ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ހއ. ބާރަށުގައި 18 އަހަރުން ދަށުގެ ކުދިންގެ އަޚްލާގީ މައްސަލަތައް ބޮޑުވެ ބެލެނިވެރިއަކާ ނުލައި ރޭގަނޑު ނުވައެއްގެ ފަހުން ބޭރުގައި އުޅުން މަނާކުރާ ގޮތަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
ބާރަށު ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި އެ ރަށުގެ ސްކޫލު ދަރިވަރުންނާއި 18 އަހަރު ނުފުރޭ ކުދިން ގޮނޑުދޮށްތަކާއި ފިނި މައިޒާންތަކާއި ކެފޭތަކާއި އެކަހެރި ސަރަޙައްދުތަކުގައި ރޭގަނޑު ދަންވަންދެން މުޖުތަމަޢު ބަލައިނުގަންނަ ފަދަ ގޮތްގޮތަށް އުޅެމުންދާކަން ފާހަގަކުރެވިފައިވެއެވެ. ކައުންސިލުން ބުނީ، މިފަދަ ޢަމަލުތަކުގެ ސަބަބުން އިޖުތިމާޢީ ގޮތުން ނޭދެވޭ އަސަރުތައް ކުރާކަމަށެވެ.
އެހެންކަމުން ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި ނޫޅުމަށް ވަނީ އަންގާފައެވެ.

މި ފިޔަވަޅާ ގުޅިގެން ރަށުގައި ޙަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކާއި މުއައްސަސާތަކާއި ބާރަށު ސްކޫލާއި ކުޅިވަރު އެކެޑަމީތަކުން ވެސް މި ކަމަށް ސަމާލުވުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް