ހުޅުމާލޭގެ ބީޗްގައި ހުރި ކެފޭތައް ހުސްކުރުމަށް އެޗްޑީސީން އަންގައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ހިންގަމުންދާ ކެފޭތަކަކީ ގަވާއިދާއި ޚިލާފަށް ހިންގަމުންދާ ކެފޭތަކެއް ކަމަށްބުނެ އެ ތަންތަން އަންނަ މަސް ނިމުމުގެ ކުރިން ހުސްކުރުމަށް އެޗްޑީސީން އަންގައިފިއެވެ.
އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭ އިރުމަތީ ފަރާތު ގޮނޑުދޮށާއި ހޭޅިފަށް ސަރަހައްދަކީ ދިރިއުޅޭ އެންމެނާ އާންމުންނާއި ހުޅުމާލެއަށް ޒިޔާރާތް ކުރާ ފަރާތްތަކުގެ ބޭނުމަށް ކަނޑައަޅާފައިވާ އާންމު ސަރަހައްދެއް ކަމަށެވެ. އަދި އެތަންތަނުގައި ގޮނޑިމޭޒާއި، ހަޓްފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުމަކީ އެ ކޯޕަރޭޝަނުން ހުއްދަކުރާ ކަމެއް ނޫންކަމުގައި ވަނީ ބުނެފައެވެ.
އެހެންކަމުން އެ ސަރަހައްދުގައި ވިޔަފާރީގެ އުސޫލުން ކުރަމުންދާ ބޭނުންތައް އެ ސަރަހައްދުން 31ޖެނުއަރީ 2019ގެ ހުސްކުރުމަށް ވަނީ އެޗްޑީސީން އަންގާފައެވެ.
އަދި އެ މުއްދަތުގެ ތެރޭގައި އެ ސަރަހައްދު ހުސްނުކޮށްފިނަމަ އެޗްޑީސީން އެތަން ސާފުކުރާނެކަމަށާއި، އެކަމުގައި ލިބޭ އެއްވެސް ގެއްލުމަކަށް އެކުންފުނިން ޒިންމާނުވާނެކަމަށްވަނީ ބުނެފައެވެ.
އެޗްޑީސީން ވަނީ އެ ސަރަހައްދު ތަރައްގީ ކުރާނެގޮތުގެ އުސޫލެއް ވަރަށް އަވަހަށް އެކުލަވާލާނެކަމަށް ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް