ޕީޕީއެމް ލީޑަޝިޕުން "ޕީޕަލް ނޭޝަނަލް ކޮންގްރެސް ޕާޓީ" ނަމުގައި ޕާޓީއެއް އުފައްދަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޕީޕީއެމްގެ ލީޑާޝިޕުން "ޕީޕަލް ނޭޝަނަލް ކޮންގްރެސް ޕާޓީ" ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފިއެވެ.
"ވޮއިސް" އަށް މައުލޫމާތު ދިން ޕީޕީއެމްގެ އޮފިޝަލެއް ވިދާޅުވިގޮތުގައި މިއަދު އެޕާޓީގެ ލީޑާސިޕުން ވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަޝްވަރާކޮށްފައެވެ.
މިހާރު އުފެއްދުމަށް ކުރަން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންކަމަށާއި ކުރިއަށް އޮތް ދެތިން ދުވަސްތެރޭ އިލެކްޝަންސް ކޮމިޝަނަށް ޕާޓީ ރެޖިސްޓަރ ކުރުމަށް ހުށަހަޅާނެކަމަށް ބެލެވޭކަމަށް ޕީޕީއެމްގެ އޮފިޝަލް ވިދާޅުވިއެވެ.
ޕީޕީއެމްއިން އާ ޕާޓީއެއް ހެދުމުގެ މަސައްކަތް ފައްޓާފައި މިވަނީ އިލެކްޝަން ކޮމިޝަނުން ޕީޕީއެމްގެ ކޮންގްރެސް ބަލައި ނުގަތުމަށް ނިންމި ނިންމުން ހައިކޯޓުން ބާތިލް ކުރި ކުރުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅުމުންނެވެ. އަދި މިއީ ޕީޕީއެމް އިން އިންތިހާބާ ދިމާކޮށް ރިސްކް ނަގަން ބޭނުންވާކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ޕާޓީގެ ލޯގޯ މައްސަކަތްވެސް ކުރަމުންދާކަމަށް އެނާ ވިދާޅުވިއެވެ. ޕީޕަލް ނޭޝަނަލް ކޮންގްރެސް ޕާޓީ ގެ ލޯގޯގައި ފެނިގެންދާނީ ސުލްހަވެރިކަމާ އަމާންކަން ރަމްޒުކޮށްދޭ ހުދު ކޮތަރެެއްކަމަށްވެއެވެ.
މިއީ ރައީސް ޔާމިން އިސްވެ ހުންނަވާ ހެއްދި ހަދާ ހަތަރުވަނަ ޕާޓީކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
މީގެ ކުރިން ދިވެހިރައްޔިތުންގެ ޕާޓީ އުފެއްދެވުމަށް ފަހު ޕީޕަލްސް އެލަޔަންސް ނަމުގައި ވަނީ ޕާޓީއެއް އުފައްދަވާފައެވެ. ޕީއޭއަކީ އޭރު ވެސް މަޖިލީހުގައި ގިނަ އަދަދެއްގެ މެންބަރުނާއެކު ތަމްސީލް ކުރި ޕާޓީއެއްކަން ފާހަގަކޮށްލަންޖެހެއެވެ. އެއަށް ފަހު ރައީސް މައުމޫން ޑީއާރްޕީ ދޫކުރެއްވުމަށްފަހު އުފެއްދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އުފެއްދެވުމުގައި އިސްދައުރެއް ވަނީ އަދާކޮށްފައެވެ.
ސުޕްރީމް ކޯޓުން އިލެކްޝަނުން ހުށަހަޅާފައިވާ މައްސަލަ ކާމިޔާބު ވެއްޖެނަމަ ޕީޕީއެމް ހިންގުން ކުރީގެ މައުމޫން އަބްދުލް ޤައްޔޫމަށް ހަވާލުކުރެވިގެންދާނެެއެވެ.
ރައީސް މައުމޫނަށް ޕީޕީއެމް ހަވާލުކުރެއްވުމަކީ މިހާރުގެ ރައީސްސުލްޖުމްހޫރީޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެއްކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް