ލިވަޕޫލް ލީގު ނެގުމައި ގާތަށް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިނގިރޭސި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި އާސެނަލް އަތުން 5-1 ކުން މޮޅުވެ ލިވަޕޫލް ލީގު ނެގުމައި ގާތަށް ޖެހިލައިފިއެވެ. މި މޮޅާއެކު ލިވަޕޫލް އޮތީ 9 ޕޮއިންޓުގެ ލީޑަކާއެކު ތާވަލުގެ އެއްވަނައިގަ ހަމަޖެހިލާފައެވެ. އެއީ ވިހި މެޗް ކުޅެގެން ލިބުނު 54 ޕޮއިންޓާއެކީއެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ އާސެނަލްއެވެ. އާސެނަލްގެ ލަނޑު ކާމިޔާބުކޮށްދިނީ އެލެކްސް އިވޯބީ ނަގައިދިން ހުރަހަކުން މައިޓްލޭންޑް ނައިލްސްއެވެ. ނަމަވެސް އާސެނަލް ލަނޑު ޖެހިތާ ފަސް މިނެޓް ނުވަނީސް ލިވަޕޫލްގެ ތަރި ފިރްމީނޯވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްދީ އަދި އޭގެ ދެ މިނެޓް ފަހުން ލިވަޕޫލަށް މެޗުގެ ކުރިވެސް ހޯދަދީފައެވެ.
ވަރުގަދައަށް ޕްރެސްކޮށްގެން ކުޅެމުން ދިޔަ ލިވަޕޫލްއަށް ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސަލާހް ދިން ބޯޅައަކުން މާނޭއެވެ.
ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ލިވަޕޫލްގެ ލީޑް ހަތަރު ލަނޑަށް ފުޅާކޮށްދިނީ ސަލާހްއެވެ. މި ޕެނަލްޓީ ލިވަޕޫލަށް ލިބުނީ އާސެނަލްގެ ޕެނަލްޓީ އޭރިއާ ތެރެއިން އާސެނަލްގެ ޑިފެންޑަރ ސޮކްރާޓިސް ސަލާހްއަށް ކުރި ފައުލަކާ ގުޅިގެންނެވެ.
45 މިނެޓް ހަމަވެގެން ކުޅުން މެދުކަނޑާލިއިރު އާސެނަލްގެ ލަނޑަށްފަހު އެޓީމަށް އެދެވޭ އެންމެ ހަމަލާއެއްވެސް އުފެއްދިފައިނުވާކަން ފާހަގަކޮށްލެވެއެވެ.
ލިވަޕޫލްގެ ފަސްވަނަ ލަނޑަކީ ޕެނަލްޓީ އޭރިއާ ތެރެއިން ލިވަޕޫލްގެ ޑިފެންޑަރ ލޮވްރެންއަށް އާސެނަލްގެ ފުލްބެކް ކޮލާސިނެޗް ކުރި ފައުލަކައި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މި ޕެނަލްޓީ ލިވަޕޫލަށް ކާމިޔާބުކޮށްދީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ފިރްމީނޯވަނީ ހެޓްރިކް ހަދާފައެވެ.
މި ސީޒަނުގައި މިހާތަނަށް ވިހި މެޗް ކުޅެވުނު އިރު އާސެނަލްކޮޅަށް މިދިޔަ ސީޒަނުގަ ވައިން ލަނޑަށް ވުރެ މި ސީޒަނުގައި ވައިން ލަނޑުގެ އަދަދުވަނީ އިތުރުވެފައެވެ. މިއީ މިދިޔަ 22 އަހަރަށް ބަލާއިރު އާސެނަލްގެ އެންމެ ދަށް ޑިފެންސިވް ރިކޯޑެވެ.
މެޗައި ބެހޭ ގޮތުން ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ކްލޮޕް ބުނީ އާސެނަލްގެ ގޯލަށް ލިވަޕޫލްގެ ކުޅުންތެރިން ދިނީ ދުނިޔޭގެ ފެންވަރުގެ ޖަވާބެއް ކަމަށެވެ. ފުރަތަމަ ހާފްގަ އޮތް ނަތީޖާއިން މެޗް ނިންމާލައިގެން ތިބެވޭނަކަމަށް އޭނާގެ ޓީމުން ގަބޫލު ނުކުރާ ކަމަށައި އެހެންކަމުން ދެވަނަ ހާފުގައިވެސް ލިވަޕޫލުން ބެލީ ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެވޭތޯ ކަމަށް ކްލޮޕް ބުންޏެވެ. ލިވަޕޫލަށް ލިބުނު ފަހު ޕެނަލްޓީ ޖަހަން ސަލާހް، ފިރްމީނޯއަށް ދިނުމުން އޭނާއަށް ނުރޮވުނީ ކިރިޔާކަމަށައި ސަބަބަކީ ސަލާހަކީ ލަނޑުޖަހަން ވަރަށް ބޭނުންވާ ކުޅުންތެރިޔެއްކަން އެންމެނަށްވެސް އިނގޭތީ ކަމުގައި ކްލޮޕް ބުނެފައިވެއެވެ.
އާސެނަލްގެ ކޯޗް އެމެރީ ބުނީ ކުޅެން ފަށައިގަނެވުނީ ރަނގަޅަށް ކަމަށައި ނަމަވެސް އާސެނަލްއަށް ލިވަޕޫލް ހިފަހައްޓާ ނުލެވުނީ ކަމަށެވެ. މި ބަލިން ފިލާވަޅު ލިބިގަނެގެން ކުރިއަށް އޮތްތަނުގަ ރަނގަޅު ކުރެވޭނެ ކަމަށްވެސް އޭނާ ފަހާގަކުރިއެވެ.
އާސެނަލް އޮތީ 38 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ. އެއީ މި ސީޒަނުގެ ލީގު އެއްވެސް މެޗަކުން ބަލިނުވެ އެއްވަނައިގަ އޮތް ލިވަޕޫލަށްވުރެ 16 ޕޮއިންޓް މަދުން ލިބިގެންނެވެ.
ލީގުގައި ކުޅެވުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާލާއިރު ވުލްވުސްވަނީ ހައިރާން ކުރުވަނިވި ގޮތަކަށް ވަރުގަދަ ޓޮޓެންހަމް 3-1 ކުން ބަލިކޮށްފައެވެ. ބްރައިޓަން 1-0 އެވަޓަން ބަލިކުރިއިރު ފުލަމްވެސް ހަޑަސްފީލްޑް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެންމެ ފަހުން ކުޅުނު ދެ މެޗުގައި މެންޗެސްޓާ ސިޓީ އަދި ޗެލްސީ ބަލިކުރި ލެސްޓާވަނީ އާދައިގެ ކާޑިފް އަތްދަށުވެފައެވެ. ކާޑިފް ލެސްޓާ މައްޗަށް ކުރި ހޯދީ 1-0 ކުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް