ވަޅުކައްޓަފުޅި ދާންޏަކަށް ނުސިހޭނެއެވެ.
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިނިވަންކަމަކީ ވަރަށްވެސް ތަފާތު އިހުސާސެކެވެ. އެކި މީހުންނަށް މިނިވަން އިހުސާސްކުރެވޭނީ އެކިގޮތަށެވެ. އެކި މީހުންނަށް މިނިވަންކަން ސިފަކުރެވޭނީ އެކި ގޮތްގޮތަކަށެވެ.
ގިނަ ދިވެހިންނަށް މިނިވަންކަން ލިބުމުގެ އިހުސާސް ލިބިގެންދިޔައީ 2008 ވަނަ އަހަރުގެ އޮގަސްޓް 7 ވަނަ ދުވަހު ތަސްދީޤް ކުރެވުނު އާ ގާނޫނު އަސާސީއިންނެވެ. މަލްޓި ޕާޓީ ޑިމޮކްރަސީއާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ހަގީގަތުގައި ދިވެހިން އޭރު ފެންބޮވައިގެންފައިވާ ކަންކަމެވެ. އޭގެ ކުރިން އެތެރެ ކޮއިލުގެ ކަންކަމާއި ފާޑުކިޔައި ބަސްބުނެ ހެދުމަކީ އެކަކުވެސް ކުރަން ކެރުނު ކަމެއް ނޫނެވެ. ނަމަވެސް ތޮށިިގަނޑު ފަޅާލާފައި ދިވެހިން ނިކުމެ ސިޔާސަތުތަކަށް ފާޑުކިޔައި ހަދަން ފެށުނީ މިދެންނެވި ގާނޫނު އަސާސީ ތަސްދީޤް ކުރެވުމާ އެކުގައެވެ. މި ގާނޫނު އަސާސީ ވުޖޫދަށް ގެނައުމުގައި އެންމެ މުހިންމު ރޯލެއް ކުޅުއްވި އެއް ބޭފުޅަކަށް ވަނީ ކުރީގެ ރައީސް ގ.ކެނެރީގޭ މުހައްމަދު ނަޝީދުއެވެ.
ރައީސް ނަޝީދު މި މިނިވަން ޑިމޮކްރަސީއަށްޓަކައި ވަކާލާތު ކުރެއްވި ހިނދު، އެކަމުގެ އެންމެ މަތިވެރި އެއް ސަވާރީއަކަށްވާނީ އެމަނިކުފާނުގެ ޕާޓީކަމުގައިވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީއެވެ.
2003 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެޕާޓީ، ސްރީލަންކާގައި އޭރު އަރުވާލެވިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވީ ޑިމޮކްރަސީގެ އުސޫލުތައް ކުރިއަރުވައި ދިރުވައި އާލާކުރުމަށެވެ.
މިއަދާއި ހަމައަށްވެސް އެޕާޓީ މި މަގުސަދުގައި ހަރަކާތްތެރިވަމުންދާއިރު، އެ ޕާޓީން ގޮވާލަން ފަތުރަމުންދާ ޑިމޮކްރަސީގެ އުސޫލުތައް އެޕާޓީގެ އެތެރެއިންވެސް ފެންނަމުންދާކަމީ އުފާކުރަންޖެހޭނެކަމެކެވެ. ރާއްޖޭގެ ޅަފަތުގެ ޑިމޮކްރަސީގެ ހަޔާތުގެ ތޫފާންތަކުން އެ ޕާޓީ ދަތުރުކުރިއިރުވެސް، އެ ޕާޓީގެ ހަގީގީ އުސޫލުތަކުގެ ތެރެއިން ގިނަ ކަންކަން ހަނދާން ނައްތާލާފައިނުވާކަމަށް އިއްތިފާގުވެވިދާނެއެވެ.
ރާއްޖޭގެ ގިނަ އެހެނިހެން ޕާޓީތަކާއި ޚިލާފަށް އެމްޑީޕީގެ އެތެރޭގެ ޑިމޮކްރަސީގެ ވަރުގަދަކަން މިފަހުގެ ތާރީޚެއްގައި ދައްކުވައިދިން އެންމެ ވަރުގަދަ ހެއްކަކީ މި ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ބޭއްވުނު އެ ޕާޓީގެ ގައުމީ މަޖިލީހެވެ. ގައުމީ މަޖިލީހުގެ މެންބަރުން ވާހަކަދެއްކުމަށް ކަނޑައެޅި ވަގުތުގެ މުއްދަތު ހަމަވާން ކައިރިވެފައިވަނިކޮށް، ކުރީގެ ރައީސް އަދި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ތެދުވެ ވަޑައިގެން ވާހަކަފުޅު ދައްކަވަން ފެއްޓެވިއެވެ. ނަމަވެސް ރިޔާސަތުން އެމަނިކުފާނުގެ ވަގުތު ހަމަވެއްެޖެކަން އެންގުމުން އެމަނިކުފާނުވެސް ޖެހިވަޑައިގެންނެވީ ގޮތް ދޫކުރައްވައި އިށީނދެ ވަޑައިގަންނަވާށެވެ.
ހަގީގަތުގައި ދަންނަވަނީމަ ރިޔާސަތުގައި ތިއްބެވި ބޭފުޅުންނަށް، އެމަނިކުފާނަށް "އިހުތިރާމް" އަދާކުރެެއްވުމުގެ ގޮތުން ބޭނުންފުޅު އިރުތަކެއް ވަންދެން ވާހަކަދެއްކުމުގެ ފުރުސަތު ދެވުނީހެވެ. ނަމަވެސް ޑިމޮކްރަސީގެ އުސޫލަކީ ތަފާތު ކުރުމެއް ނެތި އެންމެންގެ މައްޗަށްވެސް ގަވާއިދާއި އުސޫލުތައް ހިނގުންކަމުގައިވާތީ ރައީސް ނަޝީދުވެސް ޖެހުނީ އިށީނދެ ވަޑައިގަންނަވާށެވެ. އެމްޑީޕީގެ އެތެރޭގެ ޑިމޮކްރަސީ ފައްކާވެފައިވާ ކަމުގެ މިއަށްވުރެ ފުރިހަމަ މިސާލެއް އޮންނާނެ ހެއްޔެވެ؟
އެހެން ވާހަކައެކެވެ. އިދިކޮޅު ޕާޓީކަމުގައިވާ ޕީޕީއެމްއިން އެ ޕާޓީގެ މަޖިލިސް ޓިކެޓްތައް، "ތަބަކަށްލާފައި" ދެނީކަމަށްބުނެ ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސަބަބަކީ އެ ޕާޓީގެ މަޖިލިސް ޓިކެޓްތައް، ޕްރައިމަރީއަކާއި ނުލައި ދެމުން ދިއުމެވެ.
ފަހަރެއްގައި އެއީ އެ ޕާޓީން ކުރިމަތިލާން އެދޭ ފަރާތްތައް މަދުވުމުން ކަމުގައި ވެދާނެއެވެ. ނަމަވެސް އެމްޑީޕީން ވަނީ އެޕާޓީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ. ޑިމޮކްރަސީގެ އުސޫލުން ރައްޔިތުންގެ ވޯޓާއި އެކު، އެ ރައްޔިތުންގެ މަޖިލީހުގައި އެބައިމީހުން ތަމްސީލްކުރާނެ ފުރުސަތު އެޕާޓީން ވަނީ ދީފައެވެ. މިއީ ހަމަ "ގަޓުހުރި" ޕާޓީއެއްގެ އުސޫލެވެ.
މިނިވަންކަމާއި ޑިމޮކްރަސީގެ ހަމަތަކަކީ އެމްޑީޕީން އަބަދުވެސް އެއަށް މަރުދޭ ކަންކަމެވެ. އެކަންކަމަށްޓަކައި އަބަދުމެ ވަކާލާތު ކުރާ ކަންކަމެވެ. ނަމަވެސް އެޕާޓީން އެކަންކުރަނީ ހަމައެކަނި ބޭރުފުށުންނެއް ނޫނެވެ. އެތެރެއިންވެސް ޑިމޮކްރަސީގެ އުސޫލުތައް ފަތުރައި ކުރިއެރުވުމަށް އެޕާޓީން ވަނީ އަތުކުރި އޮޅާލާފައެވެ.
ވަޑިންގެ ގޭގައި ދޮރު ނުހުންނަ އުސޫލުން ދުރުވެ، ވަޅުކައްޓަފުޅި ދާންޏަށް ނުސިހޭނެހެން އެޕާޓީވެސް ވަނީ ޑިމޮކްރަސީ ދެކެ ނުސިހި އެއަށް ރަނގަޅަށް އެތެރެއިންނާއި ބޭރުން ހޭނިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް