ޗައިނާއަށްވާ ޖުމްލަ ދަރަނީގެ އަދަދު 24.7 ބިލިޔަން ރުފިޔާއަށް!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދިވެހި ދައުލަތުގެ ފަރާތުން ޗައިނާއަށް ދަރާފައިވާ ދަރަނީގެ އަދަދު، ޖުމްލަ 1.6 ބިލިޔަން ޑޮލަރު، ނުވަތަ 24.7 ބިލިޔަން ރުފިޔާއަށް އަރާކަމަށް އެމްއެމްއޭގެ ގަވަރނަރ އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި އޮތް ބަހުސް ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަސީރު ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް އެކިކަންކަމުގައި ދޫކޮށްފައިވާ ލޯނު 600 މިލިއަން ޑޮލަރަށް އަރާކަމަށެވެ. އަދި ބޭންކް ގެރެންޓީގެ ގޮތުގައި 900 މިލިޔަން ވަރަކަށް ޑޮލަރު އަރާކަމަށްވެސް އެބޭފުޅާ ވަނީ ލަފާކުރައްވާފައެވެ.
ނަސީރު ވިދާޅުވީ ބޭންކް ގެރެންޓީގެ ގޮތުގައި ދޫކޮށްފައިވާ އަދަދު ކަށަވަރު ނުވާތީ، ޗައިނާގެ އެމްބެސެޑަރ އަރިހުން ލިބުނު މައުލޫމާތަށް ބަލާއިރު ދަރަނީގެ ޖުމްލަ އަދަދު، ގާތްގަނޑަކަށް 1.6 ބިލިޔަން ޑޮލަރަށް އަރާކަމަށް ލަފާކުރެވޭކަމަށެވެ.
ގަވަރނަރ ނަސީރު މިއަދަދުތައް ފާހަގަކޮށްފައިވާއިރު، އިދިކޮޅު އިއްތިހާދުން ދަނީ ޗައިނާއާއި އެކު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ފަދަ ކަންކަން އުވާލުމަށް ގޮވާލަމުންނެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު، މީގެ ކުރިން ދަރަނީގެ ޖުމްލަ އަދަދު 3 ބިލިޔަން ޑޮލަރަށް އަރާނެކަމަށް ވަނީ ބުނެފައެވެ. މިކަން ޗައިނާގެ ފަރާތުން ވަނީ ދޮގުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް