މޫނު ބުރުގާގެ މައްސަލާގައި އިސްލާމިކް މިނިސްޓްރީން ދެއްވީ ފިނި ޖަވާބެއް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މޫނު ބުރުގާ އަޅައިގެން ސަރުކާރުގެ ވަޒީފާ އަދާނުކުރެވޭ މައްސަލައަށް މި ސަރުކާރުން އެއްވެސް ވަރަކަށް ވާހަކަ ނުދައްކައި އެކަމަކަށް ހައްލު ގެންނަން މަސައްކަތް ނުކުރާކަމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ޝުޢޫރު ފާޅުކުރަމުންނެވެ.
ތުނބުޅި ބެހެއްޓުމުންނާއި މޫނު ބުރުގާ އެޅުމުން ގެންގުޅޭ ތަފާތުކުރުންތައް ނައްތާލާނެ ކަމަށް ކޯލިޝަން ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނާފައިވާއިރު މިކަމުގެ މަސައްކަތާބެހޭގޮތުން "ވޮއިސް" އިން ކުރި ސުވާލަށް އިސްލާމިކް މިނިސްޓްރީންވަނީ ވަރަށް ފިނި ޖަވާބެއް ދެއްވަވާފައެވެ.
އެގޮތުން މޫނު ބުރުގާގެ މައްސަލާގައި މިނިސްޓްރީން މިހާތަނަށް ކޮށްފައިވާ ކަންކަމާ ހޯދިފައިވާ ކުރިއެރުމާ ބެހޭގޮތުން ސުވާލު ކުރުމުން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވަނީ އެކަމުގެ މައުލޫމާތު އެނގޭނީ ސަރުކާރުން ކަމަށް ވިދާޅުވެފައެވެ. އަދި އިސްލާމިކް މިނިސްޓަރ ޤަބޫލުފުޅު ކުރައްވާ ގޮތުގައި ނިވައިކަން ބޮޑު ހެދުންއަޅާ ފަރާތްކަަށް ވަޒީފާއަށް ދެވެންޖެހޭނެކަމަށް ޤަބުލުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
އިތުރަށް މޫނު ބުރުގާގެ މައްސަލައިގެ ހައްލު ހޯދުމަށް ކަމާ ބެހޭ ވުޒާރާގެ ހައިސިއްޔަތުން ކޮށްފައިވާ ކަންކަމާބެހޭގޮތުން ސުވާލު ކުރުމުން ވަނީ ފަހުން ޖަވާބު އަރުވާނެކަމަށް ވިދާޅުވެފައެވެ. "ވޮއިސް" އިން ދެދުވަސް ވަންދެން ގުޅުމުން ވެސް ވަނީ ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން މިނިސްޓްރީގެ ބަހެއް ލިބޭގޮތް ނުވެފައެވެ.

މުވައްޒަފުން މޫނު ބުރުގާ އެޅުން މަނާކުރަނީ ސިވިލް ސާވިސް ގަވާއިދުގެ 145 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެެ. އެ މާއްދާގައި ބުނަނީ ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަން ވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތަކަށް ކަމަށެވެ.
އަދާލަތު ޕާޓީ އާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި ރައީސް މައުމޫންއަށް އެއްބަސްވެވޭ، މެނިފެސްޓޯގެ ގޮތުގައި އިބޫ ނެރުއްވި މެނިފެސްޓޯގައިވާ ގޮތުން ތުނބުޅި ބެހެއްޓުމާއި މޫނު ބުރުގާ އެޅުމާ ގުޅޭގޮތުން ކުރެވޭ ތަފާތުކުރުންތައް ނައްތާލުމަށް ބޭނުންވާ ގާނޫނުތައް ހަދާނެ އެވެ. އަދި އިސްލާމް ދީނުގެ ކަމަކަށް އަމަލުކޮށްގެން ކުރާ ތަފާތު ކުރުންތަކާ ދެކޮޅަށް ގައުމީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް މުޅި ރާއްޖޭގައި ހިންގި، އެންމެނަށް ހަމަހަމަކޮށް ހިތާ މުޖުތަމައެއް އުފެއްދޭނެ ކަމަށް ވެސް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.

އަދި ރިޔާސީ އިންތިހާބުގެ ކެންޕެއިން ޖަލްސާއެއްގައި 19 ސެޕްޓެންބަރ 2018 ގައި މިހާރުގެ ރައީސް ޞާލިހް ވަނީ ތުނބުޅި ބަހައްޓައި މޫނު ބުރުގާ އެޅިޔަސް ވަޒީފާ ލިބޭނެކަމަށް ވިދާޅުވެފައެވެ.
ސަރުކާރާއި ހަވާލުވެ ޤާނޫނީ ގޮތުން ސިޔާސީ ފަރާތްތަކަށް ކުރިމަތިބެފައިވާ ހުރިހާ ޤާނޫނެއް މިވަނީ ވެރިކަމުގެ ވަރަށް ކުރީގައި މަޖިލިސް މެދުވެރިކޮށް އުވާލާފައިކަން ފާހަގަކޮށްލަންޖެހެއެވެ. މޫނު ބުރުގާ އަޅައިގެން ސަރުކާރުގެ ވަޒީފާ އަދާނުކުރެވޭ މައްސަލައަށް މި ސަރުކާރުން އެއްވެސް ވަރަކަށް ވާހަކަ ނުދައްކައި އެކަމަކަށް ހައްލު ގެންނަން މަސައްކަތް ނުކުރާކަމަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ޝުޢޫރު ފާޅުކުރަމުންކަން ފާހަގަކޮށްލަންޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް