ރާއްޖޭގެ އުތުރު ކޮންޓްރޯލްކުރާ އައިހެވަން މަޝްރޫއު އިންޑިޔާއާއި ހަވާލުކުރަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދިވެހި ރާއްޖޭގެ ސްޓްރެޓެޖިކް އެންމެ މުހިއްމު އެއް ލޮކޭޝަންކަމުގައިވާ ބޮޑުތިލަދުންމަތި ހިމަނައިގެން އެކުލަވާލެވިފައިވާ މަލްޓި ބިލިޔަން ޑޮލަރުގެ އައިހެވަން މަޝްރޫއު އިންޑިޔާއާއި ހަވާލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާސް އިސްލާއީލް ވިދާޅުވެއްޖެކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފިއެވެ.
ޓައިމްސް އޮފް އިންޑިޔާގައި މިނިސްޓަރ ފައްޔާޒާއި ހަވާލާދީ ބުނެފއިވަނީ އިންޑިޔާއިން އައިހެވަން ޕްރޮޖެކްޓްގެ ލީޑްރޯލްކުޅެން ދިވެހި ރާއްޖެއިން އެދޭކަމަށެވެ.
ދިވެހި ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅަކީ އިންޑިޔާ ކަނޑުގެ އެންމެ މުހިއްމު ސްޓްރެޓެޖިކް ލޮކޭޝަނެވެ. އިންޑިޔާކަނޑުގެ ކާގޯޝިޕްތަކުގެ އެންމެ ބިޒީ ރޫޓް އޮންނަނީ އުތުރުގެ އަތޮޅުތަކުގެ ކައިރިންނެވެ. ކޮންމެ އަހަރަކު އެތައް ޓްރިލިޔަން ޑޮލަރެއްގެ މުދާ މިރޫޓުން އުފުލެއެވެ.
އެހެންކަމުން ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން ބޮޑުތިލަދުންމައްޗަށް ޚާއްސަކޮށްގެން ޓްރާންޝިޕްމަންޓް ބަދަރެއް ހެދުމުގެ ޕްލޭންތައް ކުރެވި ދުނިޔޭގެ އެކިގައުމުތަކުގެ ބޮޑެތި ކުންފުނިތަކާއި ވާހަކަދެކެވެމުންއައިސްފައިވެއެވެ. އައިހެވަން ޕްރޮޖެކްޓް މިހާރު ޚާއްސަކުރެވިފައިވަނީ ސްޕެޝަލް އިކޮނޮމިކް ޒޯންއަކާއެކު ޓްރާންޝިޕްމަންޓް ބަދަރަކާއި އިންފްރާންސްޓްރަކްޗަރ އެހެންވަސީލަތްތައް ގާއިމުކުރުމަށެވެ.
އިންޑިޔާގެ ނޫސްތަކުންބުނަނީ މިހާރުގެ ސަރުކާރުން އެޕްރޮޖެކްޓްގައި އިންޑިޔާ ލީޑްރޯލްކުޅެން ދިނުމަކީ އިންޑިޔާއަށް ވަރަށް މުހިއްމުވި ބަދަލެކެވެ. ޓައިމްސް އޮފް އިންޑިޔާ ނޫހުން ބުނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެތަކެއް ފަހަރު އިންޑިޔާއިން އެދިގެންވެސް މި ޕްރޮޖެކްޓްގައި އިންޑިޔާ ބައިވެރިކުރަން ޔާމީން ދެކޮޅުކަމުގައެވެ. އޭގެ ބަދަލުގައި ޔާމީން ބެލީ ޗައިނާއާއި ދިމާލަށްކަމަށް ބުނެފައިވެއެވެ.
"އަޅުގަނޑުމެންމިދަނީ ދިވެހި ރާއްޖެއަށް އިންސްޓެބިލިޓީ ވެރިވެފައި އޮތް ފަސްއަހަރު ދޫކޮށް އިންޑިޔާގެ އިންވެސްޓަރުންނާމެދު އޮތް ހުރިހައި ތަފާތެއް ހައްލުކުރަން މަސައްކަތްކުރަމުން" ފައްޔާޒް ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައިވެސް އިހަވަންދިއްޕޮޅު އިންޑިޔާއާއި ހަވާލުކުރަން އުޅުނު
ދިވެހި ރާއްޖޭގެ އުތުރުގެ މި މުހިއްމު ސްޓްރެޓެޖިކް ލޮކޭޝަން އިންޑިޔާގެ ކޮންޓްރޯލްގެ މައްޗަށް ދޫކޮށްލުމުގެ ވާހަކައަކީ އެމްޑީޕީގެ ސަރުކާރުން މިއަދަކު އެކަނި ދައްކާ ވާހަކައެއްނޫނެވެ.
ރައީސް މުހައްމަދު ނަޝިދު 2008 ވަނަ އަހަރު ރާއްޖޭގެ ރައީސް ކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ޖީއެމްއާރް ގްރޫޕަށް އައިހެވަން ޕްރޮޖެކްޓްދޭން ބޭނުންފުޅުވިއެވެ. މިމަޝްރޫއަށް އިންޑިޔާގެ ވަރަށް މަތީދަރަޖައިގެ ޝައުގުވެރިކަމެއް ފާޅުކުރިއެވެ.
ރައީސް ނަޝީދުގެ ސަރުކާރުން އިންޑިޔާގެ ޖީއެމްއާރް ގްރޫޕާއި ފުރަތަމަ މަޝްވަރާކުރީ ހަނިމާދޫގައި އިންޓަރނޭޝަނަލް ވައިގެ ބަދަރަކާއި އިހަވަންދިއްޕޮޅުގައި ވިޔަފާރި ބަދަރަކާއި އިންފްރާސްޓްރަކްޗަރ ހެދުމުގެ ބޮޑު މަޝްރޫއެއް ހިންގުމަށެވެ. ޖީއެމްއާރް ގްރޫޕުން ސަރުކާރަށް ހުށަހެޅި ލިޔުންތަކުގައި ވައިގެބަނދަރު ހެދުމުގެމަތިން ރިސޯޓް ހިންގުމަށް އެތައްސަތޭކަ އެނދު ތަރައްގީކުރުމަށް އުތުރުގެ ފަޅުރަށްތައް އެކުންފުންޏަށް ދިވެހި ސަރުކާރުން ދޭންޖެހޭނެކަމަށް ބުނެފައިވެއެވެ.

ދިވެހި ސަރުކާރުން އުސޫލެއްގެ ގޮތުން އެކަމަށް އެއްބަސްވިއެވެ. އެއީ އެއަރޕޯޓް ހިންގުމުގެ ބަދަލެއްގެ ގޮތުންނެވެ. 2009 އަހަރުގެ އޮކްޓޫބަރ މަހުގެތެރޭގައި ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ސަރުކާރުގެ ވަފްދަކާއެކު އިންޑިޔާގެ ހައިދަރްއާބާދަށް ވަޑައިގެން ޖީއެމްއާރްގްރޫޕުގެ ވެރިންނާ ކުރެވުނު މަޝްވަރާތަކަށްފަހު ހާމަކޮށްފައިވަނީ އެއަހަރު ނިމުމުގެ ކުރިން ޖީއެމްއާރާއެކު އެއްބަސްވުމެއްގައި ސޮއިކުރެވޭވަރުވާނެކަމަށެވެ. އެކަމަކު އެއަށްފަހު ދިވެހި ސަރުކާރުން ރާއްޖޭގެ އިންޓަރނޭޝަނަލް އެއަރޕޯޓް ޖީއެމްއާރަށްދޭން ނިންމުމުން އުތުރުގެ ޕްރޮޖެކްޓް ޕާކުކޮށްލެވުނީއެވެ.
ބޮޑު ތިލަދުންމައްޗަކީ އިންޑިޔާ ކަނޑުގެ ސްޓްރެޓެޖިކް ލޮކޭޝަނެއް
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އައިހެވަން މަޝްރޫއު އިއުލާންކުރުމަށްފަހު އެމަޝްރޫއު ކުރިއަށްގެންދިއުމުގައި ދިމާވި އެންމެ ބޮޑު ހުރަހަކީ އެއްގައުމަކަށް އެކަނި އައިހެވަން މަޝްރޫއުދޫކޮށްލަން ބޭނުންނުވުމެވެ. އިންޑިޔާއާއި ޗައިނާއިންވެސް މި ޕްރޮޖެކްޓަށް ލޯއަޅަނީ އިންތިހާއަށެވެ. އެމެރިކާއަށްވެސް މުހިއްމެވެ. އެހެންވެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރަން ތަފާތު ގައުމުތަކުގެ އެހީ ހޯދިގޮތަށް، އެކިގައުމުތަކުން އައިހެވަން ޕްރޮޖެކްޓްގައި އިންވެސްޓްކުރަން ދޫކޮށްލަން ޔާމީން ބޭނުންފުޅުވިއެވެ.
އިންޑިޔާ ނުވަތަ ޗައިނާ އެކަނި ރާއްޖޭގެ އެންމެ އުތުރުގެ މިސްޓްރެޓެޖިކް ލޮކޭޝަން ކޮންޓްރޯލް ކުރަން ދޫކޮށްލުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރިމަތިވާނެ ވަރަށް ބޮޑު ނުރައްކަލެކެވެ. ދުނިޔޭގެ އަސްކަރީ ބާރުތަކުގެ އަމާޒު އަރަބި ގަލްފުން އޭޝިޔާ ޕެސެފިކަށް ބަދަލުވެފައިވާއިރު އިންޑިޔާ ކަނޑަކީ ބާރުގެ ވާދަވެރިކަން ވަރަށް ބޮޑަށް އުފެދިގެންދާނެ ސަރަހައްދެއްކަމަށް ޖިއޯ ޕޮލިޓިކްސް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
އިންޑިޔާއަށް ރާއްޖޭގެ ސްޓްރެޓްޖިކް މަޝްރޫއުތައް ހަވާލުކުރުމުގެ މޭސްތިރިއަކީ މުހައްމަދު ނަޝީދެވެ. ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމާއި ދެކޮޅަށް މަސައްކަތްކުރިއިރުވެސް އިންޑިޔާއަށް ވަޑައިގެން ވެރިކަން ލިބިއްޖެނަމަ އިންޑިޔާގެ މަސްލަހަތު އިސްކުރާނެކަމަށް އެގައުމުގެ ސިޔާސީ ބޭބޭފުޅުންގެ ކައިރީގައި ނަޝީދު ވިދާޅުވެފައިވެއެވެ. 2007 ވަނަ އަހަރު ނިއުދިއްލީއަށް ވަޑައިގެން ރައީސް މައުމޫން ޕްރޯ ޗައިނާ ސިޔާސަތެއް ގެންގުޅޭކަމަށާއި އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ އިންޑިޔާއާއި އެގައުމުގެ ރައްޔިތުންގެ މަސްލަހަތާއި ފުށުއަރާނެ އެއްވެސް ކަމެއް ނުކުރައްވާނެކަމަށް ވިދާޅުވެފައިވެއެވެ. އަދި ރާއްޖޭގައި ޗައިނާގެ އަސްކަރީ ބޭހެއް ހަދާކަމަށް އޭރުވެސް އިންޑިޔާއިން ތުހުމަތުކުރާތީ އެފަދަ ބޭހެއް ހަދަމުންދާނަމަ ޗައިނާއިން ލިބޭ އެހީއަކަށްނުބަލައި އެކަން ހުއްޓުވައި ޗައިނާ ބޭރުކުރާނެކަމަށްވެސް ވިދާޅުވެފައިވެއެވެ. ރައީސް މައުމޫން ގެންގުޅުއްވި ޗައިނީސް ޕޮލިސީއަކީ އިންޑިޔާއަށް އޮތް ނުރައްކަލެއްކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ޒީ ނިއުސްއާއި އެހެންބައެއް މީޑިއާތަކުގައި ޝާއިއުކޮށްފައިވާ ނަޝީދުގެ ވާހަކަފުޅު ހިމެނޭ ރިޕޯޓްތަކުގައި ލިޔެފައިވެއެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރުވެސް ނަޝީދުގެ މައިގަނޑުގޮތެއްގައި ގެންގުޅުއްވީ ޗައިނާއަށް އެކިއެކި ތުހުމަތުކުރުމާއި އިންޑިޔާގެ މަސްލަހަތު އިސްކުރައްވާނެކަމުގެ ސިޔާސަތެކެވެ.
ހަގީގަތަކީ ކޮބާ؟
ރައީސް އިބްރާހިމް މުހައްމަދު ސާލިހް އިންޑިޔާއަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގެތެރޭގައި އިންޑިޔާއިން އެންމެ ބޮޑަށް ބޭނުންވިކަންކަމަށް އެއްބަސްވެފައިވާކަން ދަތުރުފުޅުގެތެރޭގައި ހާމަކުރެއްވި ބަޔާންތަކުން އެގިގެންދެއެވެ. އެއީ އިންޑިޔާއާއި ދިވެހި ރާއްޖެއިން ދެގައުމުންކުރެ އެއްވެސް ގައުމެއްގެ ސަރަހަދު ބޭނުންކޮށްގެން އަނެއްގައުމަށް ގެއްލުންވާކަމެއް ހިގުމުގެ ފުރުސަތުނުދޭނެކަމަށް ވެފައިވާ އެއްބަސްވުމެވެ.

ޗައިނާއިން ދިވެހި ރާއްޖޭގައި އިންވެސްޓްކުރުމަކީ އިންޑިޔާގެ މަސްލަހަތާއި ފުށުއަރާކަމެކެވެ. އެއީ އިންޑިޔާއަށް ގެއްލުމެއްކަމަށް އެގައުމުން ބަލައެވެ. ރާއްޖެއަކީ އިންޑިޔާގެ ބެކްޔާޑްކަމަށް އެގައުމުން ދެކެއެވެ. ހަގީގަތުގައި މީގެ މައިގަނޑު އެއްބަސްވުމަކީ 2011 ވަނަ އަހަރު ރައީސް މުހައމަދު ނަޝީދާއި އިންޑިޔާގެ ބޮޑުވަޒީރު ސޮއިކުރެއްވި ސަލާމަތީ އެއްބަސްވުމެވެ. މިއެއްބަސްވުމުގައިވެސް އިންޑިޔާގެ މަސްލަހަތާއި ފުށުއަރާނެކަމެއް ދިވެހި ރާއްޖެއިން ނުކުރާނެކަމަށް އެއްބަސްވެފައިވެއެވެ. މިފަހަރު ދެފަރާތުން އެއްބަސްވެފައިވަނީ ކަނޑުމަގުންނާއި ވައިގެމަގުން ދިވެހި ރާއްޖޭގެ ސަލާމަތީކަންކަން ބަލަހައްޓާނީ އިންޑިޔާ ސިފައިންނާ ދިވެހި ސިފައިން ގުޅިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް