ރާއްޖެއިން ޔަމަނުގެ ރައްޔިތުންނަށް ފޮނުވާ އެހީގެ ތަކެތި ބަހަން ފަށައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ފަރާތުން ކުރިއަށް ގެންދާ “ހެލްޕް ޔަމަން މޯލްޑިވްސް” ކެމްޕެއިންގައި ލިބެމުންދާ އެހީ ޔަމަނުގެ ރައްޔިތުންނަށް ބަހަން ފަށައިފިއެވެ.
މިކަމާއި ގުޅޭގޮތުން އައިއޭސީއިން ހާމަކޮށްފައިވާ ގޮތުގައި ތުރުކީގެ އީހާހާ ޖަމިއްޔާއާއި ގުޅިގެން އެހީގެ ތަކެތި ބެހުމުގެ މަސައްކަތް ޔަމަނުގައި ފަށާފައިވާ ކަމަށެވެ.
އެގޮތުން އިއްޔެގައިވަނީ ޔަމަނުގެ އަލް ޖަވްފް ސަރަހައްދުގައި ދިރިއުޅެމުންދާ ޔަމަނުގެ ރައްޔިތުންނަށް އެހީގެ ތަކެތި ފޯރުކޮށްދީފައެވެ. މިއެހީގެ ތަކެތީގެ ތެރޭގައި ހިމެނެނީ ކާޑުގެ ބާވަތްތަކާއި ތެލާއި ދަޅުގައި ބަންދުކޮށްފައިވާ ކާނާގެ ބާވަތްތަކުގެ އިތުރުން ކުޑަކުދިންނަށް ބޭނުންވާ ކިރުގެ ބާވަތްތަކެވެ.
ނޮވެމްބަރ 21 ވަނަ ދުވަހު ފެށި “ހެލްޕް ޔަމަން މޯލްޑިވްސް” ކެމްޕެއިންއާއި ގުޅޭގޮތުން އައިއޭސީގެ ވައިސް ޗެއަރމަން އާދަމް ނާއިފް ވިދާޅުވީ މިކެމްޕެއިންގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 120 އަށްވުރެ ގިނަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އެކި ކައުންސިލްތަކުން ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށާއި މިކެމްޕެއިންގެ ތެރެއިން ޔަމަނުގައި ހާލުގައި ޖެހިފައިވާ 22 މިލިއަނެއްހާ ރައްޔިތުންނަށް ކޮންމެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ.
އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން
2016 ވަނަ އަހަރު މަސައްކަތް ފެށީ
2017 ވަނަ އަހަރުގެ ކުރީކޮޅު “ހެލްޕް ސީރިޔާ” ނަމުގައި ހިންގި ހަރަކާތުން 8 މިލިއަން ރުފިޔާގެ އަގުހުރި ތަކެތި ސޫރިޔާގެ ރައްޔިތުންނަށް ފޮނުވާފަވޭ
2017 ވަނަ އަހަރުގެ އޮކްޓޫބަރމަހު ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ހިންގި ހަރަކާތުން 4.2 މިލިއަން ރުފިޔާ ފޮނުވާފަވޭ
2018 އަހަރު ޣޫތާ އެމަޖެންސީ ރިލީފް ފަންޑުގެ ނަމުގައި ހިންގި ހަރަކާތުން 1.3 މިލިއަން ރުފިޔާ ފޮނުވާފަވޭ
މިއަހަރު ރަމަޟާންމަހާއި ދިމާކޮށް ޣާޒާގެ ރައްޔިތުންނަށް “ލޯތްބާއެކު” ނަމުގައި ހިންގި ހަރަކާތުން 2.4 މިލިއަން ރުފިޔާގެ ކާބޯތަކެތި ފޯރުކޮށްދީފައިވޭ
ޣާޒާގެ ރައްޔިތުންނަށް ސާފު ބޯފެން ރައްކާކުރާނެ ހަމާއި ކަރަންޓް ފޯރުކޮށްދިނުމަށް ޖަނަރޭޓަރ ފަދަތަކެތި ފޯރުކޮށްދިނުމަށްވެސް ހަރަކާތްތަކެއް ހިންގާފަވޭ
ސޫރިޔާގެ އިދްލިބްގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމަށް މިއަހަރުގެ ސެޕްޓެމްބަރއިން ނޮވެމްބަރއަށް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވޭ
“ހެލްޕް ޔަމަން މޯލްޑިވްސް” ކެމްޕެއިން ނިންމާލުމަށް ހަމަޖެހިފައިވަނީ 2019 ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.
“ހެލްޕް ޔަމަން މޯލްޑިވްސް” ކެމްޕެއިންގައި ބައިވެރިވުމަށް ފައިސާ ޖަމާކުރާނީ
ބޭންކް: ބީއެމްއެލް އިސްލާމިކް
އެކައުންޓް ނަން: އެހީ ޖަމިއްޔާ
އެކައުންޓް ނަންބަރ(ރުފިޔާ): 7770000014818
އެކައުންޓް ނަންބަރ(ޑޮލަރ): 7770000014817
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް