އެތެރޭގެ އުދުހުންތަކުގެ އަގުތައް ކަނޑައެޅުމަށް ޓްރާންސްޕޯޓުން ރައީސް އޮފީހަށް ފޮނުވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ، އެތެރޭގެ އުދުހުންތަކުގެ އަގުތައް ހެޔޮކުރުމަށް މިނިސްޓްރީގެ ފެންވަރުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިންމާ ރައީސް އޮފީހަށް ފޮނުވާފައިވާކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިހެން ހާމަކުރައްވާފައި މިވަނީ މިނިސްޓަރ ނަހުލާ އެތެރޭގެ އުދުހުމުގެ އަގުތައް ދެދުވަހެއްގެ ތެރޭގައި ހެޔޮކުރުމަށް ފަހު އިއުލާން ކުރައްވާނެކަމަށް މިދިޔަ ބުދަ ދުވަހު ވިދާޅުވިފަހުން ވެސް ހަފްތާއެއްވެ ގިނަ ފަރާތްތަކުން ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އެތެރޭގެ އުދުހުންތަކުގެ އަގުތައް ހެޔޮކުރުމަށްޓަކައި އަގުތައް ކަނޑައަޅައި، ރައީސް އޮފީހަށް ފޮނުވާފައިވާއިރު، އެކަމާ ގުޅޭގޮތުން އެންމެ ފަހުގެ ނިންމުން ނިންމާނީ ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީން މަޝްވަރާކުރުމަށްފަހުކަމަށެވެ.
އަގުތައް ހާމަކުރާނެ ވަކި ތާރީހެއް ހާމަނުކުރައްވައި ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ ވަރަށް އަވަހަށް އެތެރޭގެ އުދުހުމުގެ އަގުތައް އިއުލާން ކުރެވިގެންދާނެކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓަރ އައިސަތު ނަހުލާ މިވަގުތު ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ބައިވެރިވަޑައިގަތުމަށް އިންޑިއާގައެވެ. ފާހަގަކޮށްލަން ޖެހޭކަމަކީ އިންޑިއާ ރާއްޖެ ދެމެދު ސޮއި ކުރެވުނު އެއްވެސް އެއްބަސްވުމެއްގައި ޓްރާސްޕޯޓާއި ގުޅޭކަމެއް ހިމެނިފައިނުވާ އިރު އެކަމަނާ މިދަތުރުގައި ބައިވެރިވަނީ ކޮން ކަމަކަށްކަމެއް މިނިސްޓްރީއަށް ގުޅައިގެންވެސް ވަނީ ސާފުވާގޮތް ނުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް