ޕީސް ފައުންޑޭޝަންގެ ”ޑޫޔޫ ނޯ الله“ ވޯކްޝޮޕާއި ތިލާވަތު ކްލާސްތައް ދަނގެތީ ތަރުތީލް ޤުރުޢާން ކްލާސް ދަރިވަރުންނަށް!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޕީސް ފައުންޑޭޝަނުން ކުޑަކުދިންނަށް އަމާޒުކޮށްގެން "ޑޫޔޫ ނޯ الله" ނަމުގައި ކުރިއަށް ގެންދާ ވޯކްޝޮޕް އދ. ދަނގެތީ ތަރުތީލް ޤުރުއާން ކުލާސް ދަރިވަރުންނަށް ބާއްވައިފިއެވެ.
މި ވޯކްޝޮޕަކީ ކުޑަކުދިންނަށް އެކުދިންގެ ޚާލިޤުވަންތަ الله އާ ބެހޭ ގޮތުން އުނގަންނައިދިނުމަށް ބާއްވުނު ވޯކްޝޮޕެކެވެ.
މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ، ޕީސް ފައުންޑޭޝަންގެ ޖެނެރަލް ސެކެރެޓަރީ މުޙައްމަދު ސޯބާޙް (ޗޭބެ) އެވެ.

ދަނގެތީ ދީނީ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުލް ޤަލަމުން އެ ރަށު ކައުންސިލާއި ގުޅިގެން ހިންގަމުން އަންނަ ތަރުތީލް ޤުރުޢާން ކުލާހުގެ އުމުރުން 7 އަހަރާއި 10 އަހަރުގެ ދަރިވަރުންނަށް ކުރިއަށް ގެންދެވުނު މި ވޯކްޝޮޕްގައި، ކުދިންނާއި ގުޅޭ، މަޖާ ގޭމް ތަކާއިއެކު ޚާލިޤުވަންތަ الله އާއި ބެހޭގޮތުން، ކުދިންގެ އުމުރާއި ގުޅޭ ގޮތަށް މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.

ދެ ބެޗަކަަށް ބަހާލައިގެން މިއަދު ހެނދުނާއި މެންދުރު ކުރިއަށް ގެންދެވުނު މި ވޯކްޝޮޕްގައި ޖުމްލަ، 32 ދަރިވަރުން ބައިވެރިވެފައިވެއެވެ.

”ޑޫޔޫ ނޯ الله“ ވޯކްޝޮޕްގެ އިތުރުން، ތަރްތީލް ގުރުއާން ކުލާހުގެ އުމުރުން 11 އަހަރާއި 16 އަހަރުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ތިލާވަތު ކްލާސްތަކެއްވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

4 ބެޗަކަށް ބަހާލެވިގެން ޖުމުލަ 24 ދަރިވަރުން ބައިވެރިވި މި ކްލާސް ތަކުގައި ކިޔަވައި ދެއްވީ ޕީސް ފައުންޑޭޝަންގެ ނާއިބު ރައީސް ޤާރީ އަބްދުއްރަޙްމާން ޙުސައިނެވެ.
މި ކްލާސްތަކުގައި، ފާތިޙާ ސޫރަތް ކިޔަވާ އިރު އާއްމުކޮށް ހެދޭ ކުށް ތަކާއި، ރީތިކޮށް ޤުރުޢާން ކިޔަވާނެ ގޮތާއި، މަޚްރަޖުގެބައި ކުރިއަށް ގެންގޮސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް