަހު ދޫނިދޫ ޖަލަށް ޒިޔާރަތްކުރައްވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތުދޭގޮތުގައި އެމަނިކުފާނު ފުލުހުންގެ ބެލުމުގެ ދަށުން ހިންގާ ދޫނިދޫ ކަސްޓޯޑިއަލްއަށް ޒިޔާރަތްކުރައްވާފައިވަނީ އެޖަލުގެ ހާލަތު ބެއްލެވުމަށެވެ. މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވެސް ދޫނިދޫ ޖަލަށް ވަޑައިގެންނެވިއެވެ.
މި ޒިޔާރަތުގައި ރައީސް ވަނީ ސިޔާސީ ބޭފުޅުން ހައްޔަރުކުރައްވާފައި ބޭތިއްބެވި ގޮޅިތަކާއި، ޖަލުގެ ޢާންމު އެހެން ގޮޅިތައް ބައްލަވާލައްވާފައެވެ. އަދި ޖަލުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންހުރި ކަންތައްތަކުގެ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ އޮޅުންފިލުއްވިކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރުގެ ތެރޭގައި އެމަނިކުފާނުވެސް ވަނީ ހަފްތާއެއްހާ ދުވަސް ދޫނިދޫ ޖަލުގައި ހޭދަކުރައްވާފައެވެ. އެއީ މުޒާހަރާއެއްގައި ފުލުހުންގެ ދަށަށް ގެންދެވުމުގެ ސަބަބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް