ވައްކަން ތަހުޤީގުކުރާ ކޮމިޝަންވޯޓަށް ސަރުކާރުގެ 9 މެންބަރުން ހާޒިރުނުވި ސަބަބު ބަލަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަން އަދި ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރައި ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވައިފައިވާ ރިޔާސީ ދެ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމަށް ހުށަހަޅާފައިވާ ބިލަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ އެޖެންޑާކުރި ވޯޓު ސަރުކާރު 9 މެންބަރެއް ވަޑައިނުގަތުމުގެ ސަބަބުން ބިލަށްވަނީ ވޯޓަށް ނާހައި ނިންމާލާފައެވެ.
ކުރިން ނިންމާފައިވާގޮތާއި ހިލާފަށް ސަރުކާރުން ހުށަހަޅާފައިވާ މުހިންމު ބިލްތައް ފާސްކުރުމަށް ފަހު މަޖިލިސް ޗުއްޓީއަށް ދިޔުމަށް ނިންމާފައިވާ ނިންމުންވެސް މިއާއެކު ނިމުމަކަށް ގެނެސް ވަނީ މަޖިލިސްގެ މިދައުރުގެ ޖަލްސާތައް ނިންމާ ޗުއްޓީއަށް ގޮސްފައެވެ.
މި މައްސަލައާއި ގުޅިގެން އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕު ލީޑަރު ރޮޒައިނާ ވިދާޅުވީ ވައްކަން ބަލާ ވާހަކަ ދެއްކިއަކަސް ނުފުދޭ ކަމަށެވެ. ވައްކަން ބަލަން ވޯޓަށް އަހަން ވާއިރު މެމްބަރުން ފުރައިގެން ގޮސް ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
އަދި އިއްޔެ ސަރުކާރަށް ނިސްބަތް ވެވަޑައިގަންވާ މެންބަރުންގެ ތެރެއިން ޖޭޕީގެ 6 މެންބަރުން ވަޑައިނުގެންނެވި ސަބަބު ބަލަމުން އަންނަކަމަށް ޖޮއިންޓް ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފައެވެ.
ރިޔާޒު އިތުރައް ވިދާޅުވާގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް 15 ދުވަހުގެ މުއްދަތު އިތުރުކޮށްގެން ކުރިއަށް ގެންދިޔައީ ރައްޔިތުންނާއި ގުޅުންހުރި މުހިންމު ބިލްތަކެއް ސަރުކާރުން ފޮނުވާފައިވާތީ އެތަކެތި ފާސްކުރުމަށްކަމަށެވެ.
އެމްޑީޕީއަށް ނިސްބަތްވާ ދެ މެމްބަރުން ކަމަށްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ)އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީވެސް އިއްޔެގެ ޖަލްސާއަށް ވަޑައިނުގަންނަވައެވެ.
މީގެއިތުރުން ޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންކަމަށްވާ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމިތު އާއި، ކެންދޫ ދާއިރާ މެމްބަރު އަލީ ހުސައިން އާއި، އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އާއި، މާވަށު ދާއިރާގެ މެމްބަރު އަހްމަދު އަޒްހާން ފަހުމީ އާއި، ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހިމް އާއި ވިލިގިނލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވެސް އިއްޔެގެ ޖަލްސާއަށް ވަޑައިނުގަންނަވައެވެ.
މީގެ އިތުރަށް މައުމޫނު ރިފޯމް މޫމަންޓުގައި އިސްކޮށް އުޅުއްވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވެސް އިއްޔެ މަޖިލީހަށް ވަޑައިނުގެންނެވި މެމްބަރުންގެ ތެރޭގައި ހިމެނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް