މަރުތައް ތަހުގީގު ކުރާ ކޮމިޝަނުގެ މަސައްކަތް ދެ އަހަރުތެރޭ ނިންމާލަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި އެކުލަވާލި ރިޔާސީ ކޮމިޝަނުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މި ކޮމިޝަނުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ގެންދޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމިޝަނުގެ ޗެއާކަން ކުރައްވުމަށް ހަމަޖެހިފައިވާ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ އެ ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
ކޮމިޝަނުން މިވަގުތު ބަލަން ނިންމާފައިވަނީ 29 މަރުގެ މައްސަލައެއް ކަމަށާއި ކަމާއި ގުޅޭ އެހެން މައްސަލަތައް އަންނަ ވަރަކުން ބަލަމުން ގެންދާނެ ކަމަށް ސުއޫދު ވިދާޅުވެފައިވެއެވެ.
މި ކޮމިޝަނަކީ ހަރަދު ކުޑަކޮށް މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މުއައްސަސާއެއް ކަމަށާއި ނަމަވެސް ކޮމިޝަނުގެ މެންބަރުންގެ މުސާރަ އަދި ބަޖެޓެއް މިހާތަނަށް ކަނޑައެޅިފައި ނުވާކަމަށްވެސް ސުއޫދު ބުންޏެވެ.
ކޮމިޝަނަށް ބާރުދީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ބިލެއް ޑްރާފް ކުރެވެމުން ދާކަމުގެ މައުލޫމާތުވެސް ސުއޫދުވަނީ ހިއްސާ ކުރައްވާފައެވެ. މިހާރުވެސް ކޮމިޝަނަށް މީހުން ހާޒިރު ކުރުމާއި ބަޔާން ނެގުން އަދި ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާކަމަށާއި ޑްރާފްޓް ކުރެވިފައިވާ ބިލް ފާސްވެ ގާނޫނަކަށް ވުމުން އިތުރު ބާރުތައް ކޮމިޝަނަށް ލިބިގެންދާނެ ކަމަށްވެސް ސުއޫދު ހާމަކުރެއްވިއެވެ.
ކޮމިޝަނުގެ ބޭނުމަށް މީހުން ހައްޔަރުމުގެ ބާރެއް ލިބިފައިނުވާ ކަމަށާއި އެކަމަށް ފުލުހުންގެ ކިބައިން އެދެވޭނެކަމަށް ސުއޫދު ބުނެފައިވެއެވެ. އަދި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތެއް ބަންދު ކުރެވޭނީ ރަނގަޅަށް މައްސަލަ ބަލައި ފުރިހަމަ ހެއްކާއެކު ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.
މާދަމާއިން ފެށިގެން ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވޭއިރު ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ދާނީ ވީހާވެސް ޓްރާންސްޕޭރަންޓްކޮށް ކަމަށް ސުއޫދު ވިދާޅުވިއެވެ. އެއްފަހަރާ 30 މައްސަލަ ބެލުމުގެ ގާބިލުކަން ކޮމިޝަނުގައި ހުންނާނެ ކަމަށްވެސް ސުއޫދު ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް