މިނިސްޓަރ ނަހުލާ މާލޭގެ ޓްރެފިކް ހައްލުކުރުމަށް މަގުމައްޗަށް ނިކުންނަވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މާލޭގެ މަގުތަކުގެ ހާލަތު ދެނެގަތުމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާ، މިއަދު ހެނދުނު މާލޭގެ މަގުތައް ބައްލަވާލައްވައިފިއެވެ.
މިއަދު ހެނދުނު އެކަމަނާ މާލޭގެ މަގުތަކުގެ ހާލަތާއި، ޕާކްކުރުމުގައި ދިމާވެފައި ހުރި މައްސަލަތައް ބެލުމުގެ އިތުރުން މާލޭގެ ފަޅުގެ ސަރަހައްދުވެސް ވަނީ ބައްލަވާލައްވާފައެވެ. އަދި މީގެ އިތުރުން އެކަމަނާ ބައެއް އާންމުންނާއި ބައްދަލުކުރައްވާ، އާންމުންގެ ޝަކުވާތައްވެސް އައްސަވާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިއަދު ހެނދުނުގެ މި ހަރަކާތުގައި އެކަމަނާގެ އަރިހުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ރަފީއު އާއި ފުލުހުންގެ ޓްރެފިކް އޮޕަރޭޝަން ޔުނިޓްގެ ހެޑް މުހައްމަދު ލުތުފީ އާއި ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓްގެ ހެޑް ހުސެއިން ސަމީރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ނަހުލާގެ އިތުރުންވެސް ގިނަ މިނިސްޓަރުން ދަނީ ކަމާއި ގުޅުންހުރި ތަންތަނަށް ޒިޔާރަތްކުރަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސް އިބްރާހިމްގެ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހު ދަތުރުފަތުރުގެ ދާއިރާއިން ކުރަން ހަމަޖެހިފައިވާ ކަންކަމުގެ ތެރެއިން ގިނަ ކަންކަންވަނީ ހާސިލްކޮށްފައެވެ. އެގޮތުން ޓެކްސީ ބޯޑުން ފީ ކަނޑާލުން ފަދަ މުހިންމު ކަންތައްތައް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް