ސަރުކާރު ބަދަލުވުމުގެ މުއްދަތުގައި ތެރޭގައި ބޭހުގެ އަގު ބޮޑުކުރި؟
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ވެރިކަން ބަދަލުވުމުގެ މަރުހަލާތެރޭގައި އާސަންދައިން ގިނަ ބޭސްތަކެއް އަގުތައް އެތައް ގުނައެއް ބޮޑުކޮށްފައިވާކަމަށް އޭޑީކޭ ކުންފުނިން ބުނެފިއެވެ.
ޓްވިޓަރ މެދުވެރިކޮށް އެކުންފުނިން ނެރުނު ބަޔާނެއްގައި މިހެން ބުނެފައިވަނީ ވިޓަމިން ސީ ގުޅައެއް އާސަންދަ މެދުވެރިކޮށް ގަންނައިރު، އެ ގުޅައިގެ އަގު 66 ރުފިޔާއަށް އެރިޔަސް، ފައިސާ މެދުވެރިކޮށް އެ ގުޅަ ގަންނައިރު 1.10 ރުފިޔާއަށް ލިބޭނެކަމަށްބުނެ ޓްވިޓަރގައި ފަރާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރު ބަދަލުވުމުގެ މަރުހަލާތެރޭގައި އާސަންދައިން ގިނަ ބޭސްތަކެއް އަގުތައް އެތައް ގުނައެއް ބޮޑުކޮށްފައިވާ ކަމަށާއި އެ މައްސަލަ ދައުލަތުގެ ކަމާއިބެހޭ އިދާރާތަކަށް ހުށައަޅާފައިވާނެކަމަށެވެ.
އޭޑީކޭއިން ބުނީ އެކުންފުނީގެ ފާމަސީތަކުގައި ދެ ވައްތަރެއްގެ ވިޓަމިންސީ ހުންނަ ކަމަށެވެ. އޭގެ ތެރެއިން 'ވިޓްސީ' އަކީ ރާއްޖޭގެ ބާޒާރުން ނަގައިގެން ވިއްކާ ބޭހެއް ކަމަށާއި އަދި އެކުންފުނިން ގެނެސް ވިއްކަމުން ދާ 'ލައިމްސީ'ގެ ގުޅައެއް ވިއްކަނީ 1.10 ރުފިޔާއަށް ކަމަށްވެސް އޭޑީކޭއިން ވަނީ ބުނެފައެވެ.

މިބޭސްތައް ވިއްކަމުންދަނީ ޢާސަންދަ ޕޯޓަލްއިން ކަނޑައެޅިފައިވާ އަގުތަކެއްގެ ދަށުންކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އޭޑީކޭއިން ބުނީ އާސަންދަ ޕޯޓަލްގެ އަގުތަކަކީ އެކުންފުނިން ކުޅެވޭނެ އެއްޗެއް ނޫން ކަމަށާއި، އާސަންދަ ޕޯޓަލްއިން ޖެނެރޭޓް ކުރާ އަގުތަކަކީ އާސަންދައިން ކަނޑައަޅައި އެ ޕޯޓަލްއަށް އަޅާފައި ހުންނަ އަގުތަކެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް