މާލޭ މަގުތަކުގެ ކުރެހުންތަކުގެ ދަވާދު އާކުރުމާއި މަގުތައް ހަމަމަގަށް އަޅުވަން ފަށައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މާލެ ސިޓީގެ މަގުތަކުގެ ކަފިހި ހުރަސް އަދި ޕާކިން ޒޯންތަކުގެ ކުރެހުމުގެ ކުލަ ބަދަލުކޮށް، ފޮހެވިފައިވާ ދަވާދު އާކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ.
މާލެ ސިޓީގެ ކައުންސިލް މެންބަރ ހަމްނާ ވަހީދް ހާމަކުރެއްވިގޮތުގައި މި މަސައްކަތް މިއަދު ގަލޮޅު ރެހެންދި ހިނގުމުން ފަށާފައިވާކަމަށެވެ.
ކުރީގެ ސަރުކާރުން މާލެ ސިޓީގެ މަގުތައް ބެލުމާއި ހަވާލުވުމަށްފަހު މާލޭގެ މަގުމަތީ ކުރަހާފައިވާ ނިޝާންތަކުގެ ކުލަ ވަނީ ރީނދޫކުލައިން ހުދު ކުލައަށް ބަދަލުކޮށްފައެވެ.
މާލެ ސިޓީ ކައުންސިލް ގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ސަމާއު ވިދާޅުވިގޮތުގައި ރިންގް ރޯޑް ފިޔަވައި ހުރިހާ މަގެއްގައި ކުލަ އާކުރެވިގެންދާނެކަމަށާއި، ރިންގް ރޯޑަށް ބަދަލުގެނައުމުގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީއާއި މަޝްވަރާ ކުރައްވާނެކަމަށެވެ.
ސިޓީ ކައުންސިލުން މަސައްކަތް ފަށާފައި މިވަނީ އިއްޔެ ވޮއިސްގައި މާލޭ މަގުތަކުގެ ކަފިހި ހުރަސްތައް ފޮހެވިފައިވާ މައްސަލަ ރިޕޯޓް ކުރިތާ 24 ގަޑިއިރު ނުވަނީސްކަން ފާހަގަކޮށްލަންޖެހެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ގެ ސަރުކާރުން ކައުންސިލްތަކަށް ބާރުތައް ދިނުމާއެކު މާލެ ސިޓީ ކައުންސިލުން އަންނަނީ މާލެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލުކުރުމަށް މަސައްކަތަ ކުރަމުންނެވެ. އެގޮތުން މާލޭގެ އަޑިގުޑަން މަގުތަކުން ގާނަގައި އެއްވަރުކުރުމުގެ މަސައްކަތް ވެސް މާލެ ގެ މަގުތަކުގެ ކުރެހުން އައު ކުރެވުމާ އެކުއެކީ ކުރިއަށް ދާކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް