އެމްޓީޑީ އުފެއްދުމުގެ ޖަލްސާ ޑިސެންބަރ 24 ގައި، އަދީބް ގޭބަންދުން ދޫކޮށްފިނަމަ ބައިވެރިވާނެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރީގެ ނައިބް ރައީސް އަހްމަދު އަދީބަށް ނިސްބަތް ވެވަޑައިގަންނަވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުފެއްދުމަށް ބާއްވާ ފުރަތަމަ ޖަލްސާ މިމަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް އެޕާޓީން ނިންމައިފިއެވެ.
އެގޮތުން މި ޖަލްސާ ބޭއްވުމަށް ހަމަ ޖެހިފައިވަނީ 24 ވަނަ ދުވަހު 21:00 ގައި ދަރުބާރުގޭއި ކަމަށް ޕާޓީގެ މުޝްތަޝާރު އިސްމާއިލް އާސިފް މައުލޫމާތު ދެއްވައެވެ.
މި ޖަލްސާގައި ސިޔާސީ ޕާޓީ އިލެކްޝަންސް ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް ބޭނުންވާ ޕާޓީގެ ޤަވާއިދު ފާސްކުރުމާއި ޕާޓީގެ ކައުންސިލްއަށް ބޭފުޅުން ހޮވުން އޮންނާނެކަމަށް އާސިފް ވިދާޅުވިއެވެ.
ޕާޓީގެ ފުރަތަމަ ޖަލްސާގައި ކުރީގެ ނައިބް ރައީސް އަދި މިހާރު ގޭބަންދުގައި ހުންނެވި އަހްމަދު އަދީބް ގޭބަންދުން ދޫކޮށްލައިފިނަމަ އަދީބު މިޖަލްސާގައި ބައިވެރިވާނެކަމަށް އާސިފް ވަނީ ވިދާޅުވެފައެވެ.
އެމްޓީޑީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް އިން ދީފައިވަނީ ނޮވެންބަރ 29 ވަނަ ދުވަހުއެވެ. އަދި މިމަހުގެ 10 ވަނަ ދުވަހު ވަނީ 3333 މެންބަރޝިޕް ޕޯމާއެކު އިލެކްޝަންސްއަށް ހުށަހަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް