ދަގަނޑޭ އަލުން ފަރިތަކުރުންތަކަށް ނިކުމެއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އަނިޔާގެ ސަބަބުން ގާތްގަނޑަކަށް 4 އަހަރު ކުޅުމާ ދުރުގައި ހުރުމަށްފަހު ފުޓްބޯޅަ ލެޖެންޑް އަލީ އަޝްފާގް (ދަގަނޑޭ) ފަރިތަކުރުންތަކަށް ނިކުމެއްޖެއެވެ.
ނިއުރޭޑިއަންޓްގެ ފަރިތަކުރުންތަކަށް ދަގަނޑޭ ނުކުމެފައިވާއިރު، އޭނާ ފެނިގެންދާނީ ނޫ ޖޯޖީގައެވެ. ދަގަނޑޭ ނިއުއަށް ބަދަލުވިކަން އިއުލާނުކޮށްފައިވަނީ މިއަހަރުގެ އޮގަސްޓްމަހުގެ 26 ވަނަ ދުވަހުއެވެ. ނިއުއިން ދަގަނޑޭ އާއެކު ހަދާފައިވަނީ ތިން އަހަރުދުވަހުގެ އެއްބަސްވުމެކެވެ.

ދަނޑުން ބޭރުގައި ދަގަނޑޭ މިހާދަވަހު ހުރީ އޭނާގެ ކަކުލުހުޅަށް ލިބިފައިވާ އަނިޔާއަށް ފަރުވާހޯދުމަށެވެ. ދަގަނޑޭ އެންމެފަހުން ކަކުލުހުޅު އޮޕަރޭޝަންކޮށްފައިވަނީ އޮކްޓޯބަރުމަހުގެ ތެރޭގައި ޓްރީޓޮޕް ހޮސްޕިޓަލުންނެވެ. ދަގަނޑޭ އެންމެފަހުން ގަލޮޅު ދަނޑުން ފެނިފައިވަނީ 2022 ވަނަ އަހަރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިންނެވެ. އެއަހަރު ދަގަނޑޭއަށް އަނިޔާވީ ޕްރެސިޑެންކަޕްގައި ކުޅެނިކޮށެވެ. އޭގެ ފަހުން ވާދަވެރި މެޗެއްގައި އޭނާ ކުޅެފައެއް ނުވެއެވެ.
ރާއްޖެ ދުށް އެންމެމޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ގަލޮޅު ދަނޑަށް ތައާރަފްވެގެން ދިޔައީ ކްލަބް ވެލެންސިއާގެ ކުޅުންތެރިއެއްގެ ގޮތުގައި 2001 ވަނަ އަހަރެވެ. ދަގަނޑޭ ވަނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި އެންމެގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަޤާމް އެތައް ފަހަރަކު ހޯދާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް