އިންތިޚާބާ ދިމާކޮށް ޕީޕީއެމްގެ ކެމްޕެއިން ފައިސާތައް ހިފެހެއްޓުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ވާދަކުރެއްވި ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކެމްޕެއިނަށް ހުޅުވި އެކައުންޓްތަކުގައިހުރި 100 މިލިޔަން ރުފިޔާ ފްރީޒްކޮށްފައިވާކަމަށް އިއްޔެ ފުލުހުން ބުނެފައިވެއެވެ.
ޕީޕީއެމުން ބުނެފައިވަނީ މިއީ ރިޔާސީ އިންތިޚާބުގައި ބޭނުންކުރުމަށް އިލެކްޝަން ކޮމިޝަންގައި ޑިކްލެއަރކޮށްފައިވާ އެކައުންޓްތަކެކެވެ. އެހެންވީމާ އެއެކައުންޓްތަކުގައި ޖަމާވެފައިހުރި ފައިސާއަކީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުންދިޔަ އެއްޗަކަށްވާނެއެވެ.
އިލެކްޝަންގައި ބޭނުންކުރުމަށް ޑިކްލެއަރކޮށްފައިވާ އެކައުންޓްތައް ފްރީޒްކުރަންވީ ކީއްވެގެންހެއްޔެވެ. އިލެކްޝަންސް ކޮމިޝަނުން އެފައިސާއާމެދު އެއްވެސް ޝައްކެއް ނުވަނީތޯއެވެ. އެއީ ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިގެންވާ ހައްގެކެވެ.
އިލެކްޝަންސާއިބެހޭ ގާނޫން ބުނާގޮތުން 400 މިލިޔަން ރުފިޔާ މިއެކައުންޓްތަކުގައި ބެހެއްޓިދާނެއެވެ. ލަފާކުރެވޭގޮތުން ފުލުހުން ހޯދަނީ 100 މިލިޔަން ރުފިޔާ ހޯދިގޮތެކެވެ. އެހެންކަމަށްވަންޏާ ފައިސާ ދިން މީހުންގެތެރޭގައި އާއްމުގޮތެއްގައި ވިޔަފާރިވެރިން ހިމެނޭނެއެވެ. އެއީ ހުރިހައި ގައުމެއްގައިވެސް އެކަން ހިގާގޮތެވެ. ރާއްޖެއިން ނުކުތް ރިޔާސީ ދެކެންޑިޑޭޓުންނަށްވެސް ވިޔަފާރިވެރިން ފައިސާދީފައިވާނެއެވެ.
ބޭރުގެ އެކިއެކި ފަރާތްތަކުންވެސް ފައިސާދޭނެއެވެ. އެއީ އެކަން ހިގާގޮތެވެ. މިއީ ސަރުކާރުން ކޮރަޕްޝަނާދެކޮޅަށް ފަށާފައިވާ މަސައްކަތުގެ ދަށުން ކެންޑިޑޭޓުންގެ އެކައުންޓްތަކަށް ފައިސާ ވަދެފައިވާގޮތް ދެނެގަތުމަށް ކުރާކަމެއްކަމަށްވާނަމަ ލަފާކުރެވޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ އެކައުންޓްތައްވެސް ފުލުހުން ޗެކްކުރާނެއެވެ. އެކަމަކު ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރިގޮތަށް ރައީސް ހާޒިރު ކުރެވިގެންނުވާނެއެވެ. އެބޭފުޅުންނާ މުއާމަލާތު ކުރެވޭނެ އެއަށްވުރެ ރީތިގޮތްތައް ހުންނާނެއެވެ.
ރިޔާސީ ކެމްޕެއިނަކާ ބަލާއިރު 100 މިލިޔަން ރުފިޔާއަކީ ވަރަށް ކުޑަ އެއްޗެކެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ އެންމެ ފަހު ދަނޑިވަޅުގައި އެމްޑީޕީން ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްއަށް 8 މިލިޔަންޑޮލަރާއި ސަރުކާރުގެ ހިއްސާ ދޭން ހުށަހެޅިއެވެ. އެހުށަހެޅުމުގެ މައުލޫމާތު މީޑިއާގައި ރައްޔިތުންނަށް ހާމަކުރެއްވީ ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމްއެވެ. އެއީ ގާތްގަޑަކަށް 123 މިލިޔަން ދިވެހި ރުފިޔާއެވެ. އެއީ އިންތިޚާބުގެތެރޭގައި އެތައްމިލިޔަން ރުފިޔާއެއް ޚަރަދުކުރުމަށްފަހު ހަމައެކަނި ގާސިމްގެ އާބަސް ހޯދުމަށް ހުށަހެޅި އަދަދެވެ. އެފައިސާގެ ވާހަކައެއް އެމްޑީޕީއަކުން ދޮގެއް ނުކުރެއެވެ. ޔަގީނުންވެސް ބަޔަކު ނުދޭކަމަށްވާނަމަ އެދަދަށް އެމްޑީޕީއަށް ފައިސާ އާމްދަނީގެގޮތުގައި ވަންނާނެ އެއްވެސް ގޮތެއް ނެތެވެ.
ދެންވާނީ ކިހިނެތް؟
ފުންކޮށް ވިސްނާލީމާ ޕީޕީއެމްގެ ކެމްޕެއިން ފައިސާ ހިމެނޭ އެކައުންޓްތައް މިދަނޑިވަޅު ފްރީޒް ކުރުމުގެ ފަހަތުގައި އެހެން ބޭނުމެއް އޮތްކަ ބެލެވިދާނެއެވެ. އެއީ ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. އިންތިޚާބަށް ކޮންމެ ޕާޓީއަކުންވެސް ވަރަށް ބޮޑު ހޭދަތަކެއް ކުރާނެއެވެ. އެންމެ ބޮޑު ހޭދައެއްކުރާނީ ވެރިކަން ކުރާ އެމްޑީޕީއާއި އިދިކޮޅު ޕާޓީ ޕީޕީއެމުންނެވެ.
އެމްޑީޕީންވަނީ ހުރިހައި ދާއިރާއަކަށް އެޕާޓީން ކެންޑިޑޭޓުން ނެރޭނެކަން އިއުލާންކޮށްފައެވެ. ޕީޕީއެމުންވެސް ގާތްގަނޑަކަށް ހުރިހައި ދާއިރާއަކަށް ކުރިމަތިލާނެއެވެ. އިންތިޚާބަށް ނެރޭ ކެންޑިޑޭޓުންނަށް ޕާޓީން ވަރަށް ބޮޑު އެއްޗެއް ހޭދަކޮށްގެންނޫނީ ކެމްޕެއިނެއް ނުކުރެވޭނެއެވެ. އެހެންވީމާ އިންތިޚާބުގައި ވާދަކުރާ ހުރިހައި ޕާޓީތަކުގެތެރެއިން އިދިކޮޅު ޕީޕީއެމްގެ ކެމްޕެއިން ފައިސާތައް ފްރީޒްކޮށްލުމުން އެޕާޓީން ނެރޭ ކެންޑިޑޭޓުންގެ ކެމްޕެއިނަށް އެހީތެރިވެދޭނެ މަގުތައް ޕާޓީއަށް ބަންދުވާނެއެވެ. މިފައިސާ ހިފަހައްޓަން ސަރުކާރަށް ވަރަށް ގިނަ ބަހަނާތައް ދެއްކެން އޮންނާނެއެވެ. އަދި މިމައްސަލާގައި ޕީޕީއެމުން ކޯޓުގެ އެހީހޯދަން އުޅުނަސް އެކަންވެސް ނުވާނެއެވެ. އަދުލް އިންސާފުގެ ދާއިރާ އޮތް ހާލަތުން އެއީ މިދަނޑިވަޅު ވުން ވަރަށްވެސް ދުރުކަމެކެވެ.
ލަފާކުރެވޭ އަނެއްކަމަކީ އިންތިޚާބު އަންނައިރު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ ބަންދެއްގައި ހުރުމެވެ. އިންތިޚާބުގެ ކެމްޕެއިނަށް ޔާމީނަށް ރަށްރަށަށް ދަތުރުކުރުމުގެ ފުރުސަތު ލިބުމަކީ އިންތިޚާބުގައި އެޕާޓީއަށް ކުރިއެރުން ލިބިދާނެކަމަކަށްވުމާއެކު އެމަގު ބަންދުކުރެވޭނެއެވެ. އެގޮތުން އެމްޑީޕީއާއި ގުޅިފައިވާ އިއްތިހާދަށް ދަތިކަމެއްނެތި މަޖިލީހުގެ ބާރު ނެގިދާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް