އދ ގައި ދިވެހިރާއްޖޭގެ ވޯޓް މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓުވުމާ ދެކޮޅަށް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އ.ދ. ގެ ޖެނެރަލް އެސެމްބްލީގައި މިއަދު ނެގި ވޯޓުގައި، ދިވެހިރާއްޖެއިން ވަނީ "މޮރޮޓޯރިއަމް އޮން ދަ ޔޫސް އޮފް ދަ ޑެތް ޕެނެލްޓީ" (މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓުވުން) ރެޒޮލޫޝަނާ ދެކޮޅަށް ވޯޓުދީ، ވޯޓަށް ހާޒިރުވެތިބި އ.ދ. ގެ މެމްބަރު ޤައުމުތަކަށް ސަބަބު ބަޔާންކޮށްދީފައެވެ.
މީގެ އިތުރުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމާމެދު ދިވެހިރާއްޖެއިން ރަސްމީގޮތުން ދެކޭގޮތް އ.ދ. ގައި ވަނީ މިއަދު ބަޔާންކޮށްދީފައެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމާ ބެހޭ ރެޒޮލޫޝަނާ ގުޅޭގޮތުން އ.ދ. ގެ ޖެނެރަލް އެސެމްބްލީގައި މިއަދު ނެގުމަށް ހަމަޖެހިފައިވާ ވޯޓުގެ ކުރިން، ދިވެހިރާއްޖޭގެ ސިޔާސަތު ބަޔާންކޮށްދެއްވަމުން، ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. އަލީ ނަސީރު މުޙައްމަދު ވިދާޅުވިގޮތުގައި، 2014 ވަނަ އަހަރު ވުޖޫދަށްއައި އައު ޤާނޫނުލްޢުޤޫބާތުގައި، ކަނޑައެޅޭ ވަކި ހާލަތްތަކެއްގައި އަދަބެއްގެ ގޮތުން މަރުގެ ހުކުމް ދެވޭނެކަމަށް ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން އިސްލާމީ ޝަރީޢަތާ އެއްގޮތަށް އެހުކުމް ތަންފީޒުކުރަން ޖެހޭކަމަށެވެ.
ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުނުކުރާތާ 60 އަހަރު ވެފައިވާކަން ފާހަގަކުރައްވާ، އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 1954 ގައި ކަމަށްވެސް ޑރ.އަލީ ނަސީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ވަކިފަރާތަކަށް ނުޖެހޭ، މިނިވަން، އަދި ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ ތަނަކަށް އަދުލު އިންސާފު ޤާއިމްކުރުމުގެ ދާއިރާ ހެދުމަށް، އެދާއިރާ މުޅީން އިސްލާހުކޮށް، ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރާނެކަމުގެ ޔަޤީންކަންވެސް ދިވެހިރާއްޖެއިން ވަނީ ދީފައެވެ. އަދި ދިވެހިރާއްޖޭގެ އަދުލު އިންސާފު ޤާއިމްކުރުމުގެ ދާއިރާއަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން ލިބެންދެން، ދިވެހިރާއްޖެއިން މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަންވެސް ވަނީ ހާމަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް