މާލޭގެ އިމާރާތްކުރުމުގެ ހުއްދަތައް ވަގުތީގޮތުން ހުއްޓުވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިއަދު ހެނދުނު މާލޭ ނަލަހިޔާ ކައިރިން އިމާރާތްކުރަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ނުވަ އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ވަރަށް ބޮޑަށް އަނިޔާވި ހާދިސާއާއެކު މާލޭ ސިޓީ ކައުންސިލުން މާލޭގެ އިމާރާތްކުރުމުގެ ހުއްދަތައް ވަގުތީގޮތުން ހުއްޓުވައިފިއެވެ.
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި މިއަދު މިހިނގާދިޔަ ހާދިސާއާއެކު އިމާރާތްކުރުމަށް މިހާރު މާލޭގައި ދީފައިވާ ހުއްދަތައް ވަގުތީގޮތުން ހުއްޓުވާފައިވާކަމަށާއި މިކަމާ ބެހޭގޮތުން އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއެކު މާދަމާ ބައްދަލުކުރައްވާނެކަމަށް އޭނާ ހާމަކުރެއްވިއެވެ.
އަދި ކުރިއަށް ކޮންސްޓްރަކްޝަން އެއްވެސް މަސައްކަތެއް ކުރެވޭނީ މާލޭ ސިޓީ ކައުންސިލްގެ ހުއްދަލިބިގެންކަމަށް ޝަމާއު ވިދާޅުވިއެވެ.
މިއަދު ހެނދުނު ހިނގި މިހާދިސާގައި އަނިޔާ ލިބިފައިވަނީ ބަންގްލަދޭޝްގެ ކުޑަކުއްޖަކަށެވެ. މިކުއްޖާގެ އާއިލާއާ ސީޓީ ކައުންސިލްގެ އިތުރުން ހެލްތް މިނިސްޓްރީ އާއި ހައުސިންގ މިނިސްޓްރީގެ ބޭފުޅުންވަނީ ބައްދަލުކުރައްވާފައެވެ.
މާލޭގެ އިތުރުން ރާއްޖޭގައިވެސް އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅު ނޭޅި މަސައްކަތްކުރާ މައްސަލަވަނީ މީގެކުރިންވެސް ފެންމަތިވެފައެވެ. ނަމަވެސް މިކަންކަމަށް ވަނީ ހަރުދަނާ އެކަށީގެންވާ ފިޔަވަޅު ނޭޅިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް