އާސިމްގެ މައްސަލަ ފުލުހުން ތަހުގީގުކުރަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމްގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަަލަ ފުލުހުން ބަލަމުންދާކަމަށް އާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ، އެ މައްސަލައިގެ ޖިނާއީ ތަހުގީގަކީ ފޮރިން މިނިސްޓްރީއަށް ކުރިއަށްގެންދެވޭނެ ބައެއް ނޫންކަމަށާއި، އެކަން ފުލުހުންގެ ފަރާތުން ކުރިއަށްގެންދާކަމަށް އެފަރާތުން އަންގާފައިވާކަމަށެވެ.
ޝާހިދު ވިދާޅުވީ، ފޮރިން މިނިސްޓްރީގެ އެތެރޭގެ ތަހުގީގުގެ ކޮމެޓީއިން އެ މައްސަލައިގައި އެކުލަވާލި ރިޕޯޓް، މިއަދުގެ ވަގުތެއްގައި ލިބޭނެ ކަމަށާއި، ކަމާއި ގުޅުންހުރި ފިޔަވަޅުތައް އަަޅުއްވާނެކަމަށެވެ.
މިނިސްޓްރީގެ މުވައްޒަފުންނަކީ އަންހެން ކަނބަލުންކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ، އެ މުވައްޒަފުންނަށް އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކުރީގެ މިނިސްޓަރ އާސިމް ވަނީ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައި ހަނުހުންނެވުމަށްފަހު، އެކަމަށް އެންމެ ފަހު ދަނޑިވަޅުގައި އިންކާރު ކުރައްވާފައެވެ. މި މައްސަލައިގެ ތުހުމަތު ޓްވިޓަރ މެދުވެރިކޮށް މިނިސްޓަރ އާސިމްއާއި ދެކޮޅަށް އުފުލުމާއި އެކު، ރާއްޖޭގެ ގިނަ ސަފީރުންނާއި ފޮރިން ސާވިސް މުވައްޒަފުން ވަނީ މައްސަލަ ތަހުގީގުކުރުމަށް އެދި ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް