މީސްކޮޅު މަދު މީހުންނަށް އިހުތިރާމް ކުރާނެގޮތް އިންޑިޔާއަށް ދައްކާނަން: އިމްރާން ޚާން
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މުޖުތަމައުގައި ހިމެނޭ މީސްކޮޅު މަދު ގްރޫޕްތަކާއި މެދު އިހުތިރާމުއަދާކުރާނެ ގޮތް އިންޑިޔާގެ ސަރުކާރަށް ދައްކައިދޭނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.
އިމްރާން ޚާން މިހެން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ޕަންޖާބުގެ ސަރުކާރުން ހޯދި ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ޕާކިސްތާނުގެ މީސްކޮޅު މަދު ގްރޫޕްތަކަށްވެސް ހިމާޔަތްތެރިކަން ދޭނެކަމަށާއި، އެފަރާތްތަކުގެ ހަމަހަމަކަން ކަށަވަރުވެފައިވާ އާ ޕާކިސްތާނެއް އުފައްދަވާނެކަމަށެވެ. އަދި މީސްކޮޅު މަދު ފަރާތްތަކަށް ހަމަހަމަކަން ނުލިބޭ އިންޑިޔާގެ މޯދީ ސަރުކާރަށްވެސް އެ ފަރާތްތައް ހިމާޔަތްކުރާނެގޮތް ދައްކައިދޭނެކަމަށް އިމްރާން ޚާން ވަނީ ވިދާޅުވެފައެވެ.
އިމްރާން ޚާން މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު، އިންޑިޔާގެ މަޝްހޫރު އެކްޓަރ ނަސީރުއްދީން ޝާހް ވަނީ ގެރިކަތިލާ މީހުން މަރާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނަސީރުއްދީން ބުނީ އިންޑިޔާގައި އިންސާނެއްގެ ފުރާނައަށްވުރެ ގެރީގެ ފުރާނަ މުހިންމުކަމަށެވެ. އަދި އިންޑިޔާގެ މުޖުތަމައުއަށް ފެތުރިފައިވާ ގެރިކަތިލާ މީހުން މެރުމުގެ ޒަހަރު އަނބުރާ ފުޅިއަށްލުމަކީ ދަތިވާނެ ކަމެެއްގެ ގޮތުގައިވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް