ރައީސް ނަޝީދުގެ ކެމްޕެއިން އޮފީސް ހުޅުވިގޮތް ޝައިޚުންނަށް ކަމަކުނުދިޔަ!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މައްޗަންގޯޅި މެދުދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކެމްޕެއިން އޮފީސް، ދުންދަނޑީގެ ސަލަވާތުން ހުޅުވުމުން އެކަމާއި ގިނަބަޔަކު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިއްޔެ ހަވީރު ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިސްކޮށް ހުންނަވާ ދުންދަނޑީގެ ސަލަވާތް ކިޔެވުމަށްފަހު ވަނީ ރައީސް ނަޝީދުގެ ކެމްޕެއިން އޮފީސް ހުޅުއްވައިދެއްވާފައެވެ. މިކަމާއި ގުޅިގެން މިއީ ބިދުއަވެރިކަމެއް ކަމަށްބުނެ ގިނަ އާންމުންނާއި ދީނީ އިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އަލީ ޒައިދު ވިދާޅުވީ ކުރީގައި ރާއްޖޭގައި ކިޔަވައި އުޅުނުހެން ޖަމާއަތް ހަދާފައި ސަލަވާތްފުޅު ނުވަތަ މާލޫދު ކިޔެވުމަކީ ބިދުއަވެެރިކަމެއް ކަމަށެވެ. އަދި ބިދުއައެއް ނެތި ގޮސްފައި އޮއްވާ އެ ބިދުއަ އަލުން ދިރުވާ އާލާކުރުމަކީ އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއްނޫންކަމަށް އެބޭފުޅާ ވަނީ ފާހަގަކުރައްވާފައެވެ.
ސަލަވާތް ފާތިހާ އަދި މައުލޫދު ކިޔެވުމަކީ އިހު ޒަމާނުގައި ދިވެހިންގެ މެދުގައި އޮތް އާދައެއްކަމުގައިވިޔަސް ސަގާފަތާއި ދީނީ ހޭލުންތެރިކަމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެކަން ވަނީ ވަރަށްބޮޑަށް އުވިގެން ގޮސްފައެވެ.
ޝައިޚް ޒައިދު ވަނީ އެފަދަ ބިދުއަވެރި ކަންކަމަށް އެންމެހާ ބޭފުޅުންވެސް ނޫނެކޭ ބުނުމަށް އިރުޝާދު ދެއްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް