ސުނާމީއަކީ އިމްތިހާނެއް، ކާމިޔާބީގެ ސިއްރަކީ އަގީދާގެ ވަރުގަދަކަން: ރައީސުލްޖުމްހޫރިއްޔާ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއަކީ ދިވެހިންނަށް ކުރިމަތިވި އިމްތިހާނެއްކަމަށާއި، އެ އިމްތިހާނުން ލިބުނު ކާމިޔާބީގެ ސިއްރަކީ އަގީދާގެ ވަރުގަދަކަންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރ.ދުވާފަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއަކީ ދިވެހިންނަށް ކުރިމަތިވި އިމްތިހާނެއްކަމަށާއި، އެ އިމްތިހާނުން ލިބުނު ކާމިޔާބީގެ ސިއްރަކީ އަގީދާގެ ވަރުގަދަކަމާއި ސާފު އީމާންތެރިކަން ކަމުގައެވެ. ރައީސް ވިދާޅުވީ އެދުވަހު ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަމަކީ ބައިނަލްއަގްވާމީ މުޖުތަމައު ނަމޫނާއެއްގެ ގޮތުގައި ބަލައިގެންފައިވާ ކަމެއްގެ ގޮތުގައެވެ.
ރައީސް ވަނީ މިއަދުގެ މުނާސަބަތު ފާހަގަކުރަނީ ދިވެހިންގެ އެއްބައިވަންތަކަން ދައްކުވައިދިނުމަށްކަމަށް ފާހަގަކުރައްވާފައެވެ. "އެ ދުވަހު ދިވެހިން ދައްކުވައިދިން އިންސާނިއްޔަތުކަމާއި އެއްބަނޑު އެއްބަފާކަމާއި އެކުވެރިކަމުގެ މަތިވެރި ރޫހު ދިރުވާ އާލާކުރުމަށް ފާހަގަކުރާ ދުވަހެއް"، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވާހަކަފުޅުގައި ވަނީ ސުނާމީގައި ހާލުގައި ޖެހުނު ރ.ކަނދޮޅުދޫ ރައްޔިތުން އާބާދުކޮށްފައިވާ ދުވާފަރާއި ބެހޭގޮތުންވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދުވާފަރަކީ ޕްލޭންކޮށްގެން އާބާދުކުރި ރަށެއްކަމުގައިވިޔަސް އެއީ މިހާރު ބިންފުރިފައިވާ ރަށެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އިތުރަށް ގޯތިދެވޭނެ ބިމެއް ނުވަތަ ފްލެޓް އެޅޭނެ ބިމެއް ނެތުމުން އެކަން ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ބިންހިއްކުންކަމަށްވެސް ރައީސް ވަނީ ބަޔާންކުރައްވާފައެވެ. ދުވާފަރަކީ މަސްވެރި ރަށެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްދޯނިތަކުގެ އެކައުންޓްތައް ހުޅުވައި މަސްވެރިންވެސް ބޭންކިންގް ނިޒާމުގެ ތެރެއަށް ވައްދަންޖެހޭނެކަމަށާއި އެހެން މުވައްޒަފުންނެކޭ އެއްފަދައިން ލޯނާއި ކްރެޑިޓް ސްކީމްތަކުން މަސްވެރިންނަށްވެސް ފުރުސަތުލިބޭނެކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމީ އަދި ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްްލުމުން އަރައިގަތުމަށް ސަރުކާރުން ރާއްވަވާފައިވާ ޕްލޭންތަކާއި އިންތިޒާމުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް