ކުންފުނި ވަނީ އިހުމާލުވެފައި، ކުންފުނިން އާއިލާއާ ބައްދަލުކޮށްފައި ނުވޭ - މާލޭ ސިޓީ ކައުންސިލް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިއަދު ހެނދުނު ނަލަހިޔާ ކައިރިން އިމާރާތްކުރަމުންދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއްވެއްޓި ކުޑަ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ އިރު، އެމަސައްކަތް ކުރަމުން ދިޔަ ޑަބްލިއު ކޮންސްޓްރަކްޝަން ކޮންޕެނީ ވަނީ ކުންފުނީގެ ޒިންމާއަށް އިހުމާލުވެފައިކަމަށް މާލޭ ސިޓީކައުންސިލްގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މޭޔަރު ޝިފާ ފާހަގަކުރެއްވިގޮތުގައި ކޮންސްޓްރަކްޝަން އޭރިޔާ ބަންދުކޮށްފައި ނެތުމުގެ އިތުރުން ހަމައެކަނި އިނީ ބޯޑެއްޖަހާފައިކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ޑަބްލިއު ކޮންސްޓްރަކްޝަނުން އެ ސަރަހައްދުގައި މަސައްކަތްކުރުމަށް ނަގަންޖެހޭ ހުއްދަތައް ނުނަގާކަން ސިފާ ފާހަގަކުރެއްވިއެވެ.
"މިހާރުން މިހާރަށް ހުރި ގަވާއިދުތަކަށް ބަލާއިރު ވެސް މި ދެންނެވި ކުންފުނީގެ ވަރަށް ބޮޑު އިހުމާލެއް މިކަމުގަ އޮތްކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" ޝިފާ ވިދާޅުވި އެވެ.
މީގެއިތުރުން ސިޓީ ކައުންސިލުން މަސައްކަތު ސައިޓް ބެލި ބެލުމުން އިތުރު އެހެން މައްސަލަތައްވެސް ވަނީ ފާހަގަކުރެވިފައިކަމަށް ސިފާ ވިދާޅުވިއެވެ.
އަދި މިހާތަނަށްވެސް އެކުންފުނިން އެއާއިލާއާއި ބައްދަލުކޮށްފައި ނުވާކަން ފާހަގަކުރައްވައި އެކަމާ ހިތާމަކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
ޑަބްލިއު ކޮންސްޓްރަކްޝަނުން ހާމަކުރާގޮތުގައި އެކުންފުނިން އަންނަނީ އެކުއްޖާގެ އާއިލާއާއި ގުޅައި ބޭނުންވާ އެހީތެރިކަމެއް ފޯރުކޮށްދެއްވަމުންކަން ފާހަގަކުރައްވާފައިވެއެވެ. ނަމަވެސް ސިފާ ފާހަގަކުރައްވާގޮތުގައި އެބޭފުޅުން ސީދާ ހޮސްޕިޓަލައަށް އައިސްފައިނުވާކަން ފާހަގަކުރައްވައެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ މާލޭގެ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ތަންތަނުގެ އިމާރާތްކުރުމުގެ ހުއްދަ ވަގުތީގޮތުން ހުއްޓުވާފައެވެ.
އަނިޔާ ލިބިފައިވާ ކުޑަކުއްޖާގެ ހާލު އަދިވެސް ސީރިއަސްއެވެ. އަދި އިމެޖެންސީގައި ދަނީ އެކުއްޖާ އޮޕްރޭޝަން ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް